ޑރ. މުހައްމަދު މުއިއްޒު

މުސާރައިގެ ކުރިއެރުން ދޭނީ ބަހާލައިގެން: މުއިއްޒު

ދައުލަތު މުވައްޒަފުންގެ މުސާރަތައް ބޮޑުކުރާނީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެކި އަހަރުތަކަށް ބަހާލައިގެން ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ އާޓިފިޝަލް ބީޗުގައި މިމަހުގެ 15 ވަނަ ދުވަހުގެ ރޭ އޮތް ކެމްޕޭން ޖަލްސާއެއްގައި މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންނަށް މިހާރު ލިބޭ މުސާރަ ދެ ގުނަ ބޮޑުކޮށްދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ދައުލަތުގެ އެހެން މުވައްޒަފުންނަށްވެސް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ އިގްތިސާދީ ހާލަތު އޮތް ގޮތުން މުއިއްޒުގެ މި ވައުދަށް ބައެއް އާންމުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އަދި އިގްތިސާދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި އެކަން ކުރާނީ ކިިހިނެއްތޯވެސް ބައެއް ގެންދަނީ ސޯޝަލް މީޑިއާގައި ސުވާލުކުރަމުންނެވެ.

އާންމުންގެ ކަންބޮޑުވުންތަކަށް މުއިއްޒު މިރޭ ޖަވާބު ދެއްވީ ސަންގު ޓީވީ އާއި ޗެނަލް 13 ގުޅިގެން މިރޭ ގެނެސްދިން "އާސްކް މުއިއްޒު" ޕްރޮގްރާމްގައި އާންމުންގެ މީހަކު ފޯނުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މުއިއްޒު ވިދާޅުވީ ދައުލަތުގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދޭނީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްފަހު އަދި އެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށްފަހު ރަނގަޅުވާ ނިސްބަތަކަށް ބެލުމަށްފަހު ކަމަށެވެ.

މުއިއްޒު ވަނީ މުސާރަތައް ބޮޑުކުރުމުގައި ގެންގުޅުއްވާނެ އުސޫލެއްވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ 2024 ވަނަ އަހަރު މުސާރަތަކަށް 35 ޕަސަންޓުގެ ކުރިއެރުމެއް ދިނުމަށްފަހު، 2026 ވަަނަ އަހަރުވެސް އެ އަދަދަށް މުސާރައިގެ ކުރިއެރުން ދިނުމަށްފަހު 2028 ވަނަ އަހަރު 30 ޕަސަންޓުގެ ކުރިއެރުމެއް މުސާރަތަކަށް ގެނެސް ދެއްވާނެ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އޭނާ ވައުދުތައް ވެވަޑައިގަންނަވަނީ ހާއްސަ ޓެކްނިކަލް ޓީމަކުން ކަންކަން ބަލައި ދިރާސާކުުރުމަށްފަހު އެކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވުމުން ކަމަށެވެ. މުސާރައިގެ ވައުދަކީ ފުއްދައި ނުދެވޭނެ ވައުދެއް ނަމަ އެކަން އަލުން މުރާޖައާ ކުުރުމަށްފަހު ބަދަލެއް ގެންނަން ޖެހޭ ނަމަ އެ ބަދަލު ގެންނާނެ ކަމުގައިވެސް ވިދާޅުވި އެެވެ.

"އެކަމަކު މިވަގުތަށް މިކަން ނުވާނެ ކަމަށް ނުފެނޭ،" މުއިއްޒު ވިދާޅުވި އެވެ.