ޕީޕީއެމް

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ރައޫފް ޕީޕީއެމްއަށް ސޮއިކުރައްވައިފި

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.

ރައުފްގެ މެންބަޝިޕް ފޯމް ހަވާލުކުރީ ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ކުޑަ ޖަލްސާ ގައެވެ.

ޕީޕީއެމް އިން ބުނީ މިއަދު އެކަނިވެސް 50 އަށް ވުރެ ގިނަ މީހުން އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގައި 11 އަހަރު ހުންނެވުމަށްފަހު ރައޫފް އެ މަގާމުން އިސްތިއުފާ ދެއްވީ މެއި 31، 2022 ގައެވެ.

ރައޫފް އިސްތިއުފާ ދެއްވީ ޖޭއެސްސީ އިން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފަހުންނެވެ. އެކަމަކު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށް ނިންމާ އަލުން އެ ކޮމިޝަނަށް މައްސަލަ ފޮނުވާލާފަ އެވެ.

ޖޭއެސްސީން ފަނޑިޔާރު ރައޫފްއާ ގުޅޭގޮތުން ބެލީ އުސޫލުގެ ބޭރުން ފްލެޓެއް ބައްލަވައިގެން ކަމަށް ބުނާ މައްސަލަ އެވެ. މި ފްލެޓް ފަނޑިޔާރު ރައޫފް ބައްލަވައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.