ޖުމްހޫރީ ޕާޓީ

ޖޭޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުން އަލީ އާރިފް އިސްތިއުފާ ދެއްވައިފި

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އިސްތިއުފާ ދެއްވައިފި އެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުން އަލީ އާރިފް މިއަދު އިސްތިއުފާ ދެއްވި ކަމަށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އަވަސް އަށް ޔަގީންކޮށްދެއްވި އެވެ.

އަލީ އާރިފް އިސްތިއުފާ ދެއްވާފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމުމާ ގުޅިގެންނެވެ.

އަލީ އާރިފް އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ. މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ ޖޭޕީން އަދި ވަކިވެވަޑައިގެންފައި ނުވާ ކަމަށްވެ އެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާރިފް ހަމަޖެއްސީ އޮކްޓޫބަރު 23، 2019 ގައެވެ.

އަލީ އާރިފަކީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ. ނަމަވެސް ޕީޕީއެމްގައި ހުންނެވުމަށްފަހު އަލީ އާރިފް ޖޭޕީއަށް ވަޑައިގެންނެވި ފަހުން މުއިއްޒުއާ ގުޅުން ރަނގަޅު ނޫން ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.=