މޫސުން

މިއަދު ބޯކޮށް ވާރޭވެހި ކަނޑާއި ވައި ވެސް ގަދަވާނެ!

ވެރިރަށް މާލެ އާއި މާލެ ސަރަހައްދު ހިމެނޭ މެދު ރާއްޖެ ތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެން ފެށުމުން މުސުމާބެހޭ އިދާރާއިން ރީނދޫ އެލާޓް ނެރެ މޫސުމަށް ސަމާލުވާން އަންގައިފި އެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ގދ. އަތޮޅާ ދެމެދަށެވެ.

މެޓް އޮފީހުން ބުނީ މާލެ އާއި މެދު ރާއްޖެ ތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގަދަ ވަޔާއެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

ރީނދޫ އެލާޓް ނެރުނީ މޫސުން ގޯސްވެ ވައިގަދަވެ ކަނޑުގަދަވުމާއި ގުޅިގެން އެކަން ސަމާލު ކަމަށް ގެނައުމަށެވެ. ދެކުނަށާއި މެދު ރާއްޖެ ތެރެއަށް ރީނދޫ އެލާޓް ނެރެފައިވަނީ، މިއަދުގެ ހެނދުނު 10:20 އިން ހަވީރު 13:20 އަށެވެ. -- ރީނދޫ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމަ އެވެ. --

މޫސުމާބެހޭ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކާއި މެދު ރާއްޖެ ތެރެއަށް ބޯކޮށް ވާރޭ ވެހޭ އިރު 18 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

މޫސުން ގޯސްވެފައިވާތީ މޫސުމަށް ބަލައިގެން ނޫނީ ކަނޑު ދަތުރުތައް ނުކުރަން މޫސުމާބެހޭ އިދާރާއިން އެދިފައިވާއިރު މިއަދު ހެނދުނުން ފެށިގެން މާލެއަށް ދަނީ ވާރާވެހެމުންނެވެ.