ވިއްސާރައިގެ ސަަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ފެމިލީ ކޯޓުގެ ބައެއް ހިދުމަތްތައް މެދުކަނޑާލައިފި އެވެ.
ހެންވޭރުގައި ސިނަމާލެ ބްރިޖު ކައިރީގައި ހުންނަ ފެމިލީ ކޯޓަށް ގެއްލުންތަކެއް ލިބުނީ ރޭ މާލެއަށް ބޯކޮށް ވެހުނު ވާރެއާ ގުޅިގެން އިމާރާތުގެ ފުރާޅު ފޫގޮސް އިމާރާތުގެ ތެރެއަށް ފެން އެޅުމުންނެެވެ.
ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ކަރަންޓުގެ މައްސަލަތަކެއް ވެސް ކުރިމަތިވެފައިވާއިރު ތަނުގައި ހުރި ސާވާ ރޫމަށް ލިބުނު ގެއްލުމާ ގުޅިގެން އިންޓަނެޓްގެ ހިދުމަތް ލިބުމުގައިވެސް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ފެމިލީ ކޯޓުގެ ބައެއް މަސައްކަތްތައް މިހާރު ވަނީ ޖަސްޓިސް ބިލްޑިންއަށް ވެސް ބަދަލުކޮށްފަ އެވެ. އެގޮތުން ފެމިލީ ކޯޓުން ކުރަމުން ދިޔަ ކައިވެނިކޮށްދިނުމާ ގުޅޭ އިދާރީ ކަންކަން މިއަދު ކުރިއަށް ގެންދަނީ ޖަސްޓިސް ބިލްޑިންގެ ގުރައުންޑް ފްލޯގައި ޑެސްކެއް ބަހައްޓައިގެންނެވެ. އަދި ދެމަފިރިން ސުލްހަކުރަން ފެމިލީ ކޯޓުގައި މިއަދު ބާއްވަން އޮތް އަޑުއެހުންތައްވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.
ފެމިލީ ކޯޓަށް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައި މިވަނީ ދުވަސްވީ އެ އިމާރާތް މަރާމާތުކުރަން މިިދިޔަ މާޗު މަހު ބަޔަކާ ހަވާލުކޮށް އެ މަސައްކަތް ހިނގަމުން ދަނިކޮށެވެ.