ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމަށް ނިންމާނެ ބަޔަކު ކަނޑައެޅުމަށް މިއަދު ބާއްވަން އޮތް އެ ޕާޓީގެ ކައުންސިލް ބައްދަލުވުން އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.
ޖޭޕީގެ އިސް ބައެއް ބޭފުޅުން އަވަސްއަށް މައުލޫމާތު ދެއްވި ގޮތުގައި މިއަދު ބާއްވަން އޮތް ކައުންސިލް ބައްދަލުވުން ފަސްކުރީ ދެވަނަ ބުރަށް ދިޔަ ރިޔާސީ ދެ ކެންޑިޑޭޓުންނާ އެކު ކުރިއަށްދާ މަޝްވަރާތައް އަދި ނުނިމޭތީ އެވެ.
"މިފަދަ މުހިއްމު ނިންމުމެއް ނިންމަން ޕާޓީގެ ލީޑަޝިޕުން ބޭނުންވަނީ ދެ ކެންޑިޑޭޓުން ދައްކާ ވާހަކަ އަޑުއެހުމަށްފަހު ގިނަ ބަޔަކަށް އެންމެ ރަނގަޅު ވާނެ ގޮތަކަށް ކަމަށްވާތީ ކައުންސިލް ބައްދަލުވުން ފަސްކޮށްފައި އޮތް ކަމަށް އަންގާފައި އޮތީ،" ޖޭޕީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ޖޭޕީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި ގުޅޭނެ ބަޔަކު ކަނޑައެޅުމަށްޓަކައި ބާއްވާ ކައުންސިލް ބައްދަލުވުމަށް ދެ ހުށަހެޅުމެއް ހުށަހެޅުމަށް އޮތީ ތައްޔާރުވެފަ އެވެ. އެގޮތުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެކު ކުރިއަށް ދިއުމަށްވެސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ އެކު ކުރިއަށް ދިއުމަށްވެސް ހުށަހެޅުމަށް އޮތީ ނިންމާފަ އެވެ.
ޕީޕީއެމް ޕީއެންސީގެ އިސް ވަފްދެއް ރޭ މާމިގިއްޔަށް ވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކު ހަތަރު ގަޑިއިރުގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމް ވާދަކުރައްވައިގެން ލިބިވަޑައިގަތީ 5،460 ވޯޓެވެ.
އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދަތުރުކުރެއްވުމާ ގުޅިގެން ޖޭޕީއާ އެކު ކޯލިޝަން ނުހެދުމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މީގެކުރިން ވަނީ ލަފާ ދެއްވާފަ އެވެ. ނަމަވެސް ޕީޕީއެމް އިން އިއްޔެ ބުނީ އެ ޕާޓީން ޖޭޕީއާ އެކު މަޝްވަރާތައް ފެށީވެސް ޔާމީންގެ ރުހުމާއެކު ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.