ވާހަކަ

ގަހަނާ ފޮށި

( 14 ސެޕްޓެމްބަރ 2023 އާ ގުޅޭ )

ސިޓިންރޫމުން އެމީހުންގެ އަޑު ދޮރޯށްޓާ ހަމައަށް އިވެއެވެ. ދުރުގައި މަޑުކޮށްލި ކާރު ފެނުމާއެކު އަހަރެންގެ މުޅި ހަށިގަނޑަށް ފިނިގަނޑެއް އަރައިގަތް ފަދައެވެ. ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހި ގައިން ހީބިހި ނަގައިގަތެވެ. އެނބުރި ސިޓިންރޫމަށް ބަލާލާފައި އަހަރެން ދޮރޯށިން ނުކުތީމެވެ. މަޑުމަޑުން ދޮރޯށި ލައްޕާލާފައި އައިސް ކާރުކައިރީ މަޑުކޮށްލީމެވެ.

"ތިއޮއް ތެމެނީނު. ނާރަންތަ ތިހުރީ." ދޮރުފަތުގެ ބިއްލޫރިގަނޑު ކުޑަކޮށް ތިރިކޮށްލާފައި ފައިސަލް ބުންޏެވެ.

ކަމަކަށް ޝައްކުވުމުގެ ކުރީން އަހަރެން ފުންނޭވާއެއް ދޫކޮށްލައި ނަފްސު ހަމައަކަށް އެޅޭތޯ ބެލީމެވެ. ކާރަށް އަރަން ދޮރުފަތް ހުޅުވާލި ހިނދު އަހަރެންގެ ގައިގާ ބީހިލީ ގަނޑުފެންހާ ފިނި ވައިރޯޅިއެކެވެ. އެއާއެކު އަހަރެންގެ ގާތުގައި މީހަކު ހުރިކަމުގެ އިޙްސާސެއް ކުރެވުނެވެ. އަދި ކާރަށް އަހަރެންނާއެކީ އެމީހަކު އެރިހެން ވެސް ހީވިއެވެ. އެއީ ޝިފާލީގެ މަހުލޫގަށް ވެދާނޭބާއޭ ހިތަށް އެރިއެވެ. އެކަމެއްވީ ޣައިބުގައެވެ. އަހަރެންނަށް ކުރެވުނީ އިޙްސާސެކެވެ. ލޮލަކަށް ކަމެއް ނުފެނެއެވެ. އަހަރެން ޖެހިލުންވެފައި ހުރިވަރުން ހީވި ވަހުމެއްނޫންކަމެއް ވެސް ބުނާކަށް ނޭނގެއެވެ. މޭގަނޑު އިހުނަށްވުރެ ފިނިވެގެން އައީ އަހަރެންނަށް ބަލާލައި ފައިސަލް ބަދަލުކޮށްލި ހިނިތުންވުމެވެ. އޭނާ ފެންނަނީ ނިކަން ހަމަޖެހިފައިވާ މީހަކު ފަދައިންނެވެ. ހިތްއަވަސްވެ ހާސްކަން އިތުރުވީ އަހަރެންގެއެވެ. އަހަރެން ކުރި ކަންތައް އޭނާއަށް އެނގޭއިރު ވެސް އޭނާ އެހާ ހަމަޖެހިފައި އިނުމުން ދޭހަވަނީ ދެން ނަގަން އޮތް ރާޅުބޮޑުކަމެވެ. އޭނާ އެ އިނީ އަހަރެންނަށް ނިކަން ތައްޔާރުވެގެންނޭ ޟަމީރު ބުންޏެވެ.

"ޕާޓީ ކިހިނެއް؟." ފައިސަލް އަހާލިއެވެ.

"އިތޫއާއި ޒަފަރުގެ ވަރަށް ބޮޑު އުންމީދެއް އެ ފުރިހަމަވީ. މިހާ ވިއްސާރަ ރެއަކާ ދިމާވިއެއްކަމަކު ހުރިހާކަމެއް އިރާދަކުރެއްވީތީ ދިޔައީ ވަރަށް ރަނގަޅަށް. އެންމެން އަދިވެސް އެބަތިބި އެގޭގައި." ހަމަޖެހޭ ގޮތް ދައްކަމުން އަހަރެން ވާހަކަދެއްކީމެވެ. އެހެންޏާ ވެސް ފައިސަލްއާ ބާއްވާ ގާތްކަމާއެކުއެވެ.

"އާނަ ދެން ދާކަށް ނުޖެހޭނެއެއްނު." ފައިސަލް ބުންޏެވެ. ޖަވާބެއްގެ ގޮތުން އަހަރެން ބޯޖަހާލަމުން ހޫން ލައްވާލީމެވެ.

"މިރެއިން ފެށިގެން އެއްވެސް މީހަކަށް ދެން އާނަ ނުފެންނާނެ. އަހަރެން ފިޔަވާ... އެންމެ ރަނގަޅުތަ؟." ފައިސަލް ބުންޏެވެ. އޭނާ އެބުނި ބަހުގެ މުރާދަކީ ކޮބާކަން އަހަރެންގެ ޟަމީރާއި ހިތާއި ސިކުނޑި ވެސް ވަގުތުން ދެނެގެންފިއެވެ. ލަމުންދިޔަ ނޭވާ ތާށިވާން އުޅުނެވެ. ފައިސަލް އަހަރެންނަށް ބަލަނީ ތަފާތު ޝައުގުވެރިކަމަކާއެކީއެވެ.

"އައި އޭމް އޯލް ޔޯސް." އެތެރެއިން މީހާ ވިރެމުންދިޔަ ނަމަވެސް އެކަން ނުދައްކާ އަހަރެން ބުނެލީމެވެ.

"އަހަރެން މީ އާނަ ލޯބިވާނޭ އެންމެ ފަހު މީހާ. އަހަރެންނަށްފަހު އެހެން މީހަކުނުވޭ." ފައިސަލް ބުންޏެވެ. އަހަރެންނަށް އެ ވާހަކައަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ފައިސަލްގެ ވާހަކަތަކުގެ މިސްރާބު ހުރި ގޮތުންނެވެ. އޭނާ ނުސީދާކޮށް އެބުނަނީ އަހަރެންގެ ނިމުން ކައިރިވެއްޖެކަމެވެ.

ގެސްޓްހައުސްއާ ހަމައަށް އާދެވެންދެން އިތުރު ވާހަކައެއް އަހަރެމެންގެ ދެމެދަކު ނުދެކެވެއެވެ. ފައިސަލްއާ ދިމާއަށް ބަލަން އުނދަގޫވެ އަހަރެން އިނީ ދޮރުފަތުގެ ބިއްލޫރިގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ވާރޭގެ ތިކިތަކުން ނުސާފުކަން ވެރިވެފައިވާ ބިއްލޫރިގަނޑުން ހިޔަންޏެއް ފަދައިން ފައިސަލްގެ ސޫރަ އަހަރެންނަށް ފެނެއެވެ. އޭނާ ދޭތެރެއަކުން އަހަރެންނަށް ބަލާލާތީ ދުށީމެވެ. ނަމަވެސް އެ މޫނުގައިވަނީ ކޮންކަހަލަ އަސަރެއްކަމެއް ސާފުވާވަރެއްނޫނެވެ.

އެހެންޏާ ވެސް ގެސްޓްހައުސް ކައިރީ ކާރު މަޑުކުރާ ހިސާބަށް ފައިސަލް ކާރު ހުއްޓައިފިއެވެ. އަހަރެން ކާރުން ފައިބާ ދެއަތުން ދަބަސް ހިފަހައްޓާލުމާއެކު ދޮރޯށިން ވަންނަން ހިނގައިގަތީމެވެ. މުޅި އެހިސާބުގައި ވަނީ ފަޅުކަމެވެ. ވާރޭގެ އަޑުގެ ތެރޭ މާޙައުލު ނިދާފައިވާ ކަހަލައެވެ. ގެސްޓްހައުސްގެ ގޯތިތެރޭ އެހެންޏާ ދިއްލާފައި ހުންނަ ބޮކިތައް މިރޭ ހުރީ ނިވާފައެވެ. ގެސްޓްހައުގެ ދޮރުމަތީގައި ފިޔަވާ އަލިކަމެއް ނުވެއެވެ. ފައިސަލްއަށް ވުރެ ކުރީން އަހަރެން ގެސްޓްހައުސްގެ އިމާރާތަށް ވަންނަން އައީމެވެ. ނަމަވެސް މައި ދޮރު ހުރީ ލައްޕާފައެވެ. ހުޅުވަން ހިފާލިއިރު ހުރީ ތަޅު ވެސް ލާފައެވެ. ދޮރުމަތީ އަހަރެން މަޑުކޮށްލައިގެން ހުއްޓާ ފައިސަލް އައިސް ދޮރު ހުޅުވިއެވެ.

"ހާދަ އަވަސް އަރުވާލާފައި." ފައިސަލް ބުންޏެވެ.

"ވާރޭ ވެހޭތީ." އަހަރެން ބުނީމެވެ. އަދި ދެ މީހުން އެކުއެކީ ކަހަލަ ގޮތަކަށް ގެސްޓްހައުސް ތެރެއަށް ވަނީމެވެ.

"މިފަހަރު މިސްއެއް ނުވޭތަ؟." އަހަރެން ހަރަކާތެއް ނުކޮށް ހުންނަން ފެށުމުން ފައިސަލް އަހާލިއެވެ.

"ފައިސަލް މިސްވިތަ؟. ތީ އެއްވެސް އިރަކު އަހަރެންނަށް ގުޅާލި މީހެއްތަ؟. މެސެޖެއް ކުރީންތަ؟... މިހާރު އެނގޭ ކީއްވެކަން އެހެން ކަންތައް ކުރަނީ." އަހަރެން ބުނީމެވެ. ފައިސަލްއަށް އަތުވެދާނޭ ބަދަލަކަށް އަހަރެން ހުރީ ތައްޔާރުވެގެންނެވެ.

"ކޮފީ ހިފައިގެން އެބަ އަންނަން. މިތާ މަޑުކޮށްލާފައެއްނު ރޫމަށް ދާނީ. އާނަ ހީވަނީ ވަރަށް ފިނިވެފައި ހުރިހެން." ފައިސަލް ބުންޏެވެ. އަދި އޭނާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.

ގެސްޓްހައުސްގެ އެތެރެއަށް ވަދެ ދޮރާ ދިމާވާނޭހެން އަހަރެން ހުއްޓި ހުރީއެވެ. އަތުކުރީ އޮތް ގަޑިއަށް އަހަރެން ބަލާލީމެވެ. ބާރަޖައި ހިނގައްޖެއެވެ. ހޫދު ބުނިގޮތުން ބާރަ ޖަހާއިރު އެ މީހުން ފައިސަލް ހައްޔަރުކުރަން ވަނީ ނިންމާފައެވެ. އެކަމަކު އެއްވެސް މީހެއްގެ ހިލަމެއް ނުވަނީ ކީއްވެ ހެއްޔެވެ. އަހަރެންގެ ފުށުން އިޝާރާތަކަށް އެމީހުން މަޑުކުރަނީ ހެއްޔެވެ. އެޔެއް ވެސް ނޭނގެއެވެ. އެމީހުން މިހިސާބުގައި އުޅޭކަމުގެ ހިލަމެއްނުވާތީއެވެ. އަހަރެންނާއި ފައިސަލް ފިޔަވައި މިވަގުތު މިހިސާބުގައި ދިރޭ ފުރާނައެއް ނުވާ ފަދައެވެ. ފިކުރުތަކުގައި އަހަރެން ހުއްޓާ ފައިސަލް ބަދިގެއަށް ގޮސް ކޮފީ ހަދައިގެން ދެ ޖޯޑު ހިފައިގެން އެނބުރި އަތުވެއްޖެއެވެ. އޭނާ އަހަރެންނަށް އެއް ޖޯޑު ދިއްކޮށްލިއެވެ. އަދި ފަރުވާތެރި ބެލުމަކުން އަހަރެންނަށް ބަލަން ހުއްޓެވެ. އެއް ފަހަރު ކޮފީޖޯޑަށް އަނެއް ފަހަރު ފައިސަލްއަށް އަހަރެން ބަލާލީމެވެ.

"ނުބޯނަންތަ؟." ފައިސަލް މިހެން އަހާލީ ހިންޏެއް އައިސްފައި ހުރެއެވެ.

އަހަރެން ހިތަށް އެރިއެވެ. އަހަރެންގެ ގޮތް ބަލަން ފައިސަލް އުޅެނީ ހެއްޔެވެ. ކުރީން ރޭ ކޮފީޖޯޑު ބަދަލުކޮށް އޭނާއަށް ބޯން ދިނީތީހެން ހީވެއެވެ. އަހަރެން އެވަރުގެ ހިރާސްއެއް ނަގާކަށް ބޭނުމެއްނޫނެވެ. ކޮފީޖޯޑު ދޮރުން ބޭރަށް އުކާލީމެވެ. އަދި ފައިސަލްއާ ނަޒަރު ސީދާކޮށްލީމެވެ.

"ސްމާޓް. އަހަރެންނަށް އެނގުނު އެހެން އަންހެނުންނާ ތީ ތަފާތު ކުއްޖެއްކަން... އެހެންޏާ ސަމާލުނުވާވަރަށް ސަމާލުވާން ޖެހުނު. އެހެންވިޔަސް އެންމެ ފަހުވަގުތު ތިހުރީ އަމިއްލައަށް އަހަރެން ކައިރިޔަށް އައިސް. ވަރަށް ހިތަށް އެރި މިރޭ އަހަރެންނާއެކީ އަންނާނެބާއޭ... އަހަރެންނާއެކީ ނައިނަމަ އާނައަށް ސަލާމަތްވުމުގެ ޗާންސް ވަރަށް ބޮޑުވީސް ކަންނޭނގެ." ފައިސަލް ބުންޏެވެ.

"އަހަރެން މިއައީ ހަމަ އެންމެ ވާހަކައެއް ބުނަން. އަހަރެންނަށް ހުރިހާ ކަމެއް އެނގެއްޖެޔޭ. އަދި އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔާދިނީ ޝިފާލީ... އަހަރެންނަށް އެނގޭ ފައިސަލް އޭނާ މަރާލީކަން. އޭނާ ހެދީ ކިހިނެއްކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ. އަނުމްއާއި ޝިފާލީގެ ކުށަކަކީ ކޮބާ؟... އެނގޭތަ، މިރޭ އަހަރެން ފޮނުވީ ޝިފާލީ. ފައިސަލް ކައިރީ އެހެން ބުނަން." ފައިސަލްއާއެކީ އިތުރު ވަގުތުތަކެއް ހޭދަކުރާން ބޭނުންނުވާތީ އަހަރެން ބުނީމެވެ.

އަހަރެންގެ ވާހަކައިން ފައިސަލްގެ މޫނުން ސިހުން ފާޅުވާނޭ ހީކުރީމެވެ. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ނުފެނުނެވެ. އޭނާ އަހަރެންނަށް ބަލަން ހުރީއެވެ. ދެން ހީނގަނެއްޖެއެވެ. އޭނާގެ އަތުގައި އޮތް ކޮފީޖޯޑު ކައުންޓަރު ކުރިމަތިން ހުރި ސޯފާތަކުގެ މެދުގައިވާ ތިރި ކުޑަ މޭޒު މަތީ ބެހެއްޓިއެވެ. ހިންދެމިލުމާއެކު އޭނާ އަހަރެންނާ ދިމާއަށް އަންނަން ފެށުމުން އަހަރެން ޖެހިލީ ގެސްޓްހައުސް އިން ނުކުންނާށެވެ. ޝިކާރައަށް ތައްޔާރުވެ އޮތް ސިންގާއެއް ފުންމައިގެންހެން ފައިސަލް އައެވެ. އުދުހިފައި އައި ފަދައަކުން އޭނާއަށް އަހަރެންގެ އަތުގައި ހިފުނެވެ. އަތް އަނބުރާލުމާއެކު އަހަރެންގެ ކަރުގައި ހިފައި ފަހަތަށް ކޮށްޕާލީ ނިކަން ބާރަށެވެ. ބޮލުގެ ފުއްކިބައާއި ބުރަކަށި ގޮސް ޖެހުނީ ދޮރުކަނީގައެވެ. ވީތަދު ރަނގަޅަށް އިޙްސާސް ނުވެގެން އުޅެނިކޮށް ދެވަނަ ފަހަރަށް އަހަރެންގެ ބޯ ދޮރުކަނީގައި ޖަހައިފިއެވެ. އިހުނަށްވުރެ މިފަހަރު ޖެހުނުލެއް ބާރުވިއެވެ. ދެކަންފަތް ބައްވެ ބޮލަށް އެނބުރުން އެރިއެވެ. ފައިސަލްގެ ހަރަކާތް އެހާ ހަލުވިވެދާނޭ ހިޔެއްނުކުރަމެވެ. ހުރި ދިމާއަށް އަހަރެން ތިރާވިއެވެ. ބުރާންތިވީވަރުން ލޯމަތިން ރަންކަނި ބުރާހެން ހީވިއެވެ. އެވަގުތު އަހަރެންގެ އަތަށް ދަމާލުމާއެކު އޭނާ ދިމާ ކުރީ އަތުގައި ކޮޅުފައިން ޖަހާށެވެ. އުޅަންބޮށްޓާ ހަމައިން އަތް އިދިފުށަށް ބިންދާލާށެވެ. އަހަރެން ފައި ދިއްކޮށްލީ އޭނާ ކޮށްޕާލާށެވެ. ކުއްލިއަކަށް ފައިސަލް އަހަރެންނާ ދުރަށް ވިއްސައިގެން ގޮސް އަނގަވަތަށް ވެއްޓުނެވެ. އޭނާ ތެދުވަން މަސައްކަތް ކުރާތީ ފެނެއެވެ. ނަމަވެސް ނުފެންނަ އަތަކުން އޭނާ ތެދުވިޔަ ނުދީ ބަނޑުވަތަށް ތަޅުންމަތީ ހިފަހައްޓާފައި އޮތް ކަހަލައެވެ. އަހަރެންނަށް ޔަގީންވަނީ އަހަރެން ހޫރާލި ފައިގައި ވަރުނެތްއިރު ފައިސަލްއާ ހަމައަށް އަހަރެންގެ ފައި ނުފޯރާކަމެވެ. އޭނާ ވިއްސައިގެން ގޮސް ވެއްޓުނީ އަހަރެން ކުރި ކަމަކުން ނޫނެވެ. އެއާއެކު ދެން ފެނުނީ ގެސްޓްހައުސް ތެރެއަށް ވަދެގަތް މީހުންނެވެ. އަހަރެން ތިރާވެފައި އިންދާ އަހަރެންގެ ގާތަށް މީހަކު ގުދުވެލިއެވެ. އަހަރެންގެ ނަމުން ދެތިން ފަހަރަށް އެމީހަކު ގޮވާލިއެވެ. ކޯތާފަތުގައި އެމީހެއްގެ ފިނި ދެ އަތްތިލަ ޖައްސާލިކަމުގެ އިޙްސާސް ވެސް ކުރެވުނެވެ.

"ހޫދު... ހޫދު..." އަހަރެންގެ ކައިރީ ކުޑަކަކޫ ޖަހާލައިގެން އިނދެ ގޮވަމުންދިޔަ ޒުވާނާގެ މޫނު ސާފުވުމާއެކު އަހަރެން ގޮވާލީމެވެ. އޭނާ އަހަރެން ނަގަން އުޅުނެވެ.

"ބައިވަރު ލޭ އެބަފައިވާ... ހޮސްޕިޓަލަށް ގެންދެންޖެހޭނީ." އަހަރެންގެ ބޮލުގައި އެއްޗެއް ޖައްސައި އޮބަމުން ހޫދު ވާހަކަދެއްކީ ކައިރީގައި ހުރި ކޮންމެވެސް އެހެން މީހަކާއެވެ.

ހޫދު ލައިގެން ހުރި ކޯޓު ބޭލިއެވެ. އޭނާ ހުރީ އިތޫގެ ކައިވެނި ޙަފުލާއަށް ލައިގެން ދިޔަ ހެދުމުގައެވެ. ހޫދު އަހަރެންނާ ދައްކާ ވާހަކައަށް ސަމާލުކަމެއް ނުދެވުނެވެ. އަނބުރައިގަންނަ ފަދަ ވަރުބަލިކަމެއް އަހަރެންގެ ހަށިގަނޑަށް ވެރިވަމުން ދިޔައެވެ. ހޫދުގެ ކޯޓު އަހަރެންގެ ގައިގާ އޮޅާލުމާއެކު އޭނާގެ އަތްދަނޑި މައްޗަށް އުފުލާލައިގެން ގެސްޓްހައުސްއާ ދުރަށް އައެވެ. އޭރު އޭނާގެ ގާތުގައި ހުރި އެހެން ޒުވާނެއް އަހަރެންގެ ބޮލުގައި ހިފަހައްޓައިގެން ހުއްޓެވެ. އަހަރެން ގޮވައިގެން ހޫދު އައިސް ކާރެއްގެ ފަހަތު ސީޓަށް އެރިއެވެ. އަހަރެންގެ ދެ ލޯ މަޑުމަޑުން މެރުނީއެވެ. ދެން ލޯ ހުޅުވާލުމާއެކު އަހަރެންނަށް ފެނުނީ ގަދަ އައްޔެކެވެ. އެ އަލިކަމަށް ލޯ ހޭނެމުން ދިޔައިރު އެނދެއްގެ މަތީ ހޫދު އަހަރެން ބާއްވަނީއެވެ. ކައިރީގައި ނަރުހުންގެ ޔުނީފޯމްލީ ކުދީން އުޅޭތީ ފެނެއެވެ. ނަމަވެސް އަހަރެންގެ ސަމާލުކަން އަތުލީ ހޫދުގެ ވައަތު ކޮނޑާއި އަތްކުރި އެކީ ލެއިން ފޯވެފައިވާތީ ފެނިފައެވެ. ހުދު ގަމީހެއްވީމާ ހުރީ ނިކަން ފާޅުކޮށް ފެންނާށެވެ. މިވަނީ ކިހިނެއްކަމެއް ނަގައިގަންނަން އެވަގުތު އަހަރެންނަށް ދަތިވިއެވެ. ބޮލުގައި ހުރި ރިހުމާއެކު އަހަރެން އަނެއްކާ ވެސް ލޯ މަރާލީއެވެ.

* * * * *

ފުން ނިންޖަކުން ހޭލެވުނު ފަދައިން އަހަރެން ލޯ ހުޅުވާލީމެވެ. ހުދުކުލައިގެ ފަންގިލާއައި އެނބުރެމުން ދިޔަ ފަންކާ ފެނުނެވެ. އޮވެވުނު މާޙައުލަށް އަހަރެން ލޯ ހިންގާލީމެވެ. ނޫކުލައިގެ ފަރުދާއެއް ދެ ފަރާތުގައިވާއިރު ނޭފަތުގައި ވެސް ޖެހުނީ ހޮސްޕިޓަލު ތަކުން ދުވާފަދަ ވަހެކެވެ. އޮވެވުނީ ރަށު ހޮސްޕިޓަލުގައި ނަގައިގަންނަން ދައްޗެއް ނުވިއެވެ. އަހަރެން އޮތީ ހޮސްޕިޓަލުގެ ހެދުމެއްގައެވެ. ވައަތް ފަރާތުގައި ހުރި ގޮނޑީގައި ދެ އަތް އުރާލައިގެން ހަށިގަނޑު ގޮނޑިއަށް ދޫކޮށްލައިގެން ހޫދު އިނެވެ. އޭނާގެ ދެ ލޯ ވަނީ މެރިފައެވެ. އޭނާއަށް ގޮވާލަން ކަމަށް އަހަރެން އަތް ދަމާލީމެވެ. ނަމަވެސް އޭނާ އިނީ އަހަރެންގެ އަތް ފޯރާ ހިސާބަށްވުރެ ދުރުގައެވެ. މަޑުމަޑުން އަހަރެން އެނދުން ތެދުވީމެވެ. އެހިނދު ބޮލަށް ބަރުވިއެވެ. ބޮލުގައި އަޅާފައި އޮތް ބޭސްގަނޑު އިޙްސާސް ކުރެވި އަހަރެން އަތް ޖައްސާލީމެވެ.

"އަހަރެންގެ ބޯ ފަޅައިގެން ދިޔައީތަ؟." އަމިއްލަ ހިތާ އަހަންނަށް ސުވާލުކޮށްލެވުނެވެ. ރޭ އަހަރެންނާ ދިމާލަށް ފައިސަލް އައިގޮތް ލޯމަތިން ސިފަކުރެވުނެވެ. ދޮރުކަނީގައި ގޮސް ބޯ ޖެހުނީ ކިހާ ބާރަށްކަން އަހަރެންނަށް ބުނަން އެނގެއެވެ.

"އާނަ..." ހޫދުގެ އަޑު އިވުނެވެ. އޭނާ ވަގުތުން ގޮނޑިން ތެދުވެ އަހަރެންގެ ގާތަށް ޖެހިލިއެވެ. އަހަރެން ބޮލުގައިވާ ބޭސްގަނޑުގައި އަތްލައިގެން އިންގޮތުން ހޫދު ހާސްވިއެވެ. ފަޅައިގެން ދިޔައީ ނިކަން ބޮޑަށް ކަމާއި އެތަން ބައްދަން ފަހަން ޖެހުނުކަން ހޫދު ބުންޏެވެ. އަދި ތަދު ހުންނާނޭކަން ޑަކްޓަރު ބުނެފައިވާކަން ބުންޏެވެ.

"މިހެންވެދާނެތީ އަހަރެން ޤަބޫލުނުވީ." ހާސްކަމާއި ކަންބޮޑުވުން އެއްފަރާތްކޮށް ހޫދު ހިތްހަމަނުޖެހޭ ގޮތް ދައްކާލިއެވެ.

"ކޮބާ އޭނާ." އަހަރެން އަހާލީމެވެ. ހޫދުގެ ދެބުމަ ކައިރިކޮށްލުމާއެކު ތުންފިއްތާލިއެވެ. ގަޔާނުވެގެންކަން އެނގެއެވެ.

"މިކޮޅު ޕޮލިސްޓޭޝަންގައި. ގެސްޓްހައުސް ބަލާ ފާސްކޮށް، އެ ސިއްރު ކޮޓަރީގައި ހުރިހާ އެއްޗެއް ނަގައިފި. މިހާރު ހުރިހާ އެއްޗެއް ހުރީ އަހަރެމެންގެ ބެލުމުގެ ދަށުގައި." ހޫދު ބުންޏެވެ.

"އޭނާ އެއްވެސް އެއްޗެކޭ ބުނިތަ؟. ޖަލަށްތަ ދެން ގެންދާނީ." އަހަރެން ސުވާލު ކުރީމެވެ.

"އަތޮޅު ސްޓޭޝަނަށް ގެންދަން އެއުޅެނީ. މި ރަށުގައި ނުބަހައްޓަންވެގެން. މާލެއަށް ބަދަލުކުރާނީ... މިވަގުތު ދެން ސުވާލުނުކޮށް އާނަ ރެސްޓްކޮށްލެވޭތޯ ބަލާބަލަ." ހޫދު ބުންޏެވެ. އަދި އަހަރެންގެ ކޮނޑުގައި ހިފާލުމާއެކު އެނދުގައި ބާއްވައިފިއެވެ.

"އަހަރެން މާލެ ދާން ބޭނުމީ." މަޑުމަޑުން އަހަރެން ބުނީމެވެ.

(ނުނިމޭ)