ޕީޕީއެމް

ސަރުކާރުގެ ފިއްތުންތަކާ އެކުވެސް ލިބުނީ ބޮޑު ކާމިޔާބެއް: މުއިއްޒު

ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވި މިންވަރާއި ދެއްކި ބިރާއެކު ވެސް އިންތިހާބުގައި ލިބުނީ ބޮޑު ކާމިޔާބިއެއް ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު އެންމެ ގިނަ ވޯޓު ހޯއްދެވީ ޑރ. މުއިއްޒު އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ދެވަނަ އެވެ.

މި ދެ ބޭފުޅުންނަށް 50 ޕަސަންޓަށް ވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް އޮންނާނެ ކަމަށް މިހާރު ވަނީ ޔަގީންވެފަ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 84،805 ވޯޓު -- 39.04 ޕަސަންޓެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 100،342 ވޯޓު -- 46.19 ޕަސަންޓް ލިބިވަޑައިގަތެވެ.

އިންތިހާބުގެ ނަތީޖާއަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އިންތިހާބުގައި ރައްޔިތުން ކުރި އިތުބާރާ އަދި ތާއިދަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އިންތިހާބުގައި ލިބުނު ނަތީޖާ އަކީ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބަށް ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ބޮޑެތި ނުފޫޒުތަކާއި ފިއްތުންތައް ކުރިމަތިކުރި ކަމަށެވެ. އެހެންނަމަވެސް ރަައްޔިތުން ތިބީ މިވެރިކަން ބަދަލުކުރަން ބޭނުންވެފައި ކަމަށް ނަތީޖާ އިން އެނގޭ ކަމުގައިވެސް ވިދާޅުވި އެވެ.

"ރައްޔިތުން އިސްކުރީ ގައުމީ އިސްތިގުލާލް ހިމާޔަތްކޮށް ދިވެހިންނަން ދިވެހިންގެ ރާއްޖެ ހޯދައިދިނުން. ދިވެހިން މިދެއްކީ ވަރަށް ވަރުގަދަ މިސާލެއް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އުއްމީދަކީ ދެވަނަ ބުރުގައިވެސް ރަގަޅު ނަތީޖާއެއް ހޯދައި އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ. ދިވެހިންގެ ރާއްޖެ ދިވެހިންނަން ހޯދައިދީ މިނިވަންކަމާ އެކު އުޅެވޭނެ ގޮތް ހަމަޖައްސައިދީ ތަރައްގީގައި ރާއްޖެ ކުރިއަރައިގެން ދިއުމަކީ އުއްމީދިކުރައްވާ ގޮތް ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖެ މިހާރު އޮތް ހާލުން އަރައިގަނެ އިގްތިސާދު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.