ހަބަރު

މާލޭގެ ދެ ސަރަހަދެއްގައި ފެން ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

އާރްއޯ ޕްލާންޓް، ނޫނީ ލޮނު ފެނުން ސާފު ބޯފެން އުފައްދާ ޕްލާންޓެއް މާލޭގެ ދެ ސަރަހައްދެއްގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މިއީ މާލޭގެ ފެނުގެ ނިޒާމު ވަރުގަދަ ކުރުމަށް ފަށާފައިވާ މަޝްރޫއުއެކެވެ.

މާލޭގެ ދެ ސަރަހައްދެއްގައި މި ޕްލާންޓްތައް ބެހެއްޓުމަށް އިމާރާތްތައް ހެދުމުގެ މަސައްކަތް މިއަދު ހަވާލު ކުރީ، އަމީން ކޮންސްޓްރަކްޝަންއާ އެވެ. އެކަމުގެ އެއްބަސްވުމުގައި އަމީން ކޮންސްޓްރަކްޝަންއާ އެކު އެމްޑަބްލިއުއެސްސީ އިން ވަނީ ސޮއިކޮށްފަ އެވެ. އަމީން ކޮންސްޓްރަކްޝަންއާ މި މަސައްކަތް ހަވާލުކުރީ އެ ދެ އިމާރާތް ހަތަރު މަސް ދުވަހުގެ ތެރޭގައި ގާއިމުކޮށް ނިންމަންޖެހޭ ގޮތަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ބަޔާންގައި ވިދާޅުވެފައި ވަނީ މިއަހަރުގެ ތެރޭގައި މާލެގެ ދެ ސަރަހައްދެއްގައި މުޅިން އާ ދެ ފެންޕްލާންޓް ގާއިމް ކުރާނެ ކަމަށެވެ.

މާލޭގެ ފެނުގެ ނިޒާމް ވަރުގަދަ ކުރުމަށް ފަސް ލީޓަަރުގެ ފެންފުޅި އުފައްދާ ބޮޓްލިން ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްއީއިން ދަނީ ކުރަމުންނެވެ. ފަސް ލީޓަރުގެ ފެން ފުޅި އުފައްދަން މިހާރު ކުރާ މަސައްކަތުން އުފެއްދެނީ ގަޑިއިރަކު 2،500 ފުޅިއެވެ. ނަމަވެެސް އާ ޕްލާންޓް ގާއިމްވުމުން ގަޑިއިރަކު އެ ސައިޒުގެ 6،500 ފެން ފުޅި ދެ ޕްލާންޓުން އުފެއްދޭނެ އެވެ.

މާލޭގެ އިތުރުން ބޮޓަލިން ޕްލޭންޓެއް ދެން ހުންނަނީ ހުޅުމާލޭގައެވެ. ކުރިއަށް އޮތްތާ ގުޅީފަޅުގައި ވެސް އެ ކުންފުނީގެ ޕްލާންޓްތައް ބަހައްޓާނެ އެވެ.