ފިނިޕޭޖް

އަޒުލީނާގެ ގާތިލުގެ ރޯލަށް އަޒޭ ނޫން މީހަކު ހަމަ ނުލިބުނީތަ؟

މި ހަފުތާއެއް ނިމޭއިރު ފިލްމީ ދާއިރާގައި އެންމެ ގަދަ އަށް ދެކެވޭ ވާހަކައަކަށް ވެފައި އޮތީ މި ވާހަކައެކެވެ. ވަކިން ހާއްސަކޮށް ދިވެހި ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ޝައުގުވެރިވާ މީހުންގެ މެދުގައި ވެސް މި ވަނީ ނިކަން ފުން ސުވާލުތަކެއް އުފެދިފަ އެވެ.

ސިޔާސީ ބްރޭކަ ކަށް ފަހު ފިލްމީ އުދަރެހަށް އެނބުރި އައި އުއްމީދީ އެކްޓަރު އަދި ޑައިރެކްޓަރު އަބްދުﷲ މުއާޒް އިއުލާނުކުރި ވަރުގަދަ މިނި ސީރީޒްއަކާ ގުޅިގެންނެވެ. އެއީ "ލީނާ" އެވެ.

މީގެ 12 ވަރަކަށް އަހަރު ކުރިން ރާއްޖެ ސިއްސުވާލި މަރުގެ ހާދިސާއެއް ކަމުގައިވާ، އަޒްލީނާ ނަފީސު މަރާލި ހާދިސާގެ އަސްލަށް އުފައްދާ މި ޑްރާމާގެ ވާހަކަ އެހާ ބޮޑުވީ ވެސް އަޒްލީނާ އާއި އޭނާގެ ގާތިލު ޒުހޭރުގެ ވާހަކަ ޓީވީ އަށް ގެނެސްދޭން އޫޅޭތީއޭ ކިޔައިގަތީމަ އެވެ. އަދި އެއަށް ވުރެ ބޮޑަށް މި ޑްރާމާއެއްގެ ވާހަކައަކަށް ބަޔަކު މީހުންގެ ޝައުގުވެރިކަން ދަމައިގަތީ ނުބައި ނުލަފާ ގާތިލުކަލޭގެ ރޯލަށް ޒުވާން އެކްޓަރު އަހުމަދު އަޒްމީލް ނުވަތަ މަޝްހޫރު ނަމުން ނަމަ އަޒޭ، އެ ރޯލަށް ހަމަޖައްސާފައިވާކަން އެނގުނު ހިސާބުންނެވެ.

އެންމެން ވެސް ބުނީ މިހެންނެވެ. އަޒްލީނާ މަރާލި ޒުހޭރުގެ ރޯލު އަޒޭ ކުޅޭނީ ކިހިނަކުން ހެއްޔެވެ؟ ކޮންމެއަކަސް ވަރަށް ވެސް ޝައުގުވެރިވަނިވި ސުވާލެކެވެ. އެކަމަކު އަދި އޭގެ ކުރިން މި ޕްރޮޖެކްޓަކާ ބެހޭ އިތުރު ތަފްސީލު މުއާ އަށް ގުޅާލައިގެން ހޯދާލަމާ ހިނގާށެވެ.

އަޒްލީނާގެ ހަޔާތުގެ ވާހަކައެއް ނޫން!

ފަހަރެއްގައި މި ޑްރާމާއެއްގެ ޚަބަރު އެންމެ ފުރަތަމަ ފެތުރިގެން ދިޔަ ގޮތުން ބަޔަކު މީހުންނަށް މި އުޅެނީ އޮޅުން އަރައިގެންނެވެ. މިއީ އެއްގޮތަކަށް ވެސް ސީދާ އަޒްލީނާގެ ހަޔާތުގެ މައްޗަށް ނުވަތަ ރަހުމްކުޑަ ގޮތަކަށް އޭނާ މަރާލި ހާދިސާ ދައްކުވައިދޭ ގޮތަށް އުފައްދާ ޑްރާމާއެއް ނޫނެވެ.

މުއާ ބުނަނީ "ލީނާ" ގެ ނަން ޑްރާމާ އަށް ދިނީ ވެސް އަޒްލީނާ އާއި ޑްރާމާގައި ދައްކުވައިދޭ ކެރެކްޓާ ތަފާތުވާނެތީ އެވެ.

"އަސްލު މިއީ އަޒުލީނާ މަރާލި ހާދިސާ އިން އިންސްޕަޔާވެގެން އަންނަ މަސައްކަތެއް. އަސްލު ސީދާ އެ ސްޓޯރީއެއް ވެސް ނޫން. އެކަމަކު ފިރިހެނަކު އަންހެނަކު މަރާލައިގެން އުޅޭ ވާހަކައެއް. ހަމަ އޮފީހެއްގެ ތެރޭގައި،" މުއާ ކިޔައިދިނެވެ.

"އަޅުގަނޑު ބުނަމުން މި ދަނީ މިއީ އިންސްޕިރޭޝަނެކޭ. (އަޒުލީނާ މަރާލި) ހާދިސާ ކަހަލަ ވަރަށް ބައިވަރު ހާދިސާތައް ނަގައިގެން ދިރާސާކުރަމުން މި ގެންދިޔައީ އަޅުގަނޑު. އެހެންވީމަ ސީދާ މި ޑްރާމާ އަށް އަޒްލީނާގެ ނަން ނުކީ ވެސް މި ސަބަބާ ހެދި."

މުއާ ބުނީ އަޒްލީނާގެ އަސްލު ވާހަކަ ގެނެސްދިނުމަކީ ނިކަން ބޮޑު ހޭދައް އެއަށް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"އަޒުލީނާގެ ވާހަކަ އެ ގޮތަށް ގެނެސްދޭން ފަސް އެޕިސޯޑަށް ޚަރަދުކޮށްގެން އެގޮތުގައި ގެނެސްދެވޭކަށް އަދި އަޅުގަނޑަކަށް ނެތް. އެގޮތަށް ހަދާ ނަމަ އާޓް ޑިރެކްޝަން ވަރަށް ބޮޑަށް ބަދަލުވާން ޖެހޭ. ވަރަށް ބޮޑު ސްޕެންޑިންއެއް ވެސް ކުރަން ޖެހޭނެ. އެކަމަކު އެ ކޮންސެޕްޓް މިއީ،" މުއާ ބުންޏެވެ.

"ކެރެކްޓާ ވައިސްކޮށް ބަލާ ނަމަ މީގައި ދައްކުވައިދޭ އަންހެން ކުއްޖާ އާއި އަޒްލީނާގެ ކެރެކްޓާ ވެސް ތަފާތުވާނެ. އެއްގޮތްވާނީ އިނޮސެންޓްކަން އެކަނި. އިވިފައިވާ ވާހަކަތަކަށް ބަލާއިރު އަޒްލީނާ އަކީ ވެސް ވަރަށް އިނޮސެންޓް އަންހެން ކުއްޖެއް."

އަޒްލީނާގެ އާއިލާ އިން ބޭނުން ނުވާ މަންޒަރެއް ނުހިމަނާނެ!

މުއާ ބުނީ މިހާރު ވެސް އޭނާގެ މި މަސައްކަތާ ބެހޭ ގޮތުން އަޒްލީނާގެ އާއިލާގެ އިސް ފަރާތަކާ ވާހަކަ ދެކެވި މަޝްވަރާކުރެވިފައިވާ ކަމަށާއި އާއިލާ އަށް ދެރައެއް ދެވޭ ކަހަލަ އެއްވެސް ކަމެއް އޭނާ ނުކުރާނެ ކަމަށެވެ.

މި ޑްރާމާއެއް އިއުލާނުކުރި ހިސާބުން ފެށިގެން އެންމެ ބޮޑު މައްސަލަ އަކަށް ބަޔަކު ހަދައިގެން އުޅެނީ އަޒްލީނާގެ އާއިލާގެ ހުއްދަ ހޯދުމެއް ނެތި މިފަދަ މަސައްކަތެއް މުއާ ކުރާތީ އެވެ. އެކަމަކު މުއާ ބުނީ އުސޫލެއްގެ ގޮތުން ބަލާއިރު އެ ހުއްދަ އޭނާ އަށް ބޭނުމެއް ނުވާ ކަމަށެވެ.

"އަޒުލީނާގެ އާއިލާގެ (އިސް މީހަކާ) އަޅުގަނޑާ ފޯނުން ވާހަކަ ދެކެވުނު. ވީގޮތަކީ ހަވީރު ނޫހުގައި އެ އޮތީ އަޒުލީނާގެ މަރުގެ ވާހަކަ އަށް އަޅުގަނޑު ފިލްމެއް ހަދަނީއޭ. އަޅުގަނޑު ބުނީ އިންސްޕިރޭޝަނެކޭ. އެހެންވީމަ އަޒްލީނާގެ އާއިލާ އިން ވެސް މިކަން ވަރަށް ބޮޑު މައްސަލައަކަށް ނަގައިގެން ވާހަކަ ދެއްކީ،" މުއާ ކިޔައިދިނެވެ.

"އެކަމަކު އުސޫލެއްގެ ގޮތުން އަޅުގަނޑު ހުއްދައެއް ހޯދަން ޖެހޭނީ ސީދާ އަޒުލީނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާ ނަމަ. ގާނޫނީ ގޮތުން ވެސް. އިންސްޕަޔާވެގެން ހަދާއިރު ނުޖެހޭ ހުއްދައެއް ހޯދާކަށް."

"އަޒްލީނާގެ އާއިލާ އިން ބޭނުމެއް ނުވޭ އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދާކަށް. ދެން އަޅުގަނޑާ އެ ވާހަކަ ދެއްކީމަ އަޅުގަނޑު ބުނެފައި ވާނީ އާއިލާގެ ފަރާތުން ސްކްރިޕްޓް ގެންދާށޭ ކިޔާލަން. ގެންގޮސްފަ ކިޔާފަ ހިތްހަމަނުޖެހެންޏާ މި އެއްޗެއް ނަހަދާނަމޭ. އެއީ އަޅުގަނޑަށް އެވަރުގެ ޔަގީންކަން އެބައޮތޭ މިއީ ސީދާ އަޒުލީނާގެ ސްޓޯރީއެއް ނޫން ކަމަށް. އެކަމަކު ހަމައެކަނި އިންސްޕިރޭޝަނެއް ކަމަށް."

ގާތިލުގެ ރޯލަށް އަޒޭ ނެގީ ކީއްވެ؟

"އަޒޭ އަކީ ހަމަ އެންމެ ރަނގަޅު ޗޮއިސް އަޅުގަނޑަށް. އެކަމަކު މީގެ މަސައްކަތް ފެށި ހިސާބުުން ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މިއަށް ނަގާނެ ތަރިންތަކެއްގެ މައްސަލަ. އެއީ އަޅުގަނޑު ބޭނުމެއް ނޫން މީތި ކުޅޭކަށް،" ޒުހޭރު ފަދަ ގާތިލެއްގެ ކެރެކްޓާއެއްގެ އަސްލަށް ޑްރާމާގައި ގެނެސްދޭ ކެރެކްޓާ ފަޅުފިލުވައި ދިނުމަށް އެންމެ ރަނގަޅު އެކްޓަރަކީ އަޒޭތޯ ސުވާލުކުރުމުން މުއާ ދިން ޖަވާބަކީ މިއީ އެވެ.

އޭނާ ބުނީ އަޒޭ އަށް މިކަން ކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށާއި އޭނާގެ ކިބައިގައި އެ ހުނަރު ވެސް އެބަހުރި ކަމަށެވެ.

"މި މަޝްވަރާއެއް ދިޔައީ ގައުމީ ފިލްމު އެވޯޑްސްއާ ދިމާކޮށް. މީތި ލިޔުނު ސްކްރީންރައިޓަރު އަހުމަދު ޒަރީރް އަކީ އޭގެ ޖަޖެއް. އެވޯޑްސްގެ ތެރެއިން އޭނާ އަށް އަޒޭގެ އެކްޓިން ފެނިގެން ބުނީ ވަރަށް މޮޅޭ އަޒޭގެ އެކްޓިން. ދެން އަޅުގަނޑު ވެސް ބަލާލިން. އެހިސާބުން ފެށިގެން ބޮލުގައި އަޒޭ ބަހައްޓައިގެން މީތި ނިންމާލާއިރުގައި އަޒޭ އަށް އެބަކުރެވޭ މިކަން،" މުއާ ބުންޏެވެ.

"މީގައި ހާސިލުކުރަން ބޭނުންވަނީ ދެ ކަމެއް. އެކަމަކު ފުރަތަމަ ސުވާލަކީ ޒުހޭރު ހުންނަ ގޮތަށް ޔޫއްޕެ ލައްވާ ބޯކޮށުވައިގެން ނުވަތަ ސީޒަން ލައްވާ މަތިމަހެއް ޖަހުވައިގެން ނުވަތަ ކޮޕީއިއްސެ ލައްވާ އެގޮތަށް ހެދުން އަޅުވައިގެން އެމީހުން ލައްވާހޭ ކުޅުވަންވީ؟"

"އެހެން ބަޔަކު ލައިގެން ވެސް މިކަމެއް އެބަޖެހޭ ޓްރައިކުރަން. އަޒޭގެ ކިބައިގައި އެ ސްކިލް ހުރިކަން އެބައެނގޭ. އެހެންވީމަ ކީއްވެގެންހޭ ނުކުރަންވީ. ރިސްކް ނަގަން އަޅުގަނޑު ބޭނުންވޭ."

މި ރޯލަށް އަޒޭ ކަމުނުދާ ފަސް ސަބަބު މި އޮތީ!

މި ޑްރާމާއެއްގައި އަޒޭ އަށް ލިބިފައި އެވާ ރޯލަކީ ހަގީގަތުގައި ބޮލީވުޑްގެ އިރްފާން ޚާން ފެންވަރުގެ އެކްޓަރަކު އެ ރޯލެއް ކުޅެގެން ނޫނީ އޭގެ ރޯ ފިލާނެ ކަހަލަ ރޯލެއް ނޫނެވެ. ދެން މި ހުރިހައި ހާސަރެއް ނުދެމިޔަސް އަޒްލީނާ މަރާލި ޒުހޭރުގެ ކެރެކްޓާ ނުވަތަ މީހަކު އެހާ ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ މީހެއްގެ ކެރެކްޓާ ހުންނާނެ ގޮތް ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ.

އަދި އެކްޓަރެއްގެ ގޮތުގައި އަޒޭގެ ހުރި ކޮލިޓީ ވެސް އަޅުގަނޑުމެން އެންމެނަށް އެނގެ އެވެ. އަޒޭ އަކީ ދެރަ އެކްޓަރެކޭ އެއްގޮތަކަށް ވެސް ބުނަނީކީއެއް ނޫނެވެ.

  • އަޒޭ އަކީ އަޒޭގެ ގޮތުގައި ވެސް ސްޓްރޯންގް ކެރެކްޓާއެއް ނޫން!
  • އެކްޓްކުރުމަށް ވުރެ ބޮޑަށް ނަށަން މޮޅު އަދި ތަޖުރިބާ ވެސް މަދު މޫނެއް!
  • ޖުމްލަކޮށްބަލާއިރު އަޒޭ އަކީ މޮޅު އެކްޓަރެއް ނޫން! އެވްރެޖެއް ވެސް ނޫން!
  • އާންމުންގެ މެދުގައި މަގްބޫލުކަން ލިބިފައިވާ ފަރާތެއް ވެސް ނޫން!
  • އަދި ޒުހޭރުގެ ކެރެކްޓާ ހުރިހާ ގޮތަކުން ވެސް އަޒޭ އަށް ވުރެ ވަރުގަދަ!

މި ސަބަބުތަކާ ހެެދި "ލީނާ" ގެ ގާތިލުގެ ކެރެކްޓާ ކުޅެން އަޒޭ ހަމަ އެއްގޮތަކަށް ވެސް ކުފޫ ހަމައެއް ނުވެ އެވެ. އަޒޭ މި ކެރެކްޓާއެއް ނުކުޅެން ޖެހޭ އެންމެ ބޮޑު ސަބަބަކީ އަޒޭ މި ރޯލެއް ކުޅެގެން މުއާގެ މި އުއްމީދު ބޮޑު މަސައްކަތް އެއްކޮށް ހަރާބުވުމުގެ ފުރުސަތު ވަރަށް ބޮޑުވީމަ އެވެ.

މިފަދަ ނެގެޓިވް ރޯލަކުން އަޒޭ އެންމެފަހުން ފެނިގެންދިޔަ ފިލްމަށް ވެސް އަމާޒުވެފައި ވަނީ ނެގެޓިވް ހިޔާލެވެ.

އަޒޭ އަށް ވުރެ މޮޅަށް މި ރޯލު ކުޅޭނެ ފަސް އެކްޓަރުން

  • އަހުމަދު ސައީދު
  • އަލީ ޝަމީލް
  • ހާމިދު އަލީ
  • އަހުމަދު ނިމާލް
  • ކޮޕީ އިސްމާއިލް ރަޝީދު