އަލީ ވަހީދު

އަލީ ވަހީދު ޖޭޕީ އިން ވަކިވެވަޑައިގެންފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިހުގައި މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް ދިވެހި ގައުމާ ރައްޔިތުންގެ ސަފުގައި ދެމިހުންނަވާނެ ކަމަށެވެ.

އަލީ ވަހީދު ޖޭޕީ އިން ވަކިވެވަޑައިގެންފައި މިވަނީ ރޭގެ ވަގުތެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށްފަހު އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަލީ ވަހީދު ހުންނެވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕޭން އެޖެންޓުގެ ގޮތުގައެވެ.

އަލީ ވަހީދު ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނު އުފެއްދެވި ޑީއާރްޕީގެ ތެރެއިންނެވެ. ޑީއާރްޕީގެ ޓިކެޓްގައި ތޮއްޑޫ ދާއިރާގެ މަޖިލިސް މެންބަރަކަށް ހުންނެވުމަށްފަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭނާ ގުޅިވަޑައިގަތީ އެމްޑީޕީ އަށެވެ. އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭގެފަހުން އެމްޑީޕީގެ ވެރިކަން ބަދަލުވެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ރައީސްގެ މަގާމުވެސް ކުރިން ފުރުއްވާފައިވެ އެވެ.