ހަބަރު

އަބުރާ ބެހުމުގެ އަދަބުތައް ބޮޑުކުރަން މަޖިލީހަށް

  • ރާއްޖެ ހައިވާނު ބަގީޗާއަކަށް ވާން ދުލެއް ނުކުރާނެ ކަމަށް ވިދާޅުވި
  • ކޮންމެ މީހަކާ ހަމަޔަށް ވެސް ގާނޫނު އައިސް ހަމަކުރާނެ
  • ބޭނުންވަނީ އަހުލާގީ މުޖުތަމައެއް އުފައްދަން

މީހުންގެ އަބުރަށް އަރައި ގަންނަ މީހުންނަށް އެކަށީގެންވާ އަދަބުތަކެއް ކަނޑައެޅުމަށް އަންނަ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ފޮނުއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ، ހިދުމަތްތެރި މީހާއާ ދިމާލަށް ބޭނުން އެއްޗެއް ގޮވުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ.

ހުޅުމާލެ ކުޑަކުދިން ހިޔާ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ރައްޔިތަކީ ވެސް އެއްވަރުގެ ހައްގު ލިބޭ ރައްޔިތަކަށް ހަދަން މި ސަރުކާރުން ބޭނުންވާ ކަމަށާއި ކޮންމެ ރައްޔިތަކީ ވެސް އެއްވަރަށް ޒިންމާ އުފުލާ ބަޔަކަށް ހަދަންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ހުރިހާ ރައްޔިތުންނަކީ ގާނޫނަށް ބޯލަނބާ ބަޔަކަށްވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވައްކަން ކުރުމާއި މުދާ ފޭރުން ފަދަ ކުށްތަކަށް ބޮޑެތި އަދަބުތައް ދެވޭ އިރު، އިސްލާމް ދީނުގައި އެންމެ ބޮޑަށް ހުރުމަތްތެރިވެގެންވާ މީހުންގެ އަބުރާ ބެހުމަށް ކުދި އަދަބެއް ގާނޫނުގައި އޮވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަން މިކުރަނީ އުސޫލުަތަކަށް ތަބާވާ ރޫލް ބޭސްޑް ސޮސައިޓީއެއް ގާއިމުކުރަން، ކީއްވެގެންތޯ ވައްކަން ކުރީމަ އަދަބުދީފަ އަބުރު ކަތިލީމަ އަދަބު ނުދޭންވީ އަޅުގަނޑަކަށް ނުވިސްނޭ، މީހެއްގެ އެންމެ ކަރާމަތްތެރި ހައްގަކީ އެމީހެއްގެ އަބުރު، އެއަށް އަރައިގަތީ އަޅުގަނޑުމެންނަށް ހަމަ އެއްވެސް މައްސަލައެއް ނޯވޭ، އެހެންވީމަ އެހެނެއް މި ސަރުކާރެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން މަޖިލީހަށް ފޮނުވާ މައްސަލައަކީ ކުށެއް ނުކުރާ ބަޔަކަށް އަދަބުތަކެއް ދިނުމަށް ފޮނުވާ ބިލެއް ނޫން ކަމަށެވެ. އެއީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އެކަން ކުރުމުން ދޭނެ އަދަބުތަކެއް ނުވަތަ އުސޫލުތަކެއް ކަނޑައެޅުމަށް ގާނޫނަށް ގެންނާނެ ބަދަލުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ފަސޭހައެއް ނޫން އެތަން މިތަނުގައި ޖަލުތައް އަޅާކަށް، އެކަމަކު އަޅުގަނޑަށް މާ އުނދަގޫ މުޅި ރާއްޖެ ހައިވާނު ބަގީޗާއަކަށް ވާން ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިކަންތައް ކުރަނީ ރާއްޖެއިން ގެއްލިފައިވާ ރިވެތި އާދަތަކާއި އުސޫލުތައް އަނބުރާ ގެންނަން ކަމަށެވެ.

ރައީސް އަދި ވިދާޅުވީ "އެންމެ ހިދުމަތްތެރި މީހާއަށް ދިމާލަށް ވެސް ފަރުދެއް ހަމަ ބޭނުންވާހާ އެއްޗެއް ކިޔުމަކީ އެއްވެސް ކަމެއް ނޫން، އެހެނެއް ނުވާނެ، އަޅުގަނޑު ދެކެން ބޭނުންވާ ދިވެހިރާއްޖެއަކީ އެއެއް ނޫން،" ކަމަށެވެ.

ރައީސް ވިދާޅުވީ، ބޮޑެތި ޖިނާއީ ކުށް ކުރުމަކީ މިހާރު ބައެއް މީހުންނަށް އެއްވެސް ކަމެއް ނޫން ކަމަށާއި އެކަން ކޮށްފައި ތިބޭ މީހުންނާ ހަމައަށް ގާނޫނު އަރާ ހަމަނުކުރާނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ޒައާމަތެއްގައިވިއްޔާ ކޮންމެ ކުށެއްކުރާ މީހަކަށް ވެސް ގާނޫނު އަރާ ހަމަކުރާނެ، ގާނޫނާ އެއްގޮތަށް އުޅޭ ކަމަށްވަންޏާ މި ސަރުކާރަށްވުރެ ވަކި ފަސޭހަ ސަރުކާރެއް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.