ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުން ހުށަހަޅަނީ ދެ ޕާޓީއަށް ދެ ޝަރުތު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާ އެކު ކޯލިޝަން ހެދުމަށް ޝަރުތުތަކެއް ކަނޑައަޅައި ދަ ޑިމޮކްރެޓްސް އިން މިރޭ ގަރާރެއް ފާސްކޮށްފި އެވެ.

ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލުގައި މިރޭ ބޭއްވި ދަ ޑިމޮކްރެޓްސްގެ ކައުންސިލަށް ގަރާރު ހުށަހެޅުއްވީ ކައުންސިލް މެންބަރު މުހައްމަދު ޝިފާޒު އެވެ.

ޝިފާޒުގެ ގަރާރުގައި ޑރ. މުއިއްޒު ނިސްބަތްވާ ޕީޕީއެމް ޕީއެންސީއަށް ޝަރުތުކޮށްފައިވަނީ މުއިއްޒަށް އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންފިނަމަ ސަރުކާރުގެ ބައެއް މަގާމުތަކަށް އެ ޕާޓީއަށް ހަމަޖެއްސުމާއި ޑިމޮކްރެޓުންގެ ބައެއް ސިޔާސަތުތައް މުއިއްޒުގެ ސަރުކާރެއްގައި ތަންފީޒުކޮށްދިނުމަށެވެ.

ޕީޕީއެމް ޕީއެންސީ އިން ޝަރުތުތަކަށް އެއްބަސްވާނަމަ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއްބަސްވުމެއްގައި ސޮއިކުރަންވެސް ޝަރުތުކޮށްފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ގަރާރުގައި ޝަރުތުކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓަކަށް އާންމު ވޯޓަކަށް އެހުމަށް އެއްބަސްވުމަށެވެ.

މި ގަރާރުގައި ވަނީ ދެ ކެންޑިޑޭޓުން ޑިމޮކްރެޓުންގެ ޝަރުތުތަކަށް އެއްބަސްނުވާނަމަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށްވެސް ހުށަހަޅުއްވާފަ އެވެ.

ގަރާރު ފާސްކުރީ އެ ވަގުތު ބައްދަލުވުމުގައި ތިއްބެވި 50 މެންބަރުންގެ އަގުލަބިއްޔަތު ވޯޓުންނެވެ.

ގަރާރުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ޝަރުތުކުރަން ޖެހުނީ ނިޒާމީ ވޯޓު ނެގުމަށް ރައީސް ސޯލިހް މީގެކުރިންވެސް އެއްބަސްވެވަޑައިގެންނެވި ގޮތަށް އަމަލުން އެކަން ކުރައްވާފައި ނުވާތީ އިތުބާރު ނުކުރެއްވޭތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ސެޕްޓެމްބަރު 30ގެ ފަހަށް މިކަންކުރަން އުޅެފިނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ވޯޓު އެއްސެވި ކަމަށް ވިޔަސް ފެއިލް ކޮށްލާނެޔޭ،" އީވާ ވިދާޅުވި އެވެ.

ގަރާރުގެ ބަހުސްގައި ޑިމޮކްރެޓުންގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ނޫނީ ކުރިއަށް ނުދެވޭނެ ކަމަށް މިހާރު ތަޖުރިބާކުރެވިއްޖެ ކަމަށެވެ. އަދި ޑިމޮކްރެޓުންގެ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ބަލިކުރުން ކަމަށްވެސް ވިދާޅުވި އެެވެ.

"ރައީސް ސޯލިހް ބަލިކުރުމަށްފަހު މުއިއްޒު ވެރިކަމުން ބޭލުން އެއީ ކުރަންވީ ކަމަކީ،" އާޒިމް ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް އޭނާ ތާއީދުނުކުރައްވާ ކަމަށެވެ. އެހެންވެ އޭނާ އެދިވަޑައިގަތީ މަޖިލިސް އިންތިހާބަށް ތައްޔާރުވުމަށެވެ.

"މި މީހުންގެ ފަހަތުން ނުދެވެ ދެން އޮންނަ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވާންވީ،" އަފީފް ވިދާޅުވި އެވެ.