ޑިޒްނީގެ މި ފިލްމުގައި ބުނަނީ "ލެޓް އިޓް ގޯ" އޭ އެވެ. އެކަމަކު މި ފިލްމަކީ އެއްވެސް ބަޔަކަށް، ކުޑަކުދިންނަށް ވެސް އަދި ބޮޑެތި މީހުންނަށް ވެސް، ދޫކޮށްލަން ނުވަތަ ހަނދާން ނައްތާލަން އެހާ ފަސޭހަ ފިލްމެއް ނޫނެނެވެ.
ފިލްމަށް އަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް މިއީ އަދިވެސް ކުޑަކުދިންގެ މެދުގައި ވެސް އެންމެ މަގްބޫލު ކާޓޫނު ފިލްމެކެވެ. ދިވެހި ރާއްޖޭގައި ވެސް އެންމެ މަގްބޫލު ކާޓޫނު ފިލްމަކީ މިއީކަން ޔަގީނެވެ.
ސްކޫލަށް ދާން ފޮތް ދަބަސް ތައްޔާރުކޮށްފައިވާ ގޮތަށް ބަލާލިޔަސް މިކަން ސާބިތުވެ އެވެ.
އަނެއްކޮޅުން ކިރިޔާ ވާހަކަ ދައްކާލަން އެނގޭ ކުއްޖާ ވެސް މި ވަނީ މި ފިލްމުގެ ރަސްމީ ލަވަ "ލެޓް އިޓް ގޯ" ވެސް ހިތު ދަސްކޮށްފަ އެވެ.
އަޅުގަނޑުމެންގެ ގޭގައި ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު އުޅެ އެވެ. ރަނގަޅަށް ވާހަކަ ދައްކަން ނޭނގުނަސް އޭނާ ވެސް މި ލަވަ އަށް ގެއްލިގެން ހުރެ ލަވައިގެ އެކި ތަންތަންކޮޅު އޭގެ އަޑު ދަށުން ކިޔަ އެވެ.
އެހެންވީމަ ޕްރިންސަސް އެލްސާ އާއި "ފްރޯޒެން" ގެ ޖާދޫގައި އެންމެން ވެސް ރަނގަޅަށް ގަނޑުވީއެއް ނޫން ހެއްޔެވެ؟ އަދި މި ފިލްމު ނުބަލާ މީހުންނަށް ވެސް މި ފިލްމުގެ ވާހަކަ އެނގޭނެކަން ޔަގީނެވެ. އަބަދުވެސް ސުރުހީތަކުގައި ފިލްމުގެ ވާހަކަ އޮންނާތީއޭ ވެސް ބުނެވިދާނެ އެވެ.
މި ފިލްމަކީ ތާރީޚުގައި ވެސް ނުކުތް އެންމެ ވިޔަފާރި ރަނގަޅު ފިލްމެވެ. ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެނިމޭޓެޑް ފިލްމުގެ ރިކޯޑް "ފްރޯޒެން" ގެ އަތުގައި އޮތްއިރު މިދިޔަ އަހަރު އެޕަލްގެ އެޕް ސްޓޯރުން އެންމެ ގިނައިން ޑައުންލޯޑްކޮށްފައިވާ ފިލްމަކީ ވެސް މިއީ އެވެ.
ތަޖުރިބާކާރުން ބުނަނީ "ފްރޯޒެން" މަގްބޫލުކަން މިހާ ބޮޑުވުމުގެ ސިއްރަކީ ފެންނަ ކޮންމެ އެއްޗަކުން މި ފިލްމުގެ ދެ ޕްރިންސަސްގެ މޫނު ފެނުމެއް ނޫން ކަމަށެވެ. ހެދުމާއި ދަބަހާއި ފޮތާއި ކުޅޭ ސާމާނާއި ކާ އެއްޗެހީގައި ވެސް "ފްރޯޒެން" ގެ ދެ ޕްރިންސަސްގެ ފޮޓޯ އެވެ.
ތަޖުރިބާކާރުން ބުނަނީ ފިލްމު ޖާދޫ އަކަށް ވެފައި ވަނީ އޭގައި ތަމްސީލުކޮށްދީފައިވާ އާއިލީ މެސެޖު ކަމަށެވެ. ފިލްމުގައި ދައްކުވައި ދެނީ އެއްބަނޑު އެއްބަފާ ދެ އަންހެން ކުދިންގެ ވާހަކަ އެވެ. ދެ މީހުންގެ އުމުރުގެ ބޮޑުބައިގައި ވަކިން އުޅެން މަޖުބޫރުވެފައިވިޔަސް ދެ މީހުންގެ ގުޅުން ކެނޑިގެން ނުގޮސް ހިފަހައްޓާ ގޮތެވެ.
އެހެންވީމަ ތަޖުރިބާކާރުން ބުނަނީ މިއީ އެންމެ ކުޑަ ކުއްޖާ އާއި އެންމެ އުމުރުން ދުވަސްވީ މީހާ އަށް ވެސް ވިސްނޭ އެމީހުންނާ ގުޅޭ އަސަރުގަދަ ވާހަކައެއް ކަމަށެވެ. ދައްތައާ އެކު ކުޅެން ބޭނުންވާ އަންހެން ކުއްޖަކު ދައްކުވައިދޭއިރު އެގޮތަށް ދައްތަ އާއި ބޭބެމެންނާ އެކު ކުޅެން ބޭނުން ނުވާނެ ކޮއްކޮއަކު ނުހުންނާނެކަން ޔަގީނެވެ.
އެމީހުން ބުނަނީ ލަވަ ވެސް ހާއްސަވެފައި ހަނދާނުގައި ފަސޭހައިން ހަރުލަނީ އޭގެ އިބްރަތްތެރި މެސެޖާ ގުޅިގެންނެވެ. ލަވަ އަކީ ވެސް ދައްތަ އަކާއި ކޮއްކޮއެއްގެ އިހްސާސްތަކާ ގުޅިފައިވާ ލަވައެކެވެ.