ހަބަރު

އިމްރާން ޖަލަށްލުމަކީ ފަހަތަށް އެޅި ފިޔަވަޅެއް: ޔޫކޭ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމަކީ، ދިވެހި ސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ވިދާޅުވެއްޖެއެވެ. ސްވަޔާ ނެރުއްވި ބަޔާނުގައި ވިދާޅުވީ، ކަންކަން ރަނގަޅު ކުރުމުގައި މިފަހުން ސަރުކާރުގެ ހެޔޮ ނިޔަތް އޮތް ކަމަށް ފެނުނު ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ، ރާއްޖޭގައި އިދިކޮޅު ދެ ލީޑަރުންނަށް ޓެރަރިޒަމްގެ ދައުވާކޮށް އެ ކުށް ސާބިތުވެ، ޖަލަށްލާފައިވުމުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ގާނޫނީ ބާރާއި ޑިމޮކްރަސީއަށް އިތުބާރު އުފެއްދުމަށް ސަރުކާރުންކުރާ މަސައްކަތްތަކާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

"މިދިޔަ ޖެނުއަރީ މަހު މާލެއަށް ޒިޔާރަތްކުރިއިރު އިންސާނީ ހައްގުތަކުގެ ދާއިރާއިން ބައިނަލްއަގުވާމީ މުޖުތަމައަށް ދީފައިވާ ކޮމިޓްމެންޓާ އެއްގޮތަށް އަމަލުކުރުމަށް ގޮވާލިން، ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފުރުމުގެ ހުއްދަދީ، ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ނިންމާ ސަރުކާރުން ވަނީ ހެޔޮ ނިޔަތެއް އޮތްކަން ހާމަކޮށްދީފައި، ނަމަވެސް އިމްރާނުގެ ހުކުމާއެކު ސަރުކާރުން މިވަނީ ފަހަތަށް ފިޔަވަޅު އަޅާފައި،" ސްވަޔާ ވިދާޅުވި އެވެ.

ސްވަޔާ ވަނީ، ކޮމަންވެލްތުގެ އަގު ހުރި މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޝަރުއީ ނިޒާމު މިހާރަށް ވުރެން ބޮޑަށް މިނިވަންކުރުމަށް މަސައްކަތްކޮށް، ޑިމޮކްރަސީއަށް އިތުބާރު އުފެއްދުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. ސްވަޔާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އިހުލާސްތެރިކަމާއެކު ގެންދަން ބޭނުންވާނަމަ ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ހިންގާ ޝަރީއަތްތައް ހުއްޓާލުމަށް ވެސް ސްވަޔާ ވަނީ ގޮވާލައްވާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިން މެދުވެރިކޮށް ހައްޔަރުކުރި މައްސަލައިގަ އެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ވެސް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 12 އަހަރަށް ޖަލަށްލީ، މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކައިގެ ސަބަބުން ހަމަނުޖެހުން ހިނގައި ފުލުހުންނަށާއި އާންމުން އަދި މުދަލަށް ގެއްލުންވެފައިވާތީ އެވެ.