ގުޅީފަޅު ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައި ދެއްވައިފި އެވެ.
ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މަޝްރޫއުގެ ބޭނުމަކީ ސަރުކާރުގެ ބިންވެރިޔާ ސްކީމަށް ބޭނުންވާ އިތުރު ބިން ހޯދުމެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މި މަޝްރޫއުގެ ސަބަބުން ލުއި ލިބިގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
"މިއީ މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 150 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މި ޕްރޮޖެކްޓް ބޮސްކާލިސްއާއި ހަވާލުކޮށްފާ ވަނީ 120 މިލިއަން ޔޫރޯ -- ދެ ބިލިއަން ރުފިޔާ އަށެވެ.
ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް ނިންމާފައިވަނީ މާލޭގައި ހިންގަމުންދާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ ހިދުމަތް ގުޅީފަޅަށް ބަދަލުކުރަން ނިންމާފައިވާތީ ގުޅީފަޅުގައި ތަރައްގީކުރާ ސަރަހައްދީ ވިޔަފާރި ބަނދަރުގެ މަސައްކަތަށެވެ. އެތަނުން މީހުން ދިރިއުޅުމަށް ގޯތިވެސް ދޭނެ އެވެ.
ބޮސްކާލިސް ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމަށް ގާތްގަނޑަކަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ އެވެ. ނަމަވެސް ހިއްކާ ބިން ހިމާޔަތްކުރުމަށް ރިވެޓްމަންޓް ޖަހާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