އީޕީއޭ

ވެލާ ފެޅި މީހުންގެ ޖޫރިމަނާއަށް ލުއި ދީފި

ވެލާ ފަޅައި، ކެއްކި މީހުންގެ ޖޫރިމަނާ ފައިސާ ދައްކަން ދިން މުއްދަތު ހަމަވިއިރުވެސް ފައިސާ ނުދައްކާ އޮއްވާ އެ މީހުންނަށް ލުއި އެވެ.

ޖޫރިމަނާ ކުރީ މިކަމުގައި އަމަލީގޮތުން ބައިވެރިވި ފަސް މީހަކާއި އިތުރު ދެ މީހުންނާ އެކު ޖުމްލަ ހަތް މީހެކެވެ.

މި މީހުންގެ ތެރެއިން ކޮންމެ މީހަކު 198،000 ރުފިޔާ އިން ޖޫރިމަނާކޮށް ފައިސާ ދެއްކުމަށް އޭރު ދިނީ 30 ދުވަހެވެ.

ޖޫރިމަނާ ފައިސާ ދެއްކުމަށް އެމީހުންނަށް އަންގާފައިވަނީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.

އެންވަޔަރަންމަންޓް ޕްރޮޓަކްޝަން އޭޖެންސީ (އީޕީއޭއިން) އިން މި މީހުންގެ ޖޫރިމަނާއަށް ލުއި ދިނީ ބަންޑާރަނައިބްގެ ލަފާގެ މަތިންނެވެ.

ޖޫރިމަނާގެ ގޮތުގައި މިހާރު ދައްކަންޖެހެނީ ކޮންމެ މީހަކު 33،000 ރުފިޔާ އެވެ. މިފައިސާ ދެއްކުމަށް 30 ދުވަސް ދީފައިވަނީ މިއަދުން ފެށިގެންނެވެ.

ބ. ކެޔޮދޫގައި މިއަހަރުގެ ފެބްރުއަރީ ތިންވަނަ ދުވަހު ވެލާ ފަޅައި ކައްކަނިކޮށް އަތުލައިގަތް ފަސް މީހުންނަކީ ބ. ކެންދޫ މީހުންނެވެ.

ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ކަހަނބުގެ ހުރިހާ ބާވަތެއް ރާއްޖޭގައި ވަނީ ހިމާޔަތްކޮށްފަ އެެވެ.