މީހުން

ވިޔަފާރި ތަރައްގީއަށް މިވަރުގެ ސިކުނޑިއެއް ކޮބާ؟

Feb 19, 2016
4
  • މަޓާޓޯގެ ތަރައްގީއަށް ގިނަ ހިދުމަތްތަކެއް ކުރޭ
  • އިނަ މޯލްޑިވްސްއަށް ކުރިއެރުން ގެނެސްދިން
  • ކިޔަވަން އުޅުއްވިއިރު ސްރީލަންކާގައި ގިނަ މަސައްކަތްތަކެއް ކުރި

އަވަށްޓެރި ސްރީންލާގައި އޭނާގެ ހުނަރު ދައްކާލި އެވެ. ބޮޑު ވިޔަފާރިއެއް ތަރައްގީ ކުރުމުގައި އިސް ދައުރެއް ކުޅުނެވެ. އެކަން ސްރީލަންކާގެ ގިނަ ބަޔަކު ވެސް ފާހަގަ ކުރެ އެވެ. އޭނާގެ ސިކުނޑީގެ ބޭނުންކޮށްގެން ގިނަ އީޖާދުތަކެއް ކުރި އެވެ. ވިޔަފާރީގެ މޮޅެތި ހިޔާލު ތަކެއް އުފަންކުރުވި އެވެ. މި ހުނަރުވެރިއަކީ އިނަ މޯލްޑިވްސް ހޮލިޑޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގިޔާސް (އަބްދުﷲ) އެވެ.

"ސްރީލަންކާގައި އުޅުނުއިރު ވަރަށް ގިނަ ކަންތައްތައް ކުރިން. ސްރީލަންކާގެ މިލީނިއަމް ޕާކް ތަރައްގީ ކުރަމުން ދިޔައިރު އެ ތަނުގެ މެނޭޖުމަންޓް ލެވަލްގައި ވެސް މަސައްކަތް ކުރިން،" ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ އިނަ މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ވިދާޅުވި އެވެ.

ސްރީލަންކާގެ "ބްރިޓިޝް ސްކޫލް" އާއި އިނގިރޭސިވިލާތުން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި އަބްދުﷲ ގެ ވާހަކަ ދައްކާނަމަ އެއީ ސާދާ ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރެވިދާނެ އެވެ. ގިނަ ބަޔަކާ ގުޅިގެން މަސައްކަތް ކުރާ ހީވާގި ސިކުނޑިއެއްގެ ގޮތުގައި ވެސް ނެގިދާނެ އެވެ. މީހުނާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު ވެގެން ގޮސްފައިވަނީ އަބްދުﷲ ކުރިއަށް ދުއްވައިގަތުމުގެ އެއް ސަބަބެވެ. ހާއްސަކޮށް ސްރީލަންކާގައި އުޅުނުއިރު މިލީނިއަމް ޕާކުގެ މަޝްރޫއާއި އެ ގައުމުގެ ސޮފްޓްވެއާ ކުންފުންޏެއްގައި އޭނާ ކުރެއްވި މަސައްކަތް ވެގެން ގޮސްފައިވަނީ މިހާރު ވެސް ރަން އަކުރުން ފެވޭނެ ކަންތައްތަކަށެވެ.

އަބްދުﷲ ގެ ދިރިއުޅުން ރާއްޖެއަށް ބަދަލުވީ 2005 ވަނަ އަހަރެވެ. މިއީ އޭނާގެ މަސައްކަތް ދިވެހިންނާ ހަމައަށް ފެނިގެން ދިޔަ ހިސާބެވެ. މި ބަދަލުގެ ފުރަގަހުގައި ވަނީ އޭނާގެ ބޮޑުބޭގެ އަދި އިނަ މޯލްޑިވްސްގެ ބާނީ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) އެވެ.

"ކިޔަވަން އުޅުނު އިރު ވެސް މާލެ އައިސް އިނަ މޯލްޑިވްސްގެ ތެރޭގައި އުޅެވޭ. އެހެންވެ ކޮންމެ ވެސް ވަރަކަށް ޓްރެވަލް ވިޔަފާރި އެނގޭ. ޔޫކޭގައި ހުއްޓާ ފިރާ ބުނީ ހިނގާށޭ ދެ ތިން މަހަށް މަސައްކަތުގައި އުޅެލަން. އެގޮތަށް ދެ ތިން މަހަށް އައި ގޮތަށް މި އުޅެނީ،" އަބްދުﷲ ވިދާޅުވި އެވެ.

"މިހާރު އަސްލު ވަރަށް ބޮޑަށް އިންޓްރެސްޓް ހުރޭ މި [ޓްރެވަލް ޓޫރިޒަމް] ދާއިރާ އަށް."

އަބްދުﷲ ވަނީ ސްރީލަންކާ އިން ގިނަ ތަޖުރިބާ ތަކެއް ހޯއްދަވާފަ އެވެ. "މިލީނިއަމް" ޕާކް ހިންގާ ކުންފުނީގެ އޯނަރާއި އޭނާގެ ދަރިފުޅު ދިން ފުރުސަތުގައި އޭނާގެ ސިކުނޑި ބޭނުން ހިފި އެވެ. މިގޮތުން ސްރީލަންކާގެ ބޭންކްތަކަށް ގޮސް ފައިސާ ހޯދައިގެން "މިލީނިއަމް ޕާކް" ތަރައްގީ ކުރުމުގައި މުހިންމު ރޯލެއް އޭނާ އަދާކުރެއްވި އެވެ.

"އަމިއްލަ އަށް ބިޒްނަސް ޕްލޭން ހަދައިގެން ގޮސް ފައިސާ ހޯދީ. މިލީނިއަމް ޕާކްގެ އޯނަރުގެ ދަރިއަކާ ގުޅިގެން. މި އިންވެސްޓްމަންޓް ހޯދުމުން އެމީހުން ވަރަށް ޝައުގުވެރިވެފައި ތިބީ،" އަބްދުﷲ ވިދާޅުވި އެވެ.

އަބްދުﷲގެ ކުޅަދާނަކަން އެނގުނީ 2005 ވަނަ އަހަރު "އިނަ މޯލްޑިވްސް" ގެ ހިންގުމުގައި އުޅެން ފެށި ހިސާބުން ފެށިގެންނެވެ. ވިޔަފާރީގެ ގިނަ ހަރަކާތްތަކެއް ހިންގާ ހޯދި ތަޖުރިބާގެ އަލީގައި އޭނާ ވަނީ އިނަ މޯލްޑިވްސް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އިނަ މޯލްޑިވްސްގެ ދަށުގައި ހުރި ކުންފުނިތަކުގެ ހިންގުމަށް ބޮޑު ބަދަލެއް ގެންނެވި އެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވުނު އެއް ބަދަލަކީ އިނަ މޯލްޑިވްސްގެ އެއާލައިން ޑިޕާޓްމަންޓް ވަކިކޮށްލުމެވެ.

"ކުންފުނީގެ ދަށުގައި ހުރި ޖޮއިންޓް ވެންޗާ ވިޔަފާރިތަކަށް. ރިސޯޓު ހިންގުން ނޫން ހުރިހާ ކަމެއް ކުރަން އެބަ. އެހެންވެ އައި ގޮތަށް އެންމެ ބޮޑު ބަދަލެއް ގެނައީ މި ކަމަށް،" ސަތޭކައަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ޓްރެވަލް ކުންފުނީގެ އެންމެ އިސްކޮށް ހުންނެވި، އަބްދުﷲ ވިދާޅުވި އެވެ.

އަބްދުﷲގެ ތަނަވަސް ހިޔާލާއެކު އެ ކުންފުނީގެ އިންޖީނު މިހާރު ހުރީ މެކުހަށް ޖަހާފަ އެވެ. އެކަން އެނގެނީ ކުންފުންޏަށް މިވީ އަށެއްކަ އަހަރުގެ ތެރޭގައި ލިބިގެންދިޔަ ބޮޑު ކުރިއެރުމެވެ.

"ފުރަތަމަ ފެށި ދުވަސްވަރާ ބަލާއިރު އިނގިރޭސިން ބުނާނަމަ ފައިވް ފޯލްޓްސްގެ ގްރޯތެއް ވަނީ އައިސްފައި. ރެވެނިއު އާއި ވިޔަފާރިން. އޭރުގައި ޓޮޕް ލެވަލް މެނޭޖުމަންޓުގައި ވެސް މައްސަލަ ތަކެއް ހުރި. ބޮޑަށް ކުންފުނި އޮގަނައިޒް ކުރީ،" އަބްދުﷲ ވިދާޅުވި އެވެ.

"ކުރީގައި އަޅުގަނޑުމެން ޑިޕެންޑްވީ އިން-ބައުންޑުން ލިބޭ އެއްޗަކަށް. އަންނަ ޓޫރިސްޓް މީހާއަށް. އޭރުގައި ހަމަ އެކަނި ޔޫރަޕަށް. ޓިކެޓިން އަކީ ވެސް މިހާރު އަޅުގަނޑުމެންގެ ރެވެނިއުގެ ބޮޑު ބައެއް. ބައެއް މަސް މަހު، މިއަދު އެބަހުރި 40 ޕަސެންޓް ނޫނީ 50 ޕަސެންޓުގައި. މިއަދު ހަމައެކަނި އިނަ މޯލްޑިވްސްއަކީ ހަމައެކަނި ސްރީލަންކަން އެއާލައިންސް، ނޫނީ ޓައިގަ އެއާވޭސް ނޫނީ ފްލައި ޑުބާއީގެ ޖީއެސްއޭއެއް ނޫން. ގިނަ އެއާލައިންތަކެއްގެ ޖީއެސްއޭކަން ވެސް މިހާރު އެބަ ކުރަން."

