މުހައްމަދު އަސްލަމް

ޖަލްސާ ބޮއިކޮޓެއް ނުކުރަން: އަސްލަމް

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައި ނުވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީގެ މެންބަރުން މަޖިލީހަށް ހާޒިރުވެ، ޖަލްސާ ކުރާ މާލަމަށް ވަދެވަޑައިނުގެން އަނެއްކާވެސް މަޖިލިސް ހުއްޓުވާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރަން ނުވަތަ ޖަލްސާ ހުއްޓުވަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އެއްވެސް ނިންމުމެއް ނިންމައިގެން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

މަޖިލީހަށް މިއަދު ހާޒިރުވެ ހާޒިރީގައި ސޮއިކުރެއްވުމަށްފަހު ޖަލްސާ ކުރާ މާލަމަށް ވަދެވަޑައިނުގަންނަވާ އެމްޑީޕީގެ މެންބަރުންގެ ނަންތައް ރައީސް ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވިދާޅުވެފަ އެވެ.

މިކަމާ ހިތްހަމަޖެހިވަޑައިނުގެން އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ކުރާ މާލަމަށް ވަދެވަޑައިނުގެން ތިއްބެވީ ހަމައެކަނި އެމްޑީޕީގެ މެންބަރުން އެކަނި ނޫން ކަމަށެވެ. އެކަމަކު ވާދަވެރި އެހެން ޕާޓީތަކުގެ މެންބަރުންގެ ނަން ވިދާޅުވެފައިވާތީ ނުވާތީ އެއީ ތަފާތުކުރުމެއް ކަމަށް ސިފަކުރައްވާ އަސްލަމް ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ.

މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީގެ މެންބަރުން ވަދެވަޑައިނުގަތީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލްތައް އެޖެންޑާ ކުރުން މަޖިލީހުގެ ރިޔާސަތުން ލަސްކުރަމުން ދާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ޖަލްސާއެއްގެ ކޯރަމަކީ 22 މެންބަރުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭތޯ ރައީސް ނަޝީދު ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ކޯރަމު ހަމަނުވެގެން ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވުމުން މިއަދުގެ ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ.