އެމްޑީޕީ

ޖޭޕީގެ އަންހެނުންގެ ލީގުގެ ރައީސާ ހިންނާ އެމްޑީޕީއަށް

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި އެ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ހިންނާ ހާލިދު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

އެމްޑީޕީއަށް ސޮއިކުރައްވާ ހިންނާ ވަނީ ފޯމު ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަވާލުކުރައްވާފަ އެވެ.

އެމްޑީޕީއަށް ހިންނާ ސޮއިކުރެއްވި ސީދާ ދުވަހެއް ސާފުވާ ގޮތެއް ނުވި އެވެ. ނަމަވެސް އޭނާ ސޮއިކުރެއްވި ކަން އެމްޑީޕީން ހާމަކުރީ މިއަދު އެވެ.

ޖޭޕީން މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ވާދަކޮށް އެންމެ ގިނަ ވޯޓާއެކު މަގާމަށް އިންތިހާބުވީ ހިންނާ އެވެ.

މީގެ އިތުރުން ހިންނާ ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމުގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި އިސްކޮށް މަސައްކަތްކުރައްވާފަ އެވެ. އަދި ގާސިމު ޕްރޮމޯޓްކުރުމަށް ޖަލްސާތަކާއި ޓީވީ ޝޯތަކުގައިވެސް ހިންނާ ވަނީ ވާހަކަ ދައްކަވާފަ އެވެ.

ހިންނާގެ ފިރިކަލުން އަބްދުﷲ މުހައްމަދަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނ. ވެލިދޫ ދާއިރާގެ ކުރީގެ ރައީސް އެވެ. މިވަގުތު އޭނާ ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގަ އެވެ.