އަބްދުﷲ ވިދާޅުވި ގޮތުގައި އޭނާގެ ހުވަފެނަކީ ޓްރެވަލް ވިޔަފާރީގައި ކުރިއެރުން ހޯދުމެވެ. އެކަމަށް އޭނާ ވަނީ އަޒުމް ކަނޑައަޅާފަ އެވެ.

"ކޮންމެހެން ރިސޯޓަކަށް ދިއުމުގެ ބަދަލުގައި ޓްރެވަލްސްގެ ދާއިރާ އިން ކުރިއަރަން ބޭނުންވަނީ. ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި މެލޭޝިޔާ ފަދަ ގައުމުތަކުގައި ޓްރެވަލް ދާއިރާ އިން ވަރަށް ބޮޑު ކުރި މަގެއް އެބައޮތް،" މަޓާޓޯގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ، އަބްދުﷲ ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ގިނަ ފްލައިޓްތައް ބާއްވާ ސްރީލަންކަން އެއާލައިންސްގެ ޖެނެރަލް ސޭލްސް އެޖެންޓް [ޖީއެސްއޭ] ކަން ލިބުމުގައި އަބްދުﷲ ގެ ދައުރު ވަރަށް ބޮޑެވެ.

"އެއިރު ސްރީލަންކަން އެއާލައިންސްގެ ޖީއެސްއޭކަން ހޯދަން އުޅުނުއިރު ގިނަ ބަޔަކު ބުނި ތިޔަކަމެއް ނުވާނެއޭ! ތިއީ ވަރަށް ގިނަ ބަޔަކު ކުރަން އުޅުނު ކަމެކޭ. ގާތްގަނޑަކަށް ހަތަރު އަހަރުވި ސްރީލަންކަން އެއާލައިންސްގެ ޖީއެސްއޭ ނަގަން،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އޮތީ ވަރަށް ޝައުގުވެރި ކުރުވަނިވި ގޮތަކަށް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް އިންޓްރެސްޓިން ޕީރިއަޑެއްގައި މި ދަނީ. ޓްރެޑިޝަނަލީ އަޅުގަނޑުމެންގެ ޓޫރިޒަމް ވިޔަފާރި މި އޮންނަނީ ކޮންމެހެން ޓްރެވަލް އެޖެންސީތަކަށް މާބޮޑު ފޭވަރަބަލް ގޮތަކަށް ނޫން. ރިސޯޓުތަކުން އަމިއްލަ އަށް އެކްސްކާޝަން ތައް ހަދަނީ. އެހެން ގައުމުތަކުގައި ތަފާތު. ނަމަވެސް އަލަށް އަންނަ އާ ބެޑްތަކާއި ރިސޯޓުތަކަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް،" އަބްދުﷲ ވިދާޅުވި އެވެ.

"އަހަރެން ހަނދާން ހުރޭ 2005 ވަނަ އަހަރު ފެށިއިރު ވަރަށް އުނދަގޫ ރިސޯޓުން ރޫމް ހޯދަން. އޭރުގައި މި އޮންނަނީ އެކްސެސް ޑިމާންޑެއް. ލިމިޓެޑް ސަޕްލައިއެއް. ކުރިން ރޫމް ނުލިބޭ. ނަމަވެސް މިހާރު އެބަހުރި. ގިނަ ބެޑްތައް އައުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް،"

އަބްދުﷲ ޓްރެވަލް ވިޔަފާރީގައި އެންމެ ބޮޑު ފޯކަސްއަކީ ރާއްޖެ އިޝްތިހާރު ކުރުމެވެ. ހިންގާ ކުންފުނި އިޝްތިހާރު ކުރުމުގެ ބަދަލުގައި އޭނާގެ އަބަދު ވެސް މަސައްކަތް ކުރަނީ ގައުމު އިޝްތިހާރު ކުރުމަށެވެ އެގޮތުން މި މަސައްކަތުން ބައެއް އެއާލައިންތަކުން ވެސް ރާއްޖެއަށް ދަތުރު ފަށާފައިވެ އެވެ. ނަމަވެސް މި މަސައްކަތުގައި ދެމި ހުންނެވި ނަމަވެސް، އޭނާ ހުރީ ބޮޑު ފިކުރެއްގަ އެވެ. ސަބަބަކީ އެހެން ޓްރެވަލް ކުންފުނިތަކުގެ ވެރިންނެކޭ އެއްގޮތަށް ދިވެހި ޓްރެވަލް އެޖެންޓުންނަށް އެކަށީގެންވާ ގާނޫނީ ހިޔާވަހިކަން ނުލިބުމެވެ.

"މީގެ 30 އަހަރު ކުރިން އައި ޓްރެވަލް އެޖެންސީތައް އެބަހުރި ރާއްޖޭގައި ވިޔަފާރިކުރާ. އެއީ ވަރަށް ބޮޑު މައްސަލައެއް. ރާއްޖޭގައި ބޭރުގެ ފޮޓޯގްރަފަރުންނަކަށް ނޫޅެވޭ. މިގޮތަށް ޓްރެވަލް އެޖެންޓުންވެސް ޕްރޮޓަކްޓް ކޮށްދޭން ޖެހޭ. އެހެންމެ ފަހުން ރިވައިސްކުރި ޓްރެވަލް އެކްޓުގައި ވެސް ޓްރެވަލް އެޖެންޓުންނަށް ނޯވެ މާބޮޑު ހިމާޔަތެއް. މިކަން އެބަޖެހޭ ރަނގަޅު ކުރަން،" އަބްދުﷲ ވިދާޅުވި އެވެ.

"ފައިނޭންސް ރެއިޒް ކުރެވޭނެ ގޮތްތަކެއް ވެސް ބޭނުންވޭ. ސަރުކާރުން ވެސް ބޮޑަށް ބައްލަވަނީ ވިޔަފާރި ސްޓާޓް ކުރަން. މީގެ ބަދަލުގައި އެބަ ޖެހޭ ވިޔަފާރި މެއިންޓެއިން ކުރަން ވެސް އިންސެންޓިވްތަކެއް ދޭން. ޓްރެވަލް ވިޔަފާރިއަކީ ހަގީގަތުގައި ވަރަށް ކުޑަ މާޖިންއެއްގައި ވިޔަފާރިކުރާ ބައެއް. އެހެންވެ ގާނޫނީ ގޮތުން ވެސް ހިމާޔަތް ލިބެން އެބަޖެހޭ."

އަބްދުﷲ ދަނީ ރާއްޖޭގެ ޓްރެވަލް އެޖެންޓުން ކުރިއަރުވަން ގިނަ މަސައްކަތްކެއް ކުރަމުންނެވެ. ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ "މަޓާޓޯ" ގެ ރައީސަކީ ވެސް މިހާރު އޭނާ އެވެ. އެގޮތުން މި ޖަމިއްޔާ އިން ވަނީ ޓްރެވަލް ދާއިރާ އަށް ލަގްޒަރީ އެވޯޑެއް ތައާރަފުކޮށްފަ އެވެ. "މަޓާޓޯ ޓްރެވަލް އެވޯޑު" ގެ ނަމުގައި ކުރިއަށް ގެންދާ މި އެވޯޑު މިހާރު ވަނީ ރާއްޖޭގެ ހަފޮޅުން ބޭރަށް ގޮސްފަ އެވެ.

"މަޓާޓޯގައި އަޅުގަނޑަކަށް ވަރަށް ބޮޑު އިންވޯލްމަންޓެއް ވެއްޖެ. ގިނަ ކަންތައްތަކެއް އިމްޕްލިމެންޓް ކުރުމުގައި އުޅެވިއްޖެ. އެކަމަކު އަދި ވެސް ވަރަށް ބައިވަރު މަސައްކަތް ކުރަން އެބައޮތް. އަޅުގަނޑު މިކަން ކުރަނީ ވަރަށް ކުރާ ހިތުން. ބޭނުންވަނީ ލޭމް އާއި މަޓީ ފަދަ ޖަމިއްޔާ ތަކާ ގުޅިގެން ކުރިއަށް ދާ،" މަޓާޓޯގެ ގިނަ މަގާމުތަކެއް އަދާ ކޮށްފައިވާ އަބްދުﷲ ވިދާޅުވި އެވެ.

މި ހިދުމަތް ތެރިޔާގެ މިޝްރާބު ހުރީ އަދިވެސް ކުރިއަށެވެ. އަބްދުﷲ ބޭނުންވަނީ ވިޔަފާރީގައި ކުރިއަށްދާށެވެ. ޓްރެވަލް އެޖެންޓުންގެ ދާއިރާ ތަރައްގީ ކުރާށެވެ.