ހަބަރު

ހުޅުމާލެ ކުޑަކުދިންގެ ހިޔާ ހުޅުވައިފި

އެކުވެރި އަރަބި އިމާރާތުގެ މަހުޖަނެއް ކަމަށްވާ، މަހުމޫދު އަލް ހާޖާގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި ބިނާކުރި ކުޑަކުދިންގެ ހިޔާ ހުޅުވައިފި އެވެ. އެތަން ހުޅުވައިދެއްވީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ. މަހުމޫދު އަލް ހާޖާގެ އާއިލާ އިން 689،000 ޑޮލަރު މި އިމާރާތަށް ވަނީ ހަރަދުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް އަދްނާން ވިދާޅުވީ، ހުޅުމާލެ ކުޑަކުދިން ހިޔާ ހުޅުވިގެން ދިޔުމުން ޖާގައިގެ ދަތިތަކަމެއް ހައްލެއް ލިބި، ކުދިންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ. ހުޅުމާލޭ ކުޑަކުދިންގެ ހިޔާއަށް 50 އަށްވުރެ ގިނަ ކުދިން ބަދަލުކުރާނެ އެވެ.

ހުޅުމާލެ ކުޑަކުދިންގެ ހިޔާއަށް ބަދަލުކުރަން ހަމަޖެހިފައިވަނީ، ނުވަ އަހަރުން ދަށުގެ ކުދިންނެވެ. ދެ ޖިންސްގެ ކުދިން ވަކިން ގެންގުޅުމަށް ނިންމާފައިވާއިރު މި އިމާރާތުގައި ހުންނަނީ 12 ކޮޓަރި އެވެ.

ހުޅުމާލޭގެ ލާލޭ ސްކޫލާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތް ކޮށްފައިވާ މި ހިޔާއަކީ 129 ކުދިންގެ ޖާގައިގެ ހިޔާއެއް ކަމަށް ޒީނާޒް ވިދާޅުވި އެވެ. ޒީނާޒް ވިދާޅުވި ގޮތުގައި ހުޅުމާލެ ހިޔާގެ ކުދިންނަށް ސްކޫލަށް ދިއުމާއި ހުރިހާ ކަމެއް ހަމަޖެހި އެކުދިންނަށް އެއްވެސް ދައްޗެއް ނުވާނެ ގޮތަށް ކަމަށެވެ.

އަލަށް ހުޅުވި މި ހިޔާގައި ކުޅޭ ސަރަހައްދާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދު ވެސް ދެ ޖިންސަށް ވަކިން ވަނީ ހަދައިފަ އެވެ. އަދި މެޑިކަލް ރޫމަކާއި ކައުންސިލިންއަށް ހާއްސަ ކޮޓަރިއެއް ވެސް މި އިމާރާތުގައި ވަނީ ގާއިމުކޮށްފަ އެވެ. އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަ ކޮށްފައި ވަނީ އެންމެ ތުއްތު ކުދިންނަށެވެ.