އދ. ދިއްދޫ

ދިއްދޫ ފަރަށް އެރި ޓަގާއި ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

ހއ. ދިއްދޫ ފަރަށް އެރި ބާޖާއި ޓަގް ބޯޓުގެ ސަބަބުން ލިބުނު ގެއްލުންތަކާއި ގުޅިގެން މި ދެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

މުތާ ޕްރައިޑްގެ ނަމުން ނަންދީފައވާ ބާޖާއި މުތާ ޕްރިންސަސްގެ ނަމުން ނަން ދީފައިވާ ޓަގް ބޯޓު ދިއްދޫ ފަރަށް އެރީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު އެވެ. މި ދެ އުޅަނދު ފުންކުރެވުނީ މެއި ހަތަރުވަނަ ދުވަހުގެ މެންދަމުގެ ވަގުތުގައެވެ.

މި ދެ އުޅަނދުގެ ވެރިފަރާތަކީ ބޭރުގެ ކުންފުންޏެއް ކަމުގައިވާ އެޗްއާރްއެސް އިންފްރާޓެކް ޕްރައިވެޓް ލިމިޓެޑް އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ މި ދެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މެއި 12 ވަނަ ދުވަހު އެ އެޖެންސީގެ ޓީމެއް އެ ސަރަހައްދަށް ގޮސް އެ އުޅަނދުތަކުގެ ވެރިފަރާތުގެ ސާވެޔަރަކާއެކު ސާވޭ ކުރި ކަމަށެވެ.

ސާވޭއާ ހަވާލާދީ އީޕީއޭ އިން ބުނީ ދިއްދޫ ފަރުގެ 4،038 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކަމާ ގުޅޭ ގަވައިދުގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 101,743,400 ރުފިޔާ ކަމަށެވެ. ނަމަވެސް ކަމާ ގުޅޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުން ކަމަށްވާތީ އެޗްއާރްއެސް އިންފްރާޓެކް ޕްރައިވެޓް ލިމިޓެޑް އެ އަދަދުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާ ފައިސާ ދެއްކުމަށް މިއަދުން ފެށިގެން ދީފައިވަނީ 30 ދުވަހެވެ.

ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދާނެ ކަމަށްވެސް އީޕީއޭ އިން ބުނެފައިވެ އެވެ.