މަސްތުވާތަކެއްޗާ އެކު ދެ ފުލުހަކު ފުވައްމުލަކުން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ހިންގި އޮޕަރޭޝަނެއްގައި އެ ދެ ފުލުހުންނާއި އިތުރު މީހަކު އަތުލައިގަތީ ފުވައްމުލަކު އެއާޕޯޓުން ކަމަށެވެ. އެ ތިން މީހުން ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތިން މީހުން ހައްޔަރުކުރީ ރޭ އެރަށަށް އައި ފްލައިޓަކުން ގެނައި ފޮށިގަނޑަކާ ހަވާލުވެގެން ދަނިކޮށެވެ. އެ ފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކީ ފުވައްމުލަކަށް ނިސްބަތްވާ ފުލުހެކެވެ. އަނެއް ފުލުސް މީހާއަކީ އެހެން ރަށަކަށް ނިސްބަތްވާ ފުލުހެއް ނަމަވެސް އެ ފުލުސް މީހާ މަސައްކަތް ކުރަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި ކަމަށް ވަނީ އެނގިފަ އެވެ.