ދަނގެތި

ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

Sep 1, 2023

އދ. ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވާ ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި، ދަނގެތީގެ ކައުންސިލުގެ ނައިބު ރައީސް އިމްރާން އަހުމަދެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ކުންފުންޏާއި ހަވާލުވުމަށްފަހު ދަނގެއްޗަށް ކުރި ފުރަތަމަ ދަތުރުގައި އެރަށުގެ ކައުންސިލުން ފެނުގެ ނިޒާމުގެ މައްސަލަ ހުށަހެޅި ކަމާށެވެ. އޭރުވެސް ދަނގެތީގެ ފެނުގެ ނިޒާމް ފުރިހަމަ ކުރެވިފައި އޮތް ނަމަވެސް ރައްޔިތުންނަށް އޭގެ ފޮނި މީރުކަން ނުލިބޭ ކަމުގެ ޝަކުވާ ކައުންސިލުން ހުށަހެޅި ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ދަނގެތީގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށްޓަކައި 2014 ވަނަ އަހަރު ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން 2018 ވަނަ އަހަރު އެ ޕްރޮޖެކްޓް ފުރިހަމަކޮށް ހައުސިން މިނިސްޓްރީއާއި ހަވާލު ކުރި ކަމަށެވެ.

ސަރުކާރުން ސްޓެލްކޯއާއި އެ ނިޒާމް ހަވާލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް ސްޓެލްކޯއިން އެކަހަލަ އެއްވެސް ހިދުމަތަކާއި ހަވާލުވުމުގެ ކުރިން ބަލާ މިންގަނޑުތަކެއް ހުންނަކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ އެ މިންގަނޑުތަކަކީ ހިދުމަތްދޭން ފަށާއިރުގައި އެ ހިދުމަތްދިނުމަށް ބޭނުންވާ ފުރިހަމަ ނިޒާމް ގާއިމް ކުރެވިފައި އޮތްތޯ ބެލުން ކަމަށެވެ.

"އަޅުގަނޑު ސްޓެލްކޯއާއި ހަވާލުވިއިރުވެސް މި ނިޒާމާއި ހަވާލުވުމާއި ގުޅޭ ހިޔާލު ތަފާތުވުމެއްގައި އޮތީ. އަޅުގަނޑު އައިސް އެވާހަކަ ދެއްކީމާ، ތިބޭފުޅުންނަށް ހަމަ ތެދު ތެދަށް މިދަންނަވަނީ. އަޅުގަނޑުގެ ފުރިހަމަ ބޭނުމަކަށްވީ، ހިޔާލުތަފާތުވުންތައް ދޫކޮށްލާފައި ރައްޔިތުންނަށް ފެނުގެ ލުއިފަސޭހަކަން ސަރުކާރުން ދޭން ބޭނުންވާ އެހިދުމަތް ލިބިދެވޭނީ ކިހިނެތްތޯ. އެ ބެލުން" ޝަރީފު ވިދާޅުވި އެވެ.

އެގޮތުން ސްޓެލްކޯގެ ކަމާއި ގުޅުން ހުރި ޑިޕާޓްމަންޓުގެ ވެރިޔާއަށް ފެނުގެ ހިދުމަތް ދަނގެތީގައި ދެވޭނީ ކިހިނެތްތޯ ބެލުމަށް ހަވާލު ކުރި ކަމަށާއި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އޭގެ މައުލޫމާތުތައް ދެއްވި ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބުނު މައުލޫމާތުގެ އަލީގައި ދަންނަވާކަމަށްވާނަމަ، ބޭރުގެ އެކުންފުނިން، މިތަނަށް އަޅާފައި އޮތް ފެނުގެ ނިޒާމަކީ، އެއްގޮތަކަށްވެސް މިވަރުގެ ރަށެއްގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުމަށް، އެކަށީގެންވާ ފެނުގެ ނިޒާމެއް ނޫން،" ޝަރީފު ވިދާޅުވި އެވެ.

ސަބަބެއްގެ ގޮތުގައި ޝަރީފު ފާހަގަކުރެއްވީ ސްޓޯރޭޖް ޓެންކުގެ ގޮތުގައި ކަނޑައަޅާފައިވާ ޓޭންކުގައި ދަބަރު ޖެހުމާއެކު ލޯވަޅު އެޅީ ފެން ނުހިފެހެއްޓުމާއި ބޭނުންވާ ވަރަށް ނުއުފެއްދޭ އާރުއޯ ޕްލާންޓެއް ހުރުމެވެ. މީގެ އިތުރުން ހިދުމަތް ދިނުމަށް އަޅާފައިވާ ހޮޅިތަކަކީ ފެން ޕްރެޝަރުގައި ދޫކުރުމަށް އެކަށީގެންވާ ހޮޅިނޫން ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދަނގެތީގައި މިވަގުތު އަޅާފައި އޮތް ފެނުގެ ވިއުގައިގައި ފެން ޕްރެޝަރުގައި ދޫކުރުމާއި އެކު ލީކުވާން ފަށާ ކަމަށާއި ހޮޅި އެކި ދިމަދިމާލުން ފަޅައިގެންދާ ކަމަށެވެ.

އެހެން ކަމުން ކަމާ ގުޅޭ މިނިސްޓްރީގައި އެދި ސްޓެލްކޯއިން ދަނގެތީގެ ފެނުގެ ނެޓްވޯކް އަލުން އެޅުމަށް ނިންމީ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯއިން މި ނެޓްވޯކް ގާއިމުކުރާއިރު 365 ޓަނުގެ ދެ ޓޭންކާއި، 395 ކޮންޒިއުމަރުންނަށް ހިދުމަތް ދިނުމަށްޓަކައި މީޓަރުތައް ބަދަލުކުރުމާއި 7،000 މީޓަރުގެ ނެޓްވޯކް ލައިނެއް އަޅާނެ އެވެ.

ރަށުގެ ފެނުގެ ވިއުގަ ބަދަލުކުރުމަށް ކުންފުންޏަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ހިދުމަތްދޭން ފަށާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.