ހަބަރު

އިންޑިޔާގެ މަނަވަރަށް 4500 މީހުން ޒިޔާރަތްކޮށްފި

އިންޑިޔާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު "ވިކްރަމަދިއްތިޔާ"އަށް 4500 މީހުން ޒިޔާރަތްކޮށްފި އެވެ. މި މަނަވަރު ބަލާލުމަށް އާންމުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު މަނަވަރުގައި ބޭއްވި ރިސެޕްޝަނަށް 300 ގެސްޓުން ދިޔަ އެވެ.

ދެ ދުވަހުގެ މަތިން އިންޑިޔާގެ މި މަނަވަރަށް 4500 މީހުން ޒިޔާރަތްކޮށްފައިވާ އިރު އިއްޔެ އެކަނިވެސް މި މިނަވަރަށް 1700 މީހުން ޒިޔާރަތްކުރި އެވެ. މިއަދު ޒިޔާރަތްކުރީ، 2800 މީހުންނެވެ.

ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު، އާއްމުނަށް ދައްކާލި މި މަނަވަރަކީ އިންޑިޔާގެ ޝަރަފެއްގެ ގޮތުގައި ބަލާ ބޮޑު ބިޔަ އުޅަނދެކެވެ. މި އުޅަނޅުގެ ދިގުމިނުގައި 930 ފޫޓު ހުރެ އެވެ. އަދި މި އުޅަނދުގައި 24 ގަޑިއިރު 1،800 ކްރޫއިން ހަރަކާތެރިވިވެ އެވެ. މި އުޅަނދުގެ އުސްމިނުގައި 26 ބުރީގެ އިމާރާތެއްގެ އުސްމިން ހުރެ އެވެ. އަދި ފެނުގެ އަޑިއަށް 13 ބުރި ހަދާފައިވެ އެވެ. އަދި މި އުޅަނދުގައި ބޮން އަޅާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރާ އެކު 35 އުޅަނދު ޕާކް ކުރާނެ ޖާގަ އޮވެ އެވެ.

ވިކްރަމަދިއްތިޔާގެ މި ދަތުރުގައި އިންޑިޔާ ކަނޑުގެ ސިފައިންގެ އިތުރު ދެ މަނަވަރު ކަމަށްވާ "އައިއެންއެސް މައިސޫރު" އަދި "އައި އެން އެސް ދީޕަކް" ވެސް ވަނީ މާލެއަށް ބަނދަރުކޮށްފަ އެވެ.

މާލެ ބަނދަރުގައި މިހާރު އޮތް އިންޑިޔާ ކަނޑުގެ ސިފައިންގެ ތިން މަނަވަރު މާދަމާގެ ނިޔަލަށް މާލޭގައި އޮންނާނެ އެވެ. މި އުޅަނދަކީ ރަޝިޔާއިން ކުރިން ބޭނުންކުރި މަނަވަރެކެވެ. ނަމަވެސް 2004 ވަނަ އަހަރު އިންޑިޔާއިން މި މަނަވަރު 2.3 ބިލިއަން ޑޮލަރަށް ގަނެ ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.