ރާއްޖެ ކުޅިވަރު

ރޫނީގެ ކަކޫ ރަނގަޅުވާނީ ހަ ހަފުތާއިން

މެންޗެސްޓާ ޔުނައިޓެޑާއި އިނގިރޭސި ގައުމީ ކެޕްޓަން ވޭން ރޫނީގެ ކަކުލަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅުވާން ހަ ހަފުތާ ނަގާނެ ކަމަށް އޭނާގެ ކުލަބުން ބުނެފި އެވެ.

ޔުނައިޓެޑުން ބުނީ މި ދިޔަ ހަފުތާގައި ސަންޑަލޭންޑާ ދެކޮޅަށް ކުޅެނިކޮށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް އޮތް އަށް މެޗުގައި ވެސް ރޫނީ އަށް ނުކުޅެވޭނެ ކަމަށެވެ.

"އޭނާ ވަނީ އަހަރުމެންނަށް ވަރަށް ގިނަ ގޯލު ޖަހާދީފައި. އަހަރުމެންނަށް އޭނާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އެކަމަކު އޭނާ އަށް ނުކުޅެވޭތީވެ އަހަރުމެންނަށް ޖެހޭނީ އެކަން ގަބޫލުކޮށް، އޭނާ ނެތުމުގެ އުނިކަން ފިލުވަން މަސައްކަތްކުރަން،" ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ބުންޏެވެ.

މި ސީޒަނުގެ ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމަށާއި ޔޫރޮޕާ ލީގު ކާމިޔާބު ކުރަން މަސައްކަތް ކުރާ ޔުނައިޓެޑަށް ރޫނީ ނެތުމަކީ ވަރަށް ބޮޑު މައްސަލައަކަށް ވެގެންދާނެ އެވެ.

"އޭނާ އަކީ ކިރިޔާ ވެސް ކުޅެވޭނެނަމަ މެޗު ކުޅެން ބޭނުންވާ މީހެއް. ތަދުބޮޑުވެގެން އެނޫން ގޮތެއް ނެތުނީމާ ނޫނީ އޭނާ ނުކުޅެ ނުހުންނާނެ. މިއީ އަހަރުމެންނަށް ވަރަށް ބޮޑު ދެރައެއް،" ވެންހާލް ބުންޏެވެ.

ރޫނީގެ އަނިޔާ އަކީ އިނގިރޭސި ގައުމީ ކޮޗު ރޯއި ހޮޖްސަން ވެސް ކަންބޮޑުވާ މައްސަލައެކެވެ. އެއީ ޖޫން މަހު ޔޫރޯ ފުޓްބޯޅަ މުބާރާތް އޮތުމުންނެވެ. ނަމަވެސް ރޫނީ އަކީ އަބަދުވެސް ބޮޑު މުބާރާތެއް ކުރިމަތީގައި އޮވެ އަނިޔާގެ ސަބަބުން ފިޓްނަސްއާ ހަނގުރާމަކުރަންޖެހިފައިވާ ކުޅުންތެރިއެކެވެ.