ސްޓެލްކޯ

މަންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފި

Aug 31, 2023

އދ. މަންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފި އެވެ.

މަންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށް ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި އައިކެއަރ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބުދުﷲ ޒާހިރު އަދި މަންދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ހުސައިން އެވެ.

އެ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރީ މަންދޫގެ ކައުންސިލާއި އައިކެއަރ ޕްރައިވެޓް ލިމިޓެޑާއެކު އޮގަސްޓް 17، 2016 ގައި ވެވުނު ކޯޕަރޭޓް ސޯޝަލް ރެސްޕޮންޒިބިލިޓީ -- ސީއެސްއާރު އެއްބަސްވުމެއްގެ ދަށުންނެވެ.

މި ނިޒާމުގެ މަސައްކަތް އައިކެއަރ އިން ނިންމާ މިއަދު ވަނީ މަންދޫ ކައުންސިލާ ހަވާލުކޮށްފަ އެވެ. އަދި މަންދޫ ކައުންސިލުން ވަނީ މި ހިދުމަތް އެ ރަށުގައި ދިނުމަށް ސްޓެލްކޯއާއި ހަވާލުކޮށްފަ އެވެ.

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާއި ހަވާލުކުރި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި މަންދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ހުސައިން އެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވަނީ އައިކެއަރ ޕްރައިވެޓް ލިމިޓެޑަށް ސަރުކާރާއި ސްޓެލްކޯގެ ނަމުގައި ޝުކުރު އަދާކުރައްވާފަ އެވެ.

އަހުމަދު ޝަރީފު ވިދާޅުވީ ކުދި އާބާދީތަކަށް ތަރައްގީ ގެނެވޭނެ ނިޒާމަކީ މިއީ ކަމަށާއި ހަމައެކަނި ސަރުކާރު އަދި ސަރުކާރާއި ގުޅިފައިވާ ފަރާތްތަކަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީކުރަންޖެހޭ ވަރަށް ނުކުރެވިދާނެ ކަމަށެވެ.

"އެހެންވެގެން އަޅުގަނޑުމެން އަބަދުވެސް ޕްރައިވެޓް ސެކްޓާއަށް ދައުވަތު އަރުވަން. އަދި މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އަޅުގަނޑުމެން ދޮރު ހުޅުވާލާފައި ބާއްވަން." ޝަރީފު ވިދާޅުވި އެވެ.

މަންދޫގައި މިވަގުތު ގާއިމްކޮށްފައިވާ ސިސްޓަމުގައި 10 ޓަނުގެ ދެ އާރޯ ޕްލާންޓާއި 74 ޓަނުގެ ދެ ސްޓޯރޭޖް އެބަހުރިކަން ޝަރީފު ފާހަގަކުރެއްވި އެވެ. މަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމާއި ހަވާލުވުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންކަން ހުރުމާއި އެކު ހަވާލުވުން ލަސްވި ނަމަވެސް މިހާރު އެކަންކަން ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު އިތުރަށް ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ބަލާއިރު ދުވާލަކަށް 35 ޓަނު ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށެވެ. މިވަގުތު ގާއިމްކޮށްފައިވާ ނިޒާމުން އުފެއްދެނީ 20 ޓަނު ނަމަވެސް މި ހިދުމަތް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ސަރުކާރާއި ކައުންސިލުން މި ހިދުމަތް ދިނުން ސްޓެލްކޯއާއި ހަވާލުކޮށްފައިވާތީ ރައްޔިތުންނަށް ބޭނުންވާ މި ހިދުމަތް އިތުރަށް ފުޅާކޮށް، ހުއްޓުމެއްނެތި ދިނުމުގެ ޒިންމާ ސްޓެލްކޯއިން ނަގާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތިބޭފުޅުންނަށް މިދޭ ހިދުމަތް ހުއްޓުނަކަ ނުދޭނަން. ޔަގީން ކުރައްވާ. މިއީ އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒަފުން މަންދޫގެ ރައްޔިތުންނަށް ވާ ވައުދެއް. އަދި ކޮންމެ ރަށެއްގައިވެސް މިފަދަ ހިދުމަތްތައް ފަށާއިރުގައި ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެން ހަދިޔާއެއްދެން. އެގޮތުން ކޮންމެ ކަނެކްޝަނަކަށް، ކޮންމެ ކޮންޒިއުމާއަކަށް، އަޅުގަނޑުމެން އެއް ޓަނުފެން ހިލޭ މިއަދުން ފެށިގެން ދޭނަން" ޝަރީފް ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިން ވިދާޅުވީ އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ނިންމާ، އެ ހިދުމަތްދޭން ފެށުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ވަރަށް އިހުލާސްތެރި މަސައްކަތްތަކަކާ އެކުގައި ކަމަށެވެ.

އެގޮތުން ރަށުގެ ކަރަންޓާއިވެސް ސްޓެލްކޯއިން ހަވާލުވެ ރަށުގެ ކޭބަލް ނެޓްވޯކް ބަދަލުކޯށް ޕެނަލްބޯޑު ބަދަލުކޮށްފައިވާ ކަމަށް އިބްރާހީމް ހުސައިން ވިދާޅުވި އެވެ.