ޑރ. މުހައްމަދު މުއިއްޒު

ހައްގުތައް ކަށަވަރުކޮށްދޭން އިދާރާއެއް އުފައްދާނަން: މުއިއްޒު

ކޮންމެ ރައްޔިތަކަށްވެސް އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އެކަމަށް ހާއްސަކޮށްގެން ދައުލަތުގެ ވަކި އިދާރާއެއް އުފެއްދެވުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ރ. ހުޅުދުއްފާރުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް އޭނާގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދިނުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ހައްގެއް ނުލިބިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާ މީހުންނަށް އަދި އެ ޝަކުވާއެއް ހައްލުކުރަން ހާއްސަކޮށްގެން އިދާރާއެއް އުފައްދަވާނެ ކަމުގައި ވިދާޅުވި އެވެ.

"ސިވިލް ރައިޓްސް ޑިޕާޓްމަންޓް ބޭރު ބައެއް ގައުމުތަކުގައި ހުރޭ. މީގައި މުހިއްމު ވަނީ ނަމެއް ނޫން. އެކަންކަން ވެގެންދިއުން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ސިޔާސަތުތައް ހުރި ގޮތުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެވިފައި ނުވާ ކަމަށެވެ. އެކަމަކު އޭނާގެ ވެރިކަމެއްގައި ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

"އަޅުގަނޑު ނޫޅެން ވެރިކަމަކީ ބޮޑު އިއްޒަތެއްގެ ގޮތުގައި ދެކިގެނެއް. އެއަށް ވުރެ ބޮޑު ޒިންމާއެއް މިއީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ސަރުކާރުގެ މަޝްރޫއުތައް ލަސްކަމުންނާއި އަދި އިންޑިއާއާ އެކު މިސަރުކާރުން ބާއްވާ ގާތްގުޅުންތަކުގެ ކަންކަން ނިންމުމުގައި ދިވެހި ދައުލަތުގެ އަމިއްލަ ބާރު ކެނޑެމުންދާ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މުއިއްޒުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ސޯލިހްގެ ފަސް އަހަރުގެ ވެރިކަން ނިމުމަކާ ކައިރިވީއިރުވެސް 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދުމަށް ހަމަޖެހިފައިވާ ތިލަމާލެ ބްރިޖުގެ އެންމެ ތަނބެއްވެސް ޖެހިފައި ނުވުމެވެ. އެކަމަކު ބްރިޖަށް މިހާތަނަށް 193 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެފަހުައި މުއިއްޒު އެދިވަޑައިގަތީ މަޝްރޫއުތައް ލަސްވާ ސަބަބާ ގުޅޭގޮތުން އާންމުން ރައީސް ސޯލިހްއާ ސުވާލުކުރެއްވުމަށެވެ. އޭނާގެ ވެރިކަމެއްގައި މަޝްރޫއުތައް އަވަސްކުރުމާއެކު ރައްޔިތުން ބޭނުންވާ ގޮތަށް އެކަމެއް ކޮށްދެއްވާނެ ކަމުގައިވެސް ވިިދާޅުވި އެވެ.

މުއިއްޒު ވަނީ ހުރިހާ ރައްޔިތުން ގުޅިގެން ގައުމީ ވިސްނުމެއްގައި އޭނާއަށް ވޯޓު ދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.