ހަބަރު

އިމްރާންގެ ހުކުމުން އިނގެނީ ހަމަނުޖެހުމަށް ފުރުސަތު ނެތްކަން: ސަރުކާރު

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ރޭ ކުރި ހުކުމުން ކަށަވަރުވަނީ ހަމަނުޖެހުމަށް ގޮވާލައި، ރުޅިވެރިކަން އުފެއްދުމުގެ ޖާގަ ރާއްޖޭގައި ނުލިބޭނެ ކަން ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޭޑޭގައި އިމްރާން ދެއްކެވި ވާހަކައިގައި ރައްޔިތުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެދިފައިވާ ކަމަށާއި އެ ދުވަހު އިމްރާންގެ ވާހަކަތަކުގެ ސަބަބުން އެތައް ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ފުލުހުންނަށާއި އާންމުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އެފަދަ ކަންކަމަށް މި ރާއްޖެއަކު ޖާގައެއް ނުދެވޭނެ، އެފަދަ އަމަލެއް ހިނގާ ފަރާތަކަށް ގާނޫނުން ދެވެން އޮންނަ އަދަބެއް ދެވޭނެ، މޫޒަހަރާގެ ކުޑަ ދުވަސްކޮޅެއް ކުރިން އިމްރާން އަބްދުﷲ ހުރީ ސަރުކާރު ކޯލިޝަނުގައި، އެ ޕާޓީގެ އިސް ބޭފުޅުން ތިއްބެވީ ސަރުކާރުގެ އިސް މަގާމުތަކުގައި،" ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން އަސާސީ ހައްގުތަކާއި މިނިވަންކަމަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ޑިމޮކްރަސީއަކަށް ވަރަށް މުހިންމު ކަމެކެވެ.

"އެހެންނަމަވެސް އެއީ ފަރުދުން ހިތު ހުރިހާ ގޮތަކަށް އުޅުމެއް ނޫން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދެވޭނެ،" ބަޔާނުގައިވެ އެވެ.

ހައްދުފަހަނައަޅައިދެވެނީ ހަމައެކަނި ދީނީ ގޮތުން ނޫން ކަމަށާއި އާންމު ފަރުދަކު ވެސް ހަމަނުޖެހުމަށް ގޮވާނަމަ އެއީ ނުރައްކާތެރި ކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. ދިވެހި ސަރުކާރުން އެފަދަ އަމަލުތަކާ ދެކޮޅު ހަދާނެ ކަމަށާއި ނަމަވެސް ރައްޔިތުންނަށް އަޑުއުފުލުމަށާއި މުޒާހަރާ ކުރުމަށް ވެސް ފުރުސަތު ދޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.