ވާހަކަ

ގަހަނާ ފޮށި

( 7 ސެޕްޓެމްބަރ 2023 އާ ގުޅޭ )

އިތޫމެން ގެއަށް ވަންނަން ނޭނގި ދޮރޯށީގެ ތަޅުގައި ހިފާލި ގޮތަށް އަހަރެންނަށް ގަނޑުވެފައި ހުރެވުނީއެވެ. މީހާއަށް ދިރުން ލިބުނީ މީހަކު ގޭގެ އެތެރެއިން ދޮރޯށި ހުޅުވާލި ހިނދުއެވެ. ހާސްވެ ބޮޑުވެފައިވާ ދެ ލޮލާއެކު އަހަރެންގެ ނަޒަރު އެ ދިމާއަށް ދަތުރުކޮށްލިއެވެ.

"އާނަ." އަހަރެންނާއި ނަޒަރު ސީދާވެލި ހިނދު ހޫދު ގޮވާލިއެވެ.

އަހަރެންނަށް ވެފައި ހުރި ގޮތް ހޫދަށް ފާހަގަވިއެވެ. އޭނާ ކުއްލިއަކަށް މަގުމައްޗަށް ނުކުމެ ދެކޮޅު ބެލިއެވެ. އޭނާ އެ ހޯދީ ފައިސަލް ކަމަށް ވެދާނެއެވެ. އޭނާ ނުފެނުމުން ހޫދުގެ ސަމާލުކަން އަލުން އަހަންނަށް ހުއްޓާލައިފިއެވެ. ވާހަކައެއް ދައްކަން އޭނާ އުޅުނު ނަމަވެސް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ފޯނުކޯލެއް އަންނަން ފެށިއެވެ. ފޯނަށް ބަލާލާފައި އެ ކޯލަށް ޖަވާބުދޭން ހޫދު އަވަސްވެލިއެވެ.

"މި ނުކުތީ ގެއިން. ލައްބަ. ނުވާނެ ގިނައިރެއް. ލައްބަ." ފޯނުން ވާހަކަދައްކަމުން ދިޔައިރު ހޫދުގެ ނަޒަރު ހުރީ އަހަރެންނަށް އަމާޒުކޮށްލައިގެންނެވެ. އޭނާއަށް ބަލަން ހުންނަން އުނދަގޫވީ އަހަރެންނަށެވެ. އޭނާ ނުބުންޏަސް ވާހަކަދައްކަމުން ދިޔަ ގޮތުން އެ ކޯލަކީ އޮފީސް ކޯލެއްކަން ނަގައިގަންނަން އަހަރެންނަށް ދައްޗެއްނުވި އެވެ.

"އޮފީސްކަމެއްގައި މިދަނީ. އާދެވޭނެ އިރެއް އަދި ނޭނގެ... އަހަރެން އައިސް ވާހަކަދައްކާނީ. ޓީމް ވެސް މިކޮޅުގައި. އެމީހުންގެ ހަރަކާތްތައް ފަށައިފި... އައިސްފަ ކިޔާދޭނަން. ދަނީ." ފޯނުކޯލު ނިންމާލި ގޮތަށް އަހަރެން ކައިރީ ހޫދު ބުނެލިއެވެ. ދެން އޭނާ ގޮސް ގޭ ދޮށުގައި ބަހައްޓާފައި ހުރި ސައިކަލަށް އަރައި ދުއްވާލައިފިއެވެ.

"އެހެންވިއްޔާ އެމީހުންތަ ގެސްޓްހައުސް ދޮށުގައި އެ އުޅެނީ." ކުއްލިއަކަށް އަހަރެންގެ ހިތަށް އެރިއެވެ. ހޫދު ރަށަށް އަތުވެއްޖެކަން އެނގުނު ހިސާބުން ކުރީން ވެސް އަހަރެންގެ ހިތާއި ޟަމީރު ބުނީ ހަމަ އެހެންނެވެ. ރަށުތެރޭން ބަޔަކު ގެސްޓްހައުސް ދޮށަށް ގޮސްގެން އުޅެނީއެއް ނޫނެވެ.

ދޮރޯށި ދޮށުގައި ނުހުރެ އަހަރެން ގޭތެރެއަށް ވަނީމެވެ. ސިޓިންރޫމުގައި މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ގޭތެރޭގައި ނިކަން އަޑުގަދައެވެ. ވަރުގަދަ ހިނިގަނޑެއްގެ އަޑު އިވުމާއެކު އެއީ ސީމާކަން އަހަރެންނަށް ދެނެގަންނަން އެނގުނެވެ. ދަބަސް ކިހިލީ ޖަހާލައިގެން އަހަރެން އައިސް ބަދިގެއަށް ވަނީމެވެ.

"މިއޮއްވައްޓާލީނު." އަހަރެން ފެނުމާއެކު ހިނިއައިސްފައި އިނދެ ސީމާ ބުނެފިއެވެ.

ބަދިގޭ ކާމޭޒުދޮށުގައި ތިބީ ހަމައެކަނި ސީމާ އެކަންޏެއް ނޫނެވެ. އައިންތުއަކީ އޭނާ ހިޔަންޏެވެ. އޭގެ ދެ މީހުން އެކުގައި ނޫނީ އަހަރެން ނުދެކެމެވެ. ޒަފަރުގެ ކޮއްކޮ ޒުހާ ވެސް އިނެވެ. މަދު ފަހަރަކު ނޫނީ ނުފެންނަ އިތޫގެ ދޮންތަ، އާތިފާއާއި އެގޭ ކުއްޖަކު ވެސް ތިއްބެވެ. އަހަރެން ހިފައިގެން ހުރި ދަބަސް ފެނި އިތޫ ވާހަކަދެއްކިއެވެ. ކޮޓަރިއަށް އެއްޗެހި ލާފައި އައިސް ސައިބޯން އުޅޭން އޭނާ ބުންޏެވެ. އެމީހުން ވާހަކައިގައި ޖެހިފައި ތިބީތީ މިއިން އިރަކު ސައިގެ ކަންތައް ނިމޭނެހެން ހިޔެއްނުވެއެވެ. އަހަރެން ގޮސް އިތޫގެ ކޮޓަރީގައި އަތްދަބަހާއި އެއްޗެހި އަޅައިގެން ގެނައި ބޮޑު ދަބަސް ބަހައްޓާފައި އެނބުރި ބަދިގެއަށް އައީމެވެ. ކާމޭޒު ދޮށުގައި އިތޫގެ ވައަތް ފަރާތުން ސީމާ އަހަރެންނަށް ގޮނޑި ދެއްކިއެވެ. އަހަރެން އިށީނދެ ހަމަޖެހެންވާއިރަށް ސައި އަޅާނޭ ޖޯޑަކާއި ކާތަށްޓެއް ގެނެސް އަހަރެންގެ ކުރިމަތިން މޭޒުގައި ބަހައްޓައިފިއެވެ. ކަޅުސައި ޖަގުން ޖޯޑަށް ސައި އަޅައިދޭން ފެށީ އިތޫއެވެ. މޭޒުމަތިން ތެޔޮ ރޮށްޓާއި ޑިސްކު ފެންނަން ހުއްޓެވެ. އެއާއެކު ފެންނަން ހުރީ ކުޅިކުރި ރިހާކުރި ތަށްޓަކާއި ކުޅިމަހާއި މަސްހުންޏެވެ. ތަންކޮޅެއް މީހުން ގިނަވީމާ އެމީހުން އެއްޗެކޭ ބުނެފާނޭކަމަށް އަހަރެން ސައިބޮއެގެންކަން އައީ ނުބުނީ ގަސްދުގައެވެ. ދެ ރޮށްޓާއި މަސްހުނިކޮޅެއް ތަށްޓަށް އަޅައިގެން އަހަރެން އިނީ އެތަނުގައި އެމީހުން ދައްކާ ވާހަކަ އަޑު އަހާށެވެ. ރަށް ރަށުގައި ވެސް ކައިވެނި ޙަފުލާއެއް ބާއްވާއިރު މާލޭގައި އެފަދަ ޙަފުލާތައް ބާއްވާ ގޮތާއި ތަފާތެއްނެތޭ އަހަރެންގެ ހިތަށް އެރިއެވެ. އެހާބޮޑަށް ތައްޔާރީތައް ކުރިޔަށްދާތަން ފެނިފައެވެ. ޢާއިލާއާއި އެކުވެރީންގެ މެދުގައި ތަފާތު މަޝްވަރާތަކާއި ރޭވުންތައް ކުރިޔަށްދެއެވެ.

"އަހަރެން ރޭވި ގޮތަށް އެއްވެސް ކަމެއްނުވި. ޒިޔާގެ ބޭވަފާތެރިކަމުން އަރައިގަންނަން ކެތްތެރިކަން ކުޑަވެގެން ގޮސް ބަލާބަލަ ކަންތައްވީގޮތް. ފައިސަލް މިވީ ނުބައިނުލަފާ މީހަކަށް. ނުވިތާކަށް އެކަހަލަ މީހަކާއެކީ އަހަރެން ހުރިހާ ލައިނެއް ކްރޮސް ކުރީ. ކީއްވެ އަހަރެންނަށް މިހެންމިވީ... ކީއްވެ ރަނގަޅު މީހަކާ އަހަރެންނަށް ދިމާނުވީ." އެމީހުން ދައްކަމުންދާ ވާހަކަތަކުން އަހަރެން ކުރަން ބޭނުންނުވާ ހަނދާންތަކާއި ޚިޔާލުތައް ސިކުނޑިއަށް ޖަމާވާންފެށިއެވެ. އަހަރެންނަށް ޤަބޫލުކުރެވެނީ އަހަރެންނަކީ ލޯބީގައި ނާކާމިޔާބު މީހެއްގެ ގޮތުގައެވެ. އިޙްސާސް ކުރެވެނީ ނަސީބެއްނެތް މީހެއް ގޮތުގައެވެ. އަހަރެން ވެސް ބޭނުންވަނީ މިހާރު މީހަކާ އިނދެ ދިރިއުޅުން ހަމަޖެހޭށެވެ. ކައިވެންޏެއް ކުރަން އަހަރެން ބޭނުންވާ އުމުރު ވެސް ޖެހިއްޖެއެވެ. ނަމަވެސް ރޭވިގޮތަށް އަހަރެންގެ އެއްވެސް ހުވަފެނެއްގައި ކުލައެއް ނުޖެހުނެވެ. އަހަރެންގެ ޚިޔާލުތަކުން އެއްފަރާތްވެލީ ސީމާ އިނދެފައި އިތޫއަށް ޖެހި ބަހުންނެވެ.

"އާއްތަ ގޮތަށް ފިރިމީހާގެ ގެޔަށް ދާނެކަމަށް ހީކުރީ." ސީމާ ބުންޏެވެ. އޭނާ އެބުނީ އާތިފާ ފަދައިން އިތޫ ވެސް ކައިވެންޏަށްފަހު ފިރިމީހާގެ ގޭގައި އުޅޭން ދާނޭކަމަށެވެ.

"ގޭގައި އެއް އަންހެންކުއްޖަކު މަޑުކުރަންވާނެއެއްނު." އިތޫ ބުންޏެވެ.

"ސީރަތު މީނީ... އަހަރެމެންގެ އައިންތު ވެސް އަންނާނީ މިގެއަށް. ދެން އޮތީ މީނަގެ ކައިވެނި ތޯއްޗެއް." ސީމާގެ އަނގައިގަ ބަސްއޮއްވާ އައިންތު އޭނާގެ ބުރަކަށީގައި ތަޅައިގަނެއްޖެއެވެ.

"އަދިވެސްތަ؟." ހައިރާންކަމާއެކު އާތިފާ ބުނެލިއެވެ.

"ހޫދުބެއާ ނޫނީ ނީންނަން ނިޔަތްގަނެގެން އެ ހުންނަނީ. އެހެންވީމަ މިގޭގައި އަންހެނުން މަދެއްނުވާނެއެއްނު." ސީމާ ހެމުންހެމުން ބުންޏެވެ.

އައިންތު ލަދުން ގޮސް އަޅާފައި އިން ޝޯލްގެ އެލިފައި އޮތް ކަންގަނޑު ގެނެސް މޫނުގައި އަޅައި ފޮރުވާލިއެވެ. އޭނާގެ އެންމެ ބޮޑު ސިއްރު ސީމާ އެންމެންގެ ކުރިމަތީ ބޭޒާރުކޮށްލީ ފަދައެވެ. އެންމެން އޭނާއާ ދިމާކުރުމުގެ ހުނުމަކުން ހެނީއެވެ. އަހަރެންނަށް ވެސް އެ ޚަބަރުވީ ހައިރާންކަން ލިބިގެންދިޔަ ޚަބަރަކަށެވެ. ހޫދާއި އައިންތުގެ ދެމެދުގައި ގުޅުމެއް އޮތްކަމެއް އަހަރެން ނުދެނަހުރީމެވެ. އިތޫ ވެސް އެފަދަ ވާހަކައެއް ނުދައްކައެވެ. އެކަމަކު އެއީ އެ ޢާއިލާއަށް އެނގިފައި އޮތް ކަމެއްކަން އިތޫގެ ދޮންތަގެ ވާހަކައިން ދޭހަވެއެވެ. ހޫދަށް އެކަން އެނގޭބާއެވެ. ނޫނީ ހޫދު ނޭނގޭކަމަށް ހަދައިގެން އުޅެނީބާއެވެ. ގައިމު ހޫދާއި އައިންތުއާ ދެމެދުގައި ގުޅުމެއް އޮތްނަމަ އަހަރެންނަށް ލޯބި ހުށައެއް ނާޅާނެއެވެ.

"ހޫދަށް މާ ރަނގަޅުވާނެ ރަށު ކުއްޖަކާ ގުޅުނީމަ. އައިންތަކީ އެ ފެމެލީ ޤަބޫލުކުއްޖެ." އަހަރެންގެ ސިކުނޑީގައި ގޮތް ނިންމާލީމެވެ. އެހެންވިޔަސް ކުއްލިއަކަށް އެ ޚަބަރު ލިބުމުން އަހަރެން ހިތަށް ޒާތެއްގެ ލޮޅުމެއް އެރިއެވެ. އެކަމަކު އަހަރެން ބޭނުމީ އެ ކުރެވުނު އިޙްސާސް ހަނދާންނައްތާލާށެވެ. ސިކުނޑިއާއި ނަފްސަށް ބުރަކުރާން އިތުރަށް އެކަމާ ވިސްނުންތަކެއް ވިސްނާކަށް ބޭނުމެއްނޫނެވެ. ދުވަސްގަނޑަކަށް ފިރިހެނުންނާއި ލޯތްބާއި ދުރުގައި ހުންނަން އަހަރެން ގަސްދުކުރާތީއެވެ.

މެންދުރުވާންވީއިރު އެންމެން އެމީހެއްގެ ގެޔަށް ހިނގައްޖެއެވެ. އިތޫއާއެކު އަހަރެން އިނީ އޭނާގެ ކޮޓަރީގައެވެ. އަހަރެންނަށްވީ ދަޢުވަތު ކާޑު އިތޫ ދިނުމުން އޭގެ ފޮޓޯ ނަގައި ޢާއިލާ ގުރޫޕަށް ލީމެވެ. އެއާއެކު ގިނައިރެއްނުވެ މަންމަ ގުޅައިފިއެވެ. އަހަންނާ ވާހަކަދެއްކުމަށްފަހު އިތޫ އަތަށް ފޯނުދޭން މަންމަ ބުންޏެވެ. ކައިވެނީގެ ތަހުނިޔާ ކިޔަންކަން އަހަރެންނަށް އެނގެއެވެ. ވީޑިއޯކޯލުގައި އަހަރެމެން ދެ މީހުން މަންމައާ ވާހަކަދައްކަން ތިބީމެވެ. މެންދުރަށް ކައްކަން އުޅޭތީ މަންމަ ހުރީ ބަދިގޭގައެވެ. މެންދުރަށް ތައްޔާރުކުރަނީ ކޯއްޗެއްކަން ވެސް އަހަރެމެންނަށް ދެއްކިއެވެ. މަންމަގެ ސޫރަ ފެނުމުން އަހަރެން ވަކިން ބޮޑަށް މާލެ ދާހިތްވިއެވެ. އެންމެ ދުވަހަކުވެސް އެ ރަށުގައި ހުންނަ ހިތް ނުވަނީއެވެ.

"މިވިސްނަނީ މާލެދާން." ފޯނުކޯލަށްފަހު އަހަރެމެންގެ އަމިއްލަ ވާހަކައެއްގައި އިނދެފައި އަހަރެން ބުނީމެވެ.

"ޗުއްޓީ ނުނިމެނީސްތަ؟." އިތޫ އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ.

"ކޮންއިރަކުން؟. އެކަމަކު އޭރުން ފައިސަލް... އޭނާ އޯކޭތަ އާނަ ދާން. މިހާރު ތި ދެ މީހުން ގޮތެއް ނިންމައިފިންތަ؟." އިތޫ ބުންޏެވެ. އަހަރެންގެ މި ނިންމުން ނަގައިގަންނަން އޭނާއަށް ނޭނގުނީކަން އެ މޫނުން ފާޅުވެއެވެ.

"އިތޫގެ ވެޑިން ނިންމާފައި އެންމެ އަވަހަށް ފުރަން އޮތް އެއްޗަކުން. މަންމަމެން ކައިރީ މަޑުކޮށްލާފައި ޖޮބަށް ނުކުންނަން ބޭނުމީ." އަހަރެން ބުނީމެވެ.

"މަޑުކޮށްބަލަ... ފައިސަލް އޯކޭތަ؟. ތި ދެ މީހުން މައްސަލައެއް ޖެހުނީތަ؟." އިތޫ ބޭނުންވާ ޖަވާބު ނުލިބެނީސް ދޫކޮށްނުލާނެކަން އަހަރެންނަށް އެނގެއެވެ.

"އަހަރެން ބުނެފިން. އެއީ ދޯ އަހަރެންނަށް ކުރެވޭނެ ކަމަކީ... އަހަރެންނަށް އަސްލު މާ އަވަސްއަރުވާލާފައި މިއުޅެވެނީ. ޒިޔާންގެ ހަނދާންތަކާ ދުރަށްދާން ބޭނުންވެފައި ހުރިވަރުން ކުރެވުނު ކަމެއްމީ." އަހަރެން ބުނީމެވެ.

"ވަޓް... އާނަ... ތީގެ މާނައަކީ ކޮބާ؟. ފައިސަލްއާ ސީރިއަސް ނޫނީތަ؟." އިތޫ ކަންބޮޑުވުން ފާޅުކުރިއެވެ.

"ލައިކްވާގޮތެއް ނެތްނަމަ އަހަރެން އެމީހަކާ ރައްޓެއްސެއް ނުވާނެކަން އިތޫއަށް އެނގޭނެ. އިހަށް ވަގުތު ބޭނުންވަނީ. މިކުރެވޭ ކަންތަކާމެދު ވިސްނާލަން. ރަނގަޅު ނިންމުމެއްތޯ އަހަރެންނަށް މި ނިންމެނީ... އަސްލު މިހާރު މާބޮޑަށް މަންމަމެން މަތިން މިސްވަނީ. ޗުއްޓީ ހަމަޖެހުމާއެކީ އިތޫއާއެކީ މިކޮޅަށް ދޯ އަހަރެން މިއައީ." އަހަރެން ބުނީމެވެ. އަހަރެންގެ ނަޒަރުން ކަންކަން ދުށުމަށް މަސައްކަތްކުރާ ފަދައިން އިތޫ ބޯޖަހާލިއެވެ.

"ފައިސަލްގެ ހުންނަ ސިއްރުވެރިގޮތުން އާނަގެ މިޒާޖަކާ ނުގުޅޭ. އެހެންވިޔަސް އަހަރެން ޤަބޫލުކުރަނީ މިޒާޖު ތަފާތު ދެ މީހުންގެ ދެމެދުގައި ވެސް ލޯބި އުފެދިއްޖެނަމަ އެކީގައި އުޅެވިދާނެއޭ. އަނެއްކާ އެމީހަކު ލޯބިވާނެ މީހަކު އެނގޭނީ އެމީހަކަށް ދޯ. އެހެން މީހަކަށް ނޭނގޭނެ ތިމާ ގުޅެންވާނެ މީހަކު." އިތޫ ބުންޏެވެ. އެކުވެރިޔާ އެބުނީ އަހަރެންގެ ޚިޔާލުގައި ވެސް އެކަން އޮތް ގޮތެވެ.

* * * * *

ރޭގަނޑު ނުވައެއް ޖަހަނީއެވެ. ޒަފަރާއެކީ އޭނާގެ ގެއަށް އިތޫ ގޮސްވީ ކައިވެނި ހެދުން ބަލައެވެ. ހުރިހާ ތައްޔާރީއެއްވުން އޮތީ އިތޫމެން ގޭގައެވެ. އަހަރެން ސިޓިންރޫމުގައި އެގޭ ބައްޕައާއި ސީރަތާއެކީ ޓީވީ ބަލަން އިނީމެވެ. ބައްޕަ ތެދުވެގެން ކޮޓަރިއަށް ދަނީކަމުގައި ބުނެ ހިނގައްޖެއެވެ. އޭގެ އިރުކޮޅެއް ފަހުން ވާހިދުދޮންބެއާއެކީ ހޫދު ވަދެގެން އައެވެ. ދެ ފަހަރު ގޭތެރެއިން އަހަރެންނާ ހޫދު ބައްދަލުވެއްޖެއެވެ. ނަމަވެސް ވާހަކައެއް ދައްކާނޭ ފުރުޞަތެއް ނުލިބުނީއެވެ. އަހަރެންނަށް ގޮވާލާފައި ވާހިދު ދޮންބެ ހިނގައިގަތީ އެތެރެއަށެވެ. ވާހިދުދޮންބެގެ ފަހަތުން ސީރަތު ތެދުވެގެން ގޮސް އެ މީހުން ކޮޓަރިއަށް ވަނެވެ. އެމީހުން ދަންދެން ބަލަން ހުރެފައި ހޫދު އަހަރެންނަށް ގޮވާލިއެވެ. އޭނާއާއެކު އަންނަން ބުނުމުން އަހަރެން ވެސް ތެދުވީމެވެ. ސޯފާތަކުގެ މެދުގައި ހުރި ކޮފީމޭޒުމަތިން ރިމޯޓު ނަގައި ޓީވީ ނިވާލީ ހޫދެވެ. އަދި އަހަރެން ގޮވައިގެން އޭނާ އައީ ދޮރޯށީގެ ވައަތްފަރާތުން ގަސް މުށިގަނޑުތަކާ ދިމާ އޮންނަ ހުސްތަނުގައި ހުރި ޖޯލިފައްޗަށެވެ. އެއީ އިހަކަށްދަވަހު އެތާ ބެހެއްޓި ޖޯލިފައްޗެކެވެ. ސީރަތު އެ ޖޯލިފަތީގެ ވާހަކަ ވާހިދުދޮންބެއާ ދައްކާތީ އަހަރެންނަށް ވަނީ އަޑު އިވިފައެވެ. ހޫދު އިށީނުމުން އޭނާގެ ކަނާއަތް ފަރާތުން އެއް ޖޯލި ދޫކޮށް އަހަރެން އިށީނީމެވެ. އަރިއަކަށް ޖޯލީގައި ހަމަޖެހިލައިގެން އިނދެ އަހަރެންނަށް ހޫދު ބަލަމުން ދިޔައެވެ.

"ފައިސަލްގެ ކަންތައް އޮތީ ކިހިނެއް." ހޫދު އެއްޗެއް ނުބުނާތީ އަހަރެން އަހާލީމެވެ. އެއާއެކު ހޫދު ފުންނޭވާއެއް ދޫކޮށްލިއެވެ.

"އަހަރެން ކިހިނެއްތޯ ނާހާނަންތަ؟." މާޔޫސީކަން މޫނުމަތިން ދައްކާލަމުން ހޫދު ބުންޏެވެ.

"ހޫދަށް ކަމެއްވެއްޖެތަ؟." އަހަރެން އިނީ ސަމާސާކުރަން ބޭނުންވެފައެއްނޫނެވެ. ފައިސަލްއަށް އަހަރެން ކޮށްފައި އައި ކަންތައް އެނގުނިއްޔާ އަހަރެންގެ ދުވަސްދިޔައީކަން ޚުދު އަހަރެންނަށް އެނގެއެވެ. އޭނާގެ އަތްދަށުވާކަށް ނެތީމެވެ. އަމިއްލަ ސަލާމަތް ހޯދުން އެއްވެސް ކަމަކަށްވުރެ މުހިންމެވެ.

"މިގެއަށް އައި އަންހެންކުއްޖަކު ފެނުނު ފަހުން އަހަރެންގެ ހަމަޖެހުން ގެއްލިއްޖެ. ދެރައީ އަހަރެންނަށް މިވާވަރު އޭނާ އެނގެން ބޭނުންނުވާތީ." ހޫދު ބުންޏެވެ. އެއާއެކު ހޫދުގެ ނަމުން އަހަރެން ގޮވާލީ ސީރިއަސްކަން އެކުލެވިގެންވީ ހަރުކަށި އަޑަކުންނެވެ. އަހަރެންނަށް ބަލާލާފައި އަނެއްކާ ވެސް ހޫދު ދޫކޮށްލީ ފުންނޭވާއެކެވެ. އަދި މަޑުމަޑުން ދެ ފަރާތަށް ބޯހޫރާލިއެވެ. އޭނާގެ ހަށިގަނޑު ޖޯއްޔަށް ދޫކޮށްލައި މައްޗަށް ބަލަން އޮވެ ވާހަކަދައްކަން ފެށިއެވެ.

"އެހިސާބުގައި މީހަކު ކޮންމެފަދަ ކަމެއް ކުރިޔަސް މީހަކަށް ނޭނގޭނެ." ހޫދު ބުނެލިއެވެ.

"ކޮންއިރަކުން ފުލުހުން އޭނާ ހައްޔަރުކުރާނީ؟. އިތޫގެ ވެޑިންއަށް ފަހު އެތަނަށް އެނބުރި ދާކަށް އަހަރެން ބޭނުމެއްނޫން." އަހަރެން ބުނީމެވެ.

(ނުނިމޭ)