ހަބަރު

ގާނޫނާ ހިލާފަށް ފައިސާ އެތެރެކޮށްފައެއް ނުވާނެ: ބީއެމްއެލް

ގަވާއިދާ ހިލާފު ކަމެއް ކޮށްފައިނުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފި އެވެ. ބީއެމްއެލްއިން މިހެން ބުނެފައިމިވަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބޭންކްތަކުގެ އިހުމާލެއްވާ ކަމަށް ބުނެ ވާހަކަތައް ފެތުރެމުންދަނިކޮށެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދަނީ ބޭންކްތަކުގެ އިހުމާލެއް ހިޔާނާތުގައިވޭތޯ ބަލަމުންނެވެ.

ބީއެމްއެލްގެ މުވައްޒަފުންނަށް ފޮނުވި ސިޓީއެއްގައި ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ބީއެމްއެލްއިން ގަވާއިދާ ހިލާފުކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ބީއެމްއެލްއިން އަބަދުވެސް މަސައްކަތް ކުރަނީ ގައުމުގެ ކުރިއެރުމަށާއި ބޭންކްގެ ފައިދާއަށް ކަމަށް ހީލީ ވަނީ ވިދާޅުވެފަ އެވެ.

މެސެޖްގައި ހީލީ ވިދާޅުވެފައިވަނީ، ގަވާއިދާ ހިލާފު ކަމެއްގައި ބައިވެރިވެފައިނުވާނެ ކަމުގެ 100 ޕަސެންޓް ގެރެންޓީ ދެއްވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގިޔަ ވެސް ނުދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ބީއެމްއެލްއިން އަބަދުވެސް މަސައްކަތްކުރަނީ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ކަމަށާއި ރާއްޖެއަށް ބޭރުގެ އިންވެސްޓްމެންޓްތައް އައުމަކީ އެ ބޭންކުން އެދޭ ގޮތް ކަމަށް ހީލީ ވިދާޅުވި އެވެ.

ހީލީ ވަނީ އެ ބޭންކްގެ މައްޗަށްކުރާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އެގޮތުން ބީއެމްއެލްގެ އެހީތެރިކަމާއެކު ރާއްޖެއަށް ގިނަ އަދަދެއްގެ ފައިސާ އެތެރެކުރި ވާހަކަ ހީލީ ވަނީ ދޮގުކުރައްވާފަ އެވެ.

އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން އޮޑިޓާ ޖެނެރަލް އާންމު ކުރެއްވި ހާއްސަ އޮޑިޓް ރިޕޯޓްގައި ބޭންކްތަކުގެ ބައެއް ޕޮލިސީތަކުގެ ދޯދިޔާކަން ފާހަގަކޮށްފައިވެ އެވެ. މިކަމާ ގުޅިގެން އެމްއެމްއޭއިން ބުނެފައިވަނީ، އެ ކަންކަން ދިމާވެފައި ހުރީ ބޭންކްގެ އޮޕަރޭޝަނަލް ޕޮލިސީތަކާއި އެ ޕޮލިސީތަކަށް އަމަލު ކުރުމުގައި ހުރި މައްސަލަތަކަކުންތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ބޭންކިން ނިޒާމު ހަރުދަނާކޮށް ކަސްޓަމަރުންނާއި އާންމުންނާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ބޭންކިން ނިޒާމަށް އުފެއްދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.