ގުޅިފަޅު

ގުޅިފަޅުން ގޯތި ކަނޑައި ރަޖިސްޓްރީ ދޭން ފަށައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ކަނޑައި ގޯތި ހަވާލުކުރަން ފަށައިފި އެެވެ.

ގޯތި ލިބޭ ބައެއް މީހުންނާ އެކު މިއަދު ގުޅިފަޅުގައި ބޭއްވި ރަސްމިއްޔާތުގައި އެކި ބޮޑުމިނުގެ 21 ގޯތި ކަނޑާ ގޯތި ހަވާލުކޮށްފައިވެ އެވެ.

ގުޅިފަޅުން މިއަދު ގޯތި ދޫކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅިފަޅު ހިއްކައިގެން އުފައްދާފައިވާ ބިމާއި ޖެހިގެން މިސަރުކާރުން އަލަށް ހިއްކާ، އުފެއްދި ބިމުންނެވެ.

ގުޅިފަޅުން ޖުމްލަ 2،219 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު މިއަދު ދޫކުރަން ފެށީ 2،450 އަކަފޫޓުގެ ގޯއްޗެވެ. ބިންވެރިޔާ ސްކީމުގައި އެކި ބޮޑުމިނުގެ ގޯތި ހިމެނޭއިރު 4،000 އަކަފުޓޫގެ ގޯތި ފިޔަވާ އެހެން ބޮޑުމިނުގެ ގޯތި ގުޅިފަޅުން ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

ގުޅިފަޅުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ މިއަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހުގެ ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ހުރިހާ ގޯއްޗެއްގެ އިންވަކިކޮށް ހަވާލުކުރާނެ ކަމަށެވެ.

ގުޅިފަޅުގައި މީހުން އާންމުކޮށް އާބާދުވެ ނިމޭއިރު ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ގުޅިފަޅުން ލިބޭނެ ކަމުގެ ޔަގީންކަން އާރިފް ވަނީ ދެއްވާފަ އެވެ. ޕްލޭނިން މިނިސްޓްރީއާއި ގުޅިފަޅު ބަލަހައްޓާ އާބަންކޯ އާއި ސަރުކާރުގެ ބައެއް ކުންފުނިތައް ގުޅިގެން ގުޅިފަޅުގައި ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށޭ އަހަރުގެ ކުރީކޮޅު ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގުޅިފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ގިނަ ވެގެން އަހަރެއްގެ ތެރޭގައި ނިންމާލާނެ ކަމަށެވެ.

"ދެން އެހެން ވަސީލަތްތައް މިސާލަކަށް ސްކޫލު ކަހަލަ ތަންތަން އަދި ކުޑަކޮށް ލަސްވެގެން ހިނގައިދާނެ. އެހެންނަމަވެސް އަސާސީ ހިދުމަތްތައް ފުރިހަމަ ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އަކްރަމް އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ނުދެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރި ބުނި ކަމަށެވެ. ނަމަވެސް ސަރުކާރުން މިކަން ކުރަނީ ޕްލޭނެއް އޮވެ އެ ޕްލޭނާ އެއްގޮތަށް ކަމުގައި ވިދާޅުވި އެވެ.

"ގޯތި ދޭން ފެށީމާ މިހާރު އަހަނީ ތިތަން ތަރައްގީ ކުރަނީ ކިހިނެއްހޭ؟ މިއީ ހިޔާލީ ފޮލައެއް ނޫން،" ފާޑުކިޔުންތަކަށް ރައްދުދެއްވަމުން އަކްރަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ގޯތި ލިބޭ މީހުންނަށް މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ގެންދަނީ ގޯތި ދޫކުރަމުންނެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމުން ޝަރުތު ހަމަވި 19،639 މީހުންނަށް ޖުމްލަ 9،003 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ.

ސަރުކާރުން ނިންމާފައިވަނީ މިބުރުގައި ހުޅުމާލެ އިން 1،351 ގޯއްޗާއި، ގުޅިފަޅުން 2،219 ގޯއްޗާއި، ގިރާވަރުފަޅުން 5,433 ގޯތި ދިނުމަށެވެ. ގޯތި ދޫކުރުމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރު ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.