އެމްޑީޕީ ރޫޅާލެވިއްޖެކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން ސާފުވެއްޖެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ "ރޫޅާލާނެ" ކަމުގެ ވާހަކައަކީ ދަ ޑިމޮކްރެޓްސްއަށް ރައީސް ނަޝީދު ސޮއިކުރެއްވުމަށް މިދިޔަ ޖުލައި 13 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅެކެވެ.
"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލަނަން. ތިކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ. ތިޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" އާޓިފިޝަލް ބީޗްގައި ޑިމޮކްރެޓުންނާ އެކު ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިން އެމްޑީޕީ ރޫޅިފައިވާ ކަން ސާފުވާ ކަމަަށެވެ.
"ހަގީގަތަށް ދަންނަވަންޏާ މަނިކުފާނު [ރައީސް ނަޝީދު] މި ޕާޓީ އުފެދުމާ އެކު ވިދާޅުވި ރޫޅާލާނަމޭ. ރޫޅާލާނަމޭ. ސުވާލެއް ވެސް ނެތް ރުޅާލެވިއްޖެ،" އީވާ ވިދާޅުވި އެވެ.
އީވާ އިތުރަށް ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން ނިކުމެ އެމްޑީޕީ ރޫޅާލީ ސަރުކާރުގެ ތެރެއިން ލިބެމުން ދިޔަ ހުށަހެޅުންތަކާއި ކުރި ޖެއްސުންތަކާއި ދީފައިވާ އިންޒާރުތަކުގެ ތެރެއިން ކަމަށެވެ.
އަލުން ސަރުކާރެއް އެކުލަވާލުމަށްޓަކައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ނިންމާ ނިންމުމް މުހިއްމު ދައުރެއް އަދާކުރާނެ ކަމުގައިވެސް އީވާ ވިދާޅުވި އެވެ.
އީވާގެ ވާހަކަފުޅުގައި ވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ފަހު ވަގުތު އިންތިހާބަށް ނިކުމެ ވަޑައިގެން ހޯއްދެވި ކާމިޔާބަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 101،494 ވޯޓު ލިބިވަޑައިގެންފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ. އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް 15,789 ލިބިވަޑައިގެންނެވި އެވެ.