ހަބަރު

ދައުވާއަށް މަހުލޫފު އިންކާރު، ހެކި ހުށަހަޅަން ތިން ދުވަސް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އިންކާރު ކުރައްވައިފި އެވެ. މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ދައުވާ އެވެ.

މިއަދު ބޭއްވި މި މައްސަލާގެ ދެވަނަ އަޑުއެހުމުގައި ދައުލަތުން ވަނީ، މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވާފަ އެވެ. މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ދައުވާ އެވެ. ދައުވާ އިއްވުމުން މަހުލޫފު ވިދާޅުވީ، ދައުވާއަށް އިންކާރު ކުރައްވާ ކަމަށާއި، އޭނާ ކުރާ މަސައްކަތަކީ ފިލައިގެން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ.

މަހުލޫފުގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ، މަހުލޫފު ކޯޓުން ނެރުނު ވަގުތު އެތަނަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އާއިލާ މީހުން އެއްވެ ތިބުމުން އެމީހުންނަށް "ހައި" ޖަހާލުމަށް މަހުލޫފު މަޑުކޮށްލި ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ގަދަކަމުން ވެހިކަލަށް އަރުވަން މަސައްކަތް ކޮށްފަ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ، އެ ސަރަހައްދުގައި މަހުލޫފުގެ އަންހެނުން ހުރުމުން، ނުފެނި ގިނަ ދުވަސްވެފައިވާތީ ބައްދާލާ، ސަލާމްކޮށްލަން ބޭނުންވެ އެކަން ކުރަން އުޅުނު ކަމަށާއި އެއީ ފުލުހުންނަށް ފިލަން ކުރި ކަމެއް ނޫން ކަމަށެވެ.

ޝަރީއަތުން ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމުން މަހުލޫފުގެ ވަކީލް ވިދާޅުވީ، ހެކި ތައްޔާރުކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ. ގާޒީ ވަނީ ހެކި ތައްޔާރުކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. ދެން އަންނަ އަޑުއެހުމެއްގައި އޮންނާނީ ދެ ފަރާތުން ވެސް ހެކި ހުށަހެޅުމެވެ.

މި ދައުވާ މަހުލޫފުގެ މައްޗަށް ސާބިތުވި ނަމަވެސް މަހުލޫފުގެ ގޮނޑި ނުގެއްލޭނެ އެވެ. ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ކުށަށް އެންމެ ބޮޑު އަދަބަކަށް ވެސް ދެވެނީ ހަ މަހުގެ ޖަލު ހުކުމެކެވެ. ގޮނޑި ގެއްލޭނީ މަދުވެގެން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްގެންނެވެ.