ވެރިކަން ލިބިވަޑައިގެންފިނަމަ ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރާނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ މިހާރު އޮތީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ އާބަންކޯގެ ބެލުމުގެ ދަށުގައެވެ. ހުޅުމާލެ، އާބަންކޯގެ ދަށަށް ބަދަލުކުރީވެސް ނިމިދިޔަ ސަރުކާރުގައި މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އޭނާ ލިޔެ ސޮއިކުރައްވާފައިވާ ރަޖިސްޓްރީއަކާ އެކު އެވެ.
މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވައުދުވެވަޑައިގެންފައިވާ ކަމެކެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެއިން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ހުޅުމާލެ، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުން ފަސްކުރުމަށް ސަރުކާރުން ގެންދަނީ އެކި އުޒުރުތައް ދައްކަމުންނެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި ސަރުކާރުގެ ގުޅުންވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ހުޅުމާލެ އަކީ އެތައްހާސް ރައްޔިތުން ދިރިއުޅޭ ތަނަކަށްވާއިރު އެތަނަށް ހިދުމަތް ދެވޭނީ ރައްޔިތުން އިންތިހާބުކޮށްފައިވާ ބަޔަކަށް ކަމަށެވެ. އާބަންކޯ އަކީ ވިޔަފާރި ކުންފުންޏެއް ކަމަަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ކުންފުންޏަކަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އިހްސާސްތައް ނޭނގޭނެ ކަމަށެވެ. އެހެންވެ ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"އޭރުން ރައްޔިތުންގެ އިހްސާސްތައް އަޑު އަހައިގެން ހިދުމަތް ދެވޭނީ،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށްފަހު މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އާބަންކޯ އިން މީގެކުރިން ބުނި ގޮތުގައި އެ ކުންފުނި އުފެއްދީވެސް އަދި ކުންފުނީގެ މައިގަނޑު މުދަލަކީވެސް ހުޅުމާލެ ކަމަށްވެފައި ހުޅުމާލޭގެ ނަމުގައި ބޮޑެތި ލޯންތަކެއް ނަގާފައިވާތީ ލޯނުތަކަށް ފައިސާ ދައްކާ ނުނިމެނީސް ހުޅުމާލެ، އާބަންކޯ އިން ވަކިނުކުރެވޭނެ ކަމަށެވެ.
އާބަންކޯ އާއި މާލެ ސިޓީ ކައުންސިލާ ދެމެދު މީގެކުރިން ހިނގާދިޔަ ބޮޑެތި ކޯޅުންތަކަށްފަހު މާލެ ސިޓީ ކައުންސިލުން ވަނީ އާބަންކޯ އަށް ދޫކޮށްފައި އޮތް ހުޅުމާލޭގެ ރަޖިސްޓްރީވެސް ބާތިލްކޮށްފަ އެވެ. އާބަންކޯ އިން މައްސަލަ ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ ހުޅުމާލެއަކީ އާބަންކޯގެ ތަނެއް ކަމަށް ކަނޑައަޅާފަ އެވެ.