ހުޅުމާލޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކުގެ ކުއްޔާއި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާވެޔޮ މަގުގައި މިރޭ ބޭއްވި ކަންމަތީ ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކަށް ކުލީގެ ގޮތުގައި ދައްކަން މިސަރުކާރުން ބުނާ އަދަދުތަކަކީ މާބޮޑެތި އަދަދުތަކެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކުންފުނިތަކުގެ ފްލެޓްތަކަށް ނަގާ ކުއްޔާއި އަދި ވިނަރެސް ފްލެޓްތަކަށް އާބަންކޯ އިން ނަގާ ކުލީގެ ގޮތުގައި ނަގާ އަދަދު ކުޑަކުރި ނަމަވެސް އެ ކުންފުނިތަކަށް ގެއްލުން ނުވާނެ ކަމަށެވެ.
ވިނަރެސް ފްލެޓްތަކުގެ މަޝްރޫއަކީ ނިމިދިޔަ ސަރުކާރުގައި އޭނާގެ ހައުސިން މިނިސްޓަރުކަމުގައި ފައިސާ ހަމަޖައްސާފައިވާ ޕްރޮޖެކްޓެއް ކަމަށާއި މިސަރުކާރުން މި މަޝްރޫއުގެ ނަން ވިނަރެސް އަށް ބަދަލުކުރި ނަމަވެސް މިމަޝްރޫއުގެ މައުލޫމާތު ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.
"ދެ ލައްކަ ރުފިޔާގެ ޑައުންޕޭމަންޓަށް ނަގާފައި މަހުން މަހަށް ބޮޑު ކުއްޔެއް ވިނަރެސް ފްލެޓްތަކުން ނެގުމަށް މަސައްކަތް ކުރަމުން އެދަނީ މިމަޝްރޫއު ކުރިއަށް ގެންދަން ނިންމި ގޮތަކަށް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ ބޭނުމަކީ މީހުންނަށް ފްލެޓެއް ދިނުމަށްފަހު ކުލި "ދަންތުރައަކަށް" ހެދުން ކަމަށް ނުވާތީ އޭނާގެ ވެރިކަމެއްގައި ފްލެޓްތަކުގެ ކުލި ކުޑަކުރައްވާނެ ކަމަށެވެ.
މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ދޫކުރަަމުންދާ ގޯތިތަކާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިސަރުކާރުން ދޫކުރަން ތައްޔާރުވަމުންދާ ފްލެޓްތައް މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފިނަމަ އަތުލާނެ ކަމަށް ބުނާތީ މުއިއްޒުވެސް މިރޭ ވެސް ވިދާޅުވީ އެއްވެސް މީހަކަށް ދީފައިވާ އެއްވެސް ގޯއްޗެއް އަދި އެއްވެސް ފްލެޓެއް އަތުނުލާނެ ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ވަނީ އެ ގޯތިތައް ހަދައިދީ ފްލެޓްތައް އަޅައިދޭނެ ބޭފުޅަކަށް ކަމުގައި ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އޭނާ ވެވަޑައިގަންނަވާ ވައުދުތައް ފުއްދައިދެއްވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން ވޯޓުލާން ނިކުމެ ވޯޓު ދިނުމަށް ވިސްނަންޖެހޭ އެހެން ކެންޑިޑޭޓެއް ނެތް ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.