ޓެކްސީގެ ހިދުމަތް

ޓެކްސީ ރަޖިސްޓްރީކުރަން ގަރާޖު ސިޓީ ދެން ބޭނުމެއް ނުވާނެ

ގަރާޖު ސިޓީއާ ނުލައި ޓެކްސީ ރަޖިސްޓްރީ ކުރެވޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގަވައިދަށް އިއްޔެ ގެނެސްފައިވާ އިސްލާހާ ގުޅިގެން ޓެކްސީތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ދެން ގަރާޖު ސިޓީ ބޭނުމެއް ނުވާނެ އެވެ.

އެކަމަކު ހަތަރު ފުރޮޅުލީ އެހެން އުޅަނދުތައް އަދިވެސް ރަޖިސްޓްރީކޮށްދިނުމަށް ނިންމާފައިވަނީ ބާއްވާނެ ގަރާޖެއް ދެއްކުމުންނެވެ.

ޓެކްސީތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ހުށަހަޅަން އޮންނަ އުސޫލު އުވާލާފައި މިވަނީ އެކަމަށް ގިނަ ބަޔަކު އެދެމުން ދަނިކޮށެވެ.

ގަރާޖު ސިޓީ އުވާލުމުގެ މައްސަލައެއް މިހާރު ކުރިއަށްދާ 19 ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އޭރު ވަނީ މި ހުށަހެޅުން ބޭރުކޮށްލާފަ އެވެ.

ޓެކްސީތައް ރަޖިސްޓްރީ ކުރާއިރު ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތް ހެދި ނަމަވެސް ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 10,000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ.