އެމްޑީއޭ

ސިޔާމުގެ ކޮއްކޮ ސާލިމުގެ ތައުރީފް ރައީސް ސޯލިހަށް

ދިވެހި ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދިޔައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވިދާޅުވެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމު މުހައްމަދުގެ ކޮއްކޮ ހުސައިން ސާލިމް މުހައްމަދު ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ސާލިމް ވާހަކަދައްކަވާފައި މިވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ސޕޯޓަރުންނާ އެކު ރައީސް ސޯލިހް ބޭއްވި ފުރަތަމަ ބައްދަލުމުގައި އެމްޑީއޭގެ އިސް ބޭފުޅުން ފެނިފައި ނުވާތީ ބައެއް މީހުން ސުވާލު އުފައްދަމުންދާ ވަގުތެއް ގައެވެ.

އެމްޑީޕީގެ ސޯސަން ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީއޭގެ ކައުންސިލް މެންބަރު ސާލިމު އަނިޔާވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް މިވެރިކަމުގެ ފަސް އަހަރުގައި ފެނިފައި ނެތް ކަމަށެވެ.

މިސަރުކާރުން ތައާރަފް ކުރި ފްރީ ޑިގްރީ ޕްރޮގްރާމުގެ ސަބަބުން އެތައް ބަޔަކަށް މާލީ އެއްވެސް ބުރައެއް އުފުލަން ނުޖެހި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ލިބިފައިވުމަކީ ބޮޑު އުފަލެއްގެ ގޮތުގައިވެސް ސާލިމް ސިފަކުރެއްވި އެވެ.

"ތައުލީމު ކުރިއަރައިގެން ދިޔައީ އަޅުގަނޑުމެންގެ މައިންބަފައިން ހިނިތުންވެ އުފަލުން ހެވޭ މިންވަރަށް. އުފަލުން ރޮވޭ މިންވަރަށް," އެސްޓީއޯގެ ކުރީގެ ޗެއާމަން ސާލިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އަތޮޅު ތެރޭގެ ރަށްތަކަށް އެއްވެސް ސަރުކާރަކުން ކޮށްދީފައިވާ ނުވާހާ ގިނަ ތަރައްގީގެ މަސައްކަތްތައް ރައީސް ސޯލިހް ޒައާމަތުގައި ރަށްތަކުގައި ހިނގަމުންދާ ކަމަށެވެ. އެހެންވެ ރައީސް ސޯލިހްގެ ވެރިކަމަކީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން ތަފާތު ދައުރެއް ކަމުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ ކޮވިޑް 19ގެ ދުވަސްވަރު ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާ އެކު ގައުމު ހަމައަކަށް އަޅުވާލެއްވި ގޮތަށްވެސް ސާލިމް ވަނީ ތައުރީފް ކުރައްވާފަ އެވެ.

"ކެތްތެރިކަމާ އެކު ހުންނަވައިގެން ގައުމަށް ގެނެސްދިން ހަމަޖެހުން ބަލައިގަންނަން ޖެހޭ،" ސާލިމް ވިދާޅުވި އެވެ.

ސާލިމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހް ވެރިކަމުގެ ކުރިން އޮތް ސަރުކާރުގައި ކަންކަން ހިނގާފައިވާ ގޮތްތައް އެންމެންނަށްވެސް އެނގޭ ކަމަަށާއި އެކަމުން އިބްރަތް ހާސިލްކުރަންޖެހޭ ކަމަށެވެ. އަދި އޭރު ކަންކަންވީ ގޮތް ހަނދާންނައްތާލައިގެން ނުވާނެ ކަމަށްވެސް ސާލިމް ވިދާޅުވި އެވެ.