މޯލްޑިވްސް ޕޮލިސް ސާވިސް

ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ތަފާތު އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

ދޫނިދޫގައި އިއްޔެ ނައްތާލި ބަނގުރަލަކީ، ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ހުރި މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޓޫރިސްޓް ޕޮލިސް، ހުޅުމާލެ ޕޮލިސް އަދި ޑްރަގު އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ.

ފުލުހުން ބުނި ގޮތުގައި ނައްތާލައިފައިވަނީ ބްރޭންޑެޑް 4،100 ފުޅިއާއި، 743 ޕެޓް ފުޅިއާއި، 4،421 ދަޅުގެ އިތުރަށް 19 ޕެކެޓް ބަނގުރަލެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 79 އައިޓަމެއް ނައްތާލާފައިވެ އެވެ.

ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނެ އެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ އެކަންކުރުމަށް އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.