ދުނިޔެ

އިންޑިއާގެ ހަރްޔާނާ ސްޓޭޓްގައި ކާފިއު އިއުލާނު ކޮށްފި

ވަޒީފާ ދިނުމުގައާ މަތީ ތައުލީމީ ފުރުސަތުތައް ހޯދަައިދިނުމުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ އިންޑިއާގެ ހަރްޔާނާ ސްޓޭޓްގައި މިހާރު ކުރަމުންދާ މުޒާހަރާގެ ސަބަބުން އެ ސްޓޭޓްގައި ކާފިއު އިއުލާނު ކޮށްފި އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ވެހިކަލްތަކުގަ އާއި ބަސް އަދި ޝޮޕިން މޯލްތަކުގައި އަލިފާން ރޯކޮށް ހުޅުޖަހާފަ އެވެ. ބައިވެރިން ދަނީ ހަމަހަމަ ކަމާއެކީ ވަޒީފާގެ ފުރުސަތު ތަކާއި މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތުތަކަށް ޑިމާންޑު ކުރަމުންނެވެ.

ހަރްޔާނާ ސްޓޭޓްގެ ސިފައިން ދަނީ މުޒާހަރާ ކޮންޓްރޯލްކޮށް ރޫޅާލަން މަސައްކަތް ކުރަމުންނެވެ. އަދި ކާފިއު އިއުލާނު ކުރުމާއެކު އިތުރު ސފައިންވަނީ އެސިޓީއަށް ގޮސްފަ އެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި މި މުޒާހަރާގައި އިއްޔެ އާއި ހަމައަށް ނުވަ މީހުން ވަނީ މަރުވެފަ އެވެ. މުޒާހަރާގެ ބައިވެރިންނާއި ސިފައިންނާ ދެމެދު އެކިވަރުގެ ކުރިމަތިލުންތަކެއް ވަނީ ހިނގާފަ އެވެ.

އަދި މީގެއިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ޖިންދް ސިޓީގެ ރޭލްވޭ ސްޓޭޝަން އަދި އެހެން ޓައުންތަކުގައި ހުރި ޕެޓްރޯލް ޕަމްޕު ތަކެއްގައިވެސް ރޯކޮށްލާފަ އެވެ. އަދި މި މީހުން ވަނީ ދިއްލީ އާއި ހަމައަށް އައިސްފަ އެވެ. ނަމަވެސް ސިފައިން ވަނީ ހައިވޭތައް ބަންދުކޮށް ކުރިއަށް ދިއުމަށް ހުރަސް އަޅާފަ އެވެ.

މި މައްސަލައިގައި ހަރްޔާނާ ސްޓޭޓްގެ ލީޑަރުން ސަރުކާރާ ދެއްކި ވާހަކަތައް ވަނީ ވަކި ކޮޅެއްގައި ނުޖެހި ނިމިފަ އެވެ. ނަމަވެސް އެ ސްޓޭޓްގެ ޗީފް މިނިސްޓަރު އެމްއެލް ހައްތާރު ވަނީ މުޒާހަރާގެ ސަބަބުން މުޖުތަމައުގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާ އަކީ ޒަމާނުއްސުރެން ނަސްލީ ތަފާތު ކުރުންތައް ބޮޑު ގައުމެއްކަން ފާހަގަކުރެވެ އެވެ.