ރައްޔިތުންގެ މަޖިލިސް

ކޯރަމް ނުލިބިގެން މިއަދުވެސް ޖަލްސާ ނުފެށިފަ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ކޯރަމް ހަމަނުވުމުން ޖަލްސާ ނުފެށި ލަސްވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ފަށަން އޮތީ ހެނދުނު 9:00 ގައެވެ.

ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯރަމް ހަމަނުވާކަން ފާހަގަކުރައްވާ މެންބަރުން ވަޑައިގަންނަވަންދެން މަޑުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު މިއަދުވެސް މަޑުކޮށް މިއިނީ އިއްޒަތްތެރި މެންބަރުން މަޖިލީހަށް ވަޑައިގަންނަވަންދެން. މިވަގުތު ހާޒިރުވެވަޑައިގެން ތިއްބެވީ 17 އިއްޒަތްތެރި މެންބަރުން. އެހެން ނަމަވެސް މަޖިލީހުގެ ކުޑަދޮށުގައި މެންބަރުން އެބަ ތިއްބެވި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ މެންބަރުން މަޖިލީހަށް ވަޑައިގެން ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ވެރިކަމުގެ ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގެ އިބްތިދާއީ ބަހުސް އެޖެންޑާކޮށްފަ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް ކޯރަމް ހަމަނުވުމުން ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ.