ހަބަރު

"އިސްލާމީ ލަޝްކަރުގެ ހަރަކާތްތަކުގައި ދިވެހި ސިފައިން އަދި ބައިވެރިއެއް ނުވޭ"

އިސްލާމީ ލަޝްކަރުގެ ތަމްރީންތަކުގައި ދިވެހި ސިފައިން އަދި ބައިވެރިނުވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ސައުދީ އިސްވެ އޮވެ، ރާއްޖެ ވެސް ހިމެނޭ ގޮތުން 20 ގައުމެއް އެކުވެގެން އެކުލަވާލާފައިވާ، އިސްލާމީ ލަޝްކަރުގެ ހާއްސަ ތަމްރީންތަކެއް ބޭއްވުމަށް ސައުދީއިން ދަނީ ތައްޔާރުވަމުންނެވެ. މި އަސްކަރީ ތަމްރީންތަކަށް އެކި ގައުމުތަކުގެ ސިފައިން އެ ގައުމަށް މިހާރު އަންނަނީ ޖަމާވަމުންނެވެ.

އެކަމާއި ގުޅިގެން "އަވަސް"އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިހާތަނަށް ނިންމަވާފައިވާނީ އިސްލާމީ ލަޝްކަރުގައި އަމަލީ ގޮތުން ދިވެހި ސިފައިން ބައިވެރި ކުރަން ކަމަށެވެ. އެހެން ނަމަވެސް އޭގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިޖުރާރުތައް ފުރިހަމަ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަންކަން އަދި މުޅިން ރާއްޖެއަށް ނިންމައި ނުލެވޭ ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ތަމްރީން ތަކުގައި ބައިވެރިވާނީ ކޮން ގޮތަކަށް ކަމާއި ކޮން ލެވަލް އަކަށް ކަން ސަރުކާރުން އަދި ނުނިންމަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމީ ލަޝްކަރު އެކުލަވާލި އިރު ސައުދީ އިން ބުނެފައި ވަނީ، އެ ލަޝްކަރުގެ ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި އިސްލާމީ އުންމަތަށް ކުރިމަތިވަމުން އަންނަ އެކި ޒާތުގެ ގޮންޖެހުންތަކުން މުސްލިމުން ސަލާމަތް ކުރުމާއި މުސްލިމުންގެ އެއްބައިވަންތަކަން ގާއިމް ކުރުން ކަމަށެވެ.