ވިޔަފާރި

ދިރާގުން އިންޓަނެޓް ޓީވީގެ ހިދުމަތް ތައާރަފްކޮށްފި

Jan 25, 2015

ރާއްޖޭގެ އެންމެ ބޮޑު އެއް މޮބައިލް ނެޓްވޯކް ކަމަށްވާ ދިރާގުގެ ކަސްޓަމަރުންނަށް އިންޓަނެޓު ޓީވީގެ މިއަދު ހިދުމަތް ތައާރަފުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފުކޮށްދެއްވަމުން އެ ކުންފުނީގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އެ ކުންފުނިން މި ތައާރަފުކުރި އިންޓަނެޓު ޓީވީގެ ހިދުމަތް މެދުވެރިކޮށް އެންމެ ބާރު ސްޕީޑުގައި ޓީވީގެ ހިދުމަތް ފޯނުތަކާއި ހަމައަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ދިރާގަކީ ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުނިން ބުނީ އިންޓަނެޓު ޓީވީގެ ހިދުމަތް ހޯދުމަށް މިހާރު ދޫކޮށްފައިވާ ހަ ޗެނަލެއް ކަމަށެވެ. އެއީ ރާއްޖޭގެ ޗެނަލްތަކެއް ކަމަށްވާ ޓީވީއެމް. ދިޓީވާ، ވީޓީވީ، ރާއްޖެ ޓީވީ، ޗެނަލް 13 އަދި ސަން ޓީވީ އެވެ. 

ދިރާގުން ބުނީ މި ހިދުމަތް އަންނަ މަހު 28 ގެ ނިޔަލަށް ހިލޭ ލިބޭނެ ކަމަށެވެ.

ދިރާގުން މި ހިދުމަތް ތައާރަފްކުރި އިރު އުރީދޫ އިން އިއްޔެ ވަނީ ޕްލޭ ކާސްޓް މޯލްޑިވްސްއާ ގުޅިގެން މޮބައިލް ޓީވީގެ ހިދުމަތް ފޯނުތަކަށް ދޫކުރަން ފަށައިފަ އެވެ. އުރީދޫން ދޫކުރި މޮބައިލް ޓީވީގެ ހިދުމަތް ހޯދުމަށް "ގޯ ޖެހުމަށްފަހު 5577" އަށް މެސެޖު ކުރުމުން ލިންކެއް ލިބެ އެވެ. އަދި އެ ލިންކަށް ފިއްތާލުމުން މޮބައިލް ފޯނުތަކުން ޓީވީ ވަގުތުން ލިބެ އެވެ.