މަސްތުވާތަކެތި

264 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

Sep 8, 2022

އެކި މައްސަލަތަކުގައި އަތުލައިގެންފައިވާ 264 ކިލޯއަށް ވުރެ ގނަ މަސްތުވާތަކެތި މިއަދު ދޫނިދޫގައި ނައްތާލައިފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މިއަދު ނައްތާލި 264.93 ކިލޯގެ މަސްތުވާތަކެއްޗަކީ މިދިޔަ އަހަރު އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރެއިން ނައްތާނުލައި ހުރި މަސްތުވާތަކެތި ކަމަށެވެ.

ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 10،888 ރަބަރު ޕެކެޓާއި، 4،285 ސެލޯފިންކޮޅާއި، މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި 246 ދަޅާއި، 130 ބުލެޓާއި، 40 ބިޑި އެވެ.

ފުލުހުން މިއަދު ދޫނިދޫގައި މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރަނީ

މީގެއިތުރުން މަސްތުވާތަކެތި ބަންދުކުރުމަށާއި ބޭނުންކުރުމަށް ގެންގުޅޭ 4،559 އެއްޗަކާއި މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރާ 6،359 ބޭސްގުޅަ ވެސް ފުލުހުން މިއަދު ނައްތާލާފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ އިދާރާގެ ބެލުމުގެ ދަށުގައި މިހާރު ނައްތާނުލެވި ހުރީ 30 ކިލޯގެ މަސްތުވާތަކެއްޗެވެ. އެ ތަކެތި ނައްތާލެވޭނީ ކަމާ ގުޅޭ އިދާރާތަކުގެ ހުއްދަ ލިބުމުން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.