ޑރ. މުހައްމަދު މުއިއްޒު

ޔާމީންގެ މެސެޖު: މުއިއްޒަށް ވޯޓު އިތުރުކޮށްދީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު އިތުރުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.

ރައީސް ޔާމީންގެ މެސެޖު އާންމުންނަށް ގެނެސްދެއްވީ އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނޭ އިސް ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި ޓްވީޓެއް ގައެވެ.

ޑރ. ޖަމީލު ވިދާޅުވީ މުއިއްޒުއަށް އިތުރު ތާއީދު ދެއްވައި، ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.

"މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް،" ޖަމީލް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ ތެރެއިން 84،805 ވޯޓެވެ. އެއީ 39.04 ޕަސަންޓެވެ. ވާދަވެރި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 100,342 ވޯޓެވެ. އެއީ 46.19 ޕަސަންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް އެއްވެސް ޕާޓީއަކުން ކޯލިޝަން ހެދުމާ މެދު އަދި އެއްވެސް ގޮތެއް ނިންމާފައެއް ނުވެ އެވެ.