ފެނާއި ކަރަންޓު ހިދުމަތުގެ އަގު ވިޔަފާރިތަކާއި ގޭބިސީތަކަށް އަދި އެއްވެސް ރަށަކަށްވެސް އެއް ތަފާތެއް ނުކޮށް އަގުކޮށް އެއް ރޭޓަކުން ހިދުމަތް ލިބޭ ގޮތަށް ހަމަޖައްސާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހއ. ހޯރަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ފެނާއި ކަރަންޓު ހިދުމަތުގެ އަގު އެއްހަމަކޮށް އަދި ކަރަންޓު ބިލާއި ފެން ބިލް ނުދެއްކިގެން ޖޫރިމަނާ ދައްކަންޖެހިފައިވާ މީހުންގެ ޖޫރިމަނާ ފައިސާ މައާފްކޯށްދޭނެ ކަމަށެވެ.
ސަރުކާރުން ރާއްޖޭގެ ކޮންމެ ރަށެއްގައި އަޅާފައި ހުރި ނަމަވެސް ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި އެއްކޮށް މައާފްކޮށްދެއްވާނެ ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ. އަދި އަލަތު ކައިވެނި ކުރާ ކޮންމެ މީހަކަށް ފްލެޓެއް ދެނެ ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސޯޝަލް ހައުސިން އަށް ކުލި ނެގުމަށްފަހުގައި މާލެ އިން ހިލޭ ބިން ދޫކުރުމަކީ އޭނާ ގަބޫލުކުރާ އިންސާފެއް ނޫން ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެފަދަ ނާއިންސާފު އުސޫލެއް ނުގެންގުޅުއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުލާން ނިކުމެ ޓްރެކް ރިކޯޑު އެންމެ ރަނގަޅު ކެންޑިޑޭޓަކަށް ވޯޓު ދެއްވުމަށްވެސް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.
"އެހެން މީހުން ދައްކާ ވާހަކައިން ކަމަށް ވަންޏާ އަޅުގަނޑާ އެއްވަރުގެ ޓްރެކް ރެކޯޑެއް އޮތް، ސާފުތާހުރި، އެނަޖެޓިކް، އަދި ތަޖުރިބާ ހުރި ކަންތައްތައް ކުރުމުގެ ވިސްނުމާއި ގާބިލިއްޔަތު އެހެން ކެންޑިޑޭޓެއްގެ ކިބައިގައި ނެތް" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ވެރިކަމަށް ކުރިމަތިލީ ވެރިކަމުގެ ދަހިވެތި ކަމުގައި ނޫން ކަމަށާއި އެކަންކުރެއްވީ ގައުމަށް އިސްލާހީ ބަދަލުތަކެއް ގެންނަން ބޭނުންވާތީ ކަމަށެވެ. ވެރިކަން ބޭނުންނަމަ ހުންނަވާނީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ ނުވަތަ ޕީޕީއެމްގެ އެންމެ އިސް މަގާމުގައި ކަމުގައިވެސް ވިދާޅުވި އެވެ.