ދުނިޔެ

ސިރިޔާއަށް ސިފައިން ނުފޮނުވުމަށް ގޮވާލާ އިރާނުން ސައުދީއަށް އިންޒާރުދީފި

ސީރިޔާގައި ހައްދު ފަހަނައަޅާފައިވާ އައިއެސް ޖަމާއަތުގެ މީހުން ކުރަމުންދާ ހަނގުރާމައަށް ސިފައިން ނުފޮނުވުމަށް އެދި އިރާނުގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް ސައުދީއަށް އިންޒާރު ދީފި އެވެ.

ޒާރިފް ވިދާޅުވީ ސައުދީ ކޯލިޝަނުން އިސްވެ އޮވެ އެގޮތަށް ސީރިޔާއަށް ސިފައިން ފޮނުވާނަމަ ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލްތަކާއި ހިލާފްވެވިދާނެ ކަމަށެވެ. އަދި ޒާރިފް ވަނީ ޔަމަނަށް ދެމުންދާ ވައިގެ ހަމަލާތައް ހުއްޓާލުމަށްވެސް ގޮވާލާފަ އެވެ.

އިރާނާކީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމަށް ތާއިދުކުރާ ގައުމެކެވެ.

"އަހަރުމެންނަށް އިނގޭ ސީރިޔާގައި ހިންގަމުންދާ ޖަރީމާތަކަކީ ނުރައްކާތެރި ކަމެއްކަން. އަހަރެން ގަބޫލުކުރާ ގޮތުގައި އެންމެން ގުޅިގެން މަސައްކަތް ކޮށްގެން މިކަންކަމަށް ހައްލު ހޯދަން ޖެހޭނެ. އިތުރަށް ނުރައްކާތައް އުފައްދާ ސުލްހަވެރިކަން ނައްތާލަން މަސައްކަތް ކުރުމަކީ ހައްލެއް ނޫން." ޒާރިފް ވިދާޅުވި އެވެ.

އިރާނުން ވަނީ މިހާތަނަށް އެތައް ހާސް މިލިޓަރީ އެޑްވައިޒަރުން ސީރިޔާއަށް ފޮނުވާފަ އެވެ. ޒާރިފް ވިދާޅުވީ އެގައުމުން ސީރިޔާ އަށް އެހީތެރިވެދޭނީ އެގޮތަށް ކަމަށެވެ. އަދި އިރާނަކީ ހިޒްބުﷲ އާއި އިރާގުގެ ޝީއީ ހަނގުރާމަވެރި ޖަމިއްޔާތަކަށް ތާއިދުކުރާ ގައުމެކެވެ

އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ބައެއް ގައުމުތަކުން މިހާރު އަންނަނީ ސީރިޔާއަށް ވައިގެ ހަމަލާތައް ދެމުންނެވެ. މިހަމަލާތަކުގައި އާއްމުން މަރުވާ މިންވަރު އިތުރުކަން ފާހަގަކުރެވެ އެވެ.