ރިޔާސީ އިންތިހާބަށް ބާކީ އޮތް ވަގުތުގައި ކެމްޕެއިން އިތުރަށް ވަރުގަދަކޮށް ގިޔަރު މައްޗަށް ޖެއްސުމަށް އެމްޑީޕީގެ ކެމްޕޭން ޓީމްތަކަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައިފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު ހުޅުދޫއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާކަން ފާހަގަކުރައްވާފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް ކަމަށާއި އަނބުރާ ގެއަށް ވަންނަން ވާނީ އިންތިހާބު ކާމިޔާބުކުރުމަށްފަހު ކަމަށެވެ.
"އަޅުގަނޑު ކެމްޕޭން ޓީމަށް ދަންނަވާލާނީ އެއް ގިޔަރު މައްޗަށް ޖައްސާލާށޭ. ނިދަން އުޅޭނެ ކަމެއް ނެތް ދެ ދުވަހު. އެއަށް ފަހު ވޯޓުލާ ނިންމާފައި ގެއަށް ވަންނާނީ. އެއްބުރުން މިކަން ނިންމާނަން" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވަރަށް ގިނަ ރަށަށް ވަޑައިގެންނެވިފައިވާއިރު ކެމްޕޭން ޓީމްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ރޭ އައްޑޫ ސިޓީއަށް ވަޑައިގަތުމުން ފެނިވަޑައިގަތީ އިންތިހާބު ނިމި އެމްޑީޕީއަށް ކާމިޔާބުވެފައިވާ މަންޒަރު ކަމަށެވެ. އެއީ ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެންނަ މަންޒަރު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި 130،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށާއި އެ އަދަދަށް ވޯޓު ލިބިއްޖެނަމަ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.