ހަބަރު

މަފާޒު މަރާލީ ތިން ފޫޓުގެ އެއްޗަކުން ބޮލުގައި ޖަހައިގެން: ހެކި

ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒަށް ހަމަލާދިނީ، ތިން ފޫޓުގެ އެއްޗަކުން ބޮލުގައި ޖަހާ ކަމަށް ސިއްރު ހެކިވެރިޔެއް ބުނެފި އެވެ. މިހެން ބުނީ ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާ އެވެ. އޭނާ އަކީ އެ މަންޒަރު ދުށް މީހެކެވެ.

އެ މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ލާސާނީ ވިޝާހު ރަޝީދު،23 އާއި ހ. ބްލޫބާޑް މުހައްމަދު މިދުހަތު،21 އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދު،26 އަދި ދަފުތަރު 1475 އަހުމަދު ރިޒާމްގެ މައްޗަށެވެ. ދައުވާ އުފުލާފައި ވަނިކޮށް އެ މީހުންގެ ތެރެއިން ވިޝާހު ވަނީ މަރުވެފަ އެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުނެވެ.

ގްރޫޕަކުން ހިންގި ހަމަނުޖެހުމުގައި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދީ ވަނީ މަރާލާފައިވީ ނަމަވެސް އޭނާއަށް ތޫނުއެއްޗަކުން ހަމަލާދިން މަންޒަރު ފެނުނު މީހުން ވަނީ ތަހުގީގަށް ބަޔާން ދިނުމަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން ދައުލަތުން ވަނީ ތިން މީހުންނަށް މަފާޒުގެ މަރުގެ ތުހުމަތު ނުކުރަން ނިންމާފަ އެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރީ އެރޭ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ އެވެ.

މަފާޒުގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި އަޑެއެހުމުގައި، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާގެ ހެކި ބަސް ނަގާފައިވާއިރު، އޭނާ ބުނެފައިވަނީ، އެ ހާދިސާ ހިނގި މަންޒަރު ފެނުން ކަމަށާއި އެ ސަރަހައްދުން މަފާޒާއި އިތުރު މީހަކު އޭނާއަށް ފެނުނު ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ ހަކުރާ ގޯޅި އާއި ހިތަށްފިނިވާ މަގާ ގުޅޭ ހިސާބުގަ އެވެ.

"އޭރު ނޭނގޭ ނަމެއް، މިހާރު މި އެނގެނީ މަފާޒުކަން، އޭނާ އިނީ ޕޭމަންޓް މަތީ އުޑަފައިން އިށީދެގެން އިސްދަށަށް ޖަހައިގެން، އޭނާ ކުރިމަތީ އިސްކޮޅުން ދިގު ބޯދިގު، ފަހަތަށް ހުޅި ޖަހާފައި ހުރި މީހަކު ހުރި، އެމީހާ ދިޔައީ ހަޅާލަވަމުން،" ސިއްރު ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނިގޮތުގައި މަފާޒު ކުރިމަތީ ހުރި މީހާ ދިޔައީ "މަހައްޓޭ މި އިނީ އަވަހަށް އާދޭ،" އެގޮތަށް ގޮވަމުން ކަމަށެވެ. ސިއްރު ހެކިވެރިޔާއަށް އެމީހާ ފެނުނީ ފުރަގަހުން ކަމަށް އެމީހާ ދެނެގަންނަން އުނދަގޫވާނެ ކަމަށް ބުންޏެވެ. އިސްކޮޅުން ދިގު އެމީހާގެ އަތުގައި ތިން ފޫޓެއްހާ ދިގުމިނުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ އެއްޗެއް އޮތް ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

"މަފާޒު އަތުގައި ހިފާ ކޮޅަށް ނަގާ، އޭނާގެ ބޮލުގައި އެ އެތިން ޖެހީ، އަޅުގަނޑު ވަރަށް މަސައްކަތް ކުރިން މީހަކަށް އެކަން އަންގަން، ފުލުހުންނަށް ވެސް،"


ހެކިވެރިޔާ ބުނީ ގެއްލުމެއްވި ނަމަވެސް އެ ސަރަހައްދަށް ދިޔުމަށް ނިންމާ، އެ ސަރަހައްދަށް ދިޔައިރު މަފާޒު އޮތީ ލެޔާ ތައްތެޅި ޕޭމަންޓްމައްޗަށް ވެއްޓިފައި ކަމަށެވެ. "އޭރު ފުލުހުންނާއި އާންމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ،"

މި މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ، ދެން އޮންނަ އަޑުއެހުމެއްގައި އިތުރު ހެކިންގެ ހެކި ބަސް ނެގުމަށް ނިންމާފަ އެވެ.