ދިރާގު

"އޮއެވަރު" ކޮންފަރެންސަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދެނީ

Sep 7, 2023

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް -- އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތު -- އެންސީއެމްއެޗްއިން އިންތިޒާމްކޮށްގެން ބާއްވާ "އޮއެވަރު މެންޓަލް" ހެލްތު ކޮންފަރެންސްއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އަންނަ މަހުގެ 15 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގެ ޝިއާރަކީ "ޗޭންޖިން ކަރަންޓްސް: ފޯމިން ކަނެކްޝަންސް" އެވެ. "އޮއެވަރު" ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ.

މި އިވެންޓްގެ މަގުސަދަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވާ މިކަމާ ގުޅޭ ވާހަކަ އާންމުކުރުމެވެ.

މީގެ އިތުރުން މި ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި މި ހިދުމަތް ބޭނުންކުރާ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަށް އެއްތަނެއްގައި މުއާމަލާތްކޮށް، އެކަކު އަނެކަކުގެ ތަސައްވުރު ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި އިވެންޓުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ އެންމެ ފަހުގެ ދިރާސާތަކާއި އިޖާދީ އުކުޅުތަކާ ބެހޭ ގޮތުން އެކި އެކަޑެމިކް ޕްރެޒެންޓޭޝަންތަކާއި މިހާރު ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކުގެ އިތުރުން އެވިޑެންސް ބޭސްޑް ސިޔާސަތުތައް ގާއިމްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ކީނޯޓް ސްޕީޗްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ތަޢުލީމީ ޕްރެސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ އިޖްތިމާޢީ މައްސަލަތަކަށް ހައްލެއް ހޯދައިދޭފަދަ ތަފާތު ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދިނުމަށެވެ.